މޯލްޑިވްސް ޕޯސްޓު ލިމިޓެޑުން ދެމުންދާ ޚިދުމަތްތަކުގެ ތެރެއިން އޮންލައިންކޮށް މުދާ ގަނެވިއްކުމަށް މަގުފަހިކުރުމަށް އެކުލަވާލާފައިވާ ޕްލެޓް ފޯރމް ކަމުގައިވާ އީ-ޓުކުރީގެ މޯބައިލް އެޕްލިކޭޝަން ތައާރަފުކޮށްފިއެވެ.
މި އެޕްލިކޭޝަން ބުރާސްފަތި ދުވަހު ދުވަހުގެ ރޭ ލޯންޗުކޮށްދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާއެވެ.
މި އެޕްލިކޭޝަންގެ އެންމެ ޚާއްސަ ބަޔަކީ ކޮމިއުނިޓީ އޮންލައިން ޝޮޕެވެ. މިއީ ކޮންމެ ރަށަކަށް ޚާއްސަ އޮންލައިން ފިހާރަ ކޮންސެޕްޓްގައި އެ ރަށެއްގެ އުފެއްދުންތެރިންގެ އުފެއްދުންތައް ގަނެ، ވިއްކުމުގެ ފުރުސަތު ލިބިގެންދާ ރަށު އޮންލައިން ފިހާރައެކެވެ. އީ-ޓުކުރީގެ ދައުރަކީ މިގޮތަށް ޤާއިމުކުރެވޭ ރަށު އޮންލައިން ފިހާރައިގައި ބައިވެރިވުމަށް އެ ރަށެއްގެ އުފެއްދުންތެރިންނަށް ބާރު އަޅައި، އޮންލައިން ފިހާރައިގައި ބައިވެރިވާ އުފެއްދުންތެރިންގެ އުފެއްދުންތައް މުޅި ރާއްޖެއަށް މާކެޓް ކުރުމާއި ވިއްކާ މުދާ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޕޯސްޓް މެދުވެރިކޮށް ޑެލިވަރކޮށްދިނުމެވެ.
ޕޯސްޓުން އިތުރަށް ބުނީ ގޭގައި ތިބެގެން ތަފާތު އުފެއްދުންތައް އުފައްދާ މީހުންނަށް، ފޮޓޯ ނަގައިދީ އީޓުކުރި ރަށު ފިހާރައިގައި ހިމަނައިދިނުމަކީ ވެސް އެތަނުން ކުރާނެ ކަމެއް ކަމަށެވެ. އީ-ޓުކުރި ރަށު އޮންލައިން ފިހާރައަކީ ރަށުގައި އުފައްދާ އުފެއްދުންތައް ޕްރޮމޯޓްކުރާ ޕްލެޓްފޯމަކަށްވާއިރު ރާއްޖެއިން ބޭރުން އިމްޕޯޓްކުރާ މުދާ އެ ޕްލެޓްފޯމްގައި މާރކެޓް ނުކުރެވޭނެއެވެ.
ޕޯސްޓުން އިތުރަށް ބުނީ ވަކި އުފެއްދުންތަކަކީ އޯޑަރު ލިބުމުން ތައްޔާރުކުރެވޭ އުފެއްދުންތަކަށްވާއިރު އެފަދަ މީހުންނަށް ވެސް ރަށު އޮންލައިން ފިހާރައަށް ރަޖިސްޓްރީވުމުގެ ފުރުސަތު އޮތް ކަމަށެވެ.