ކ. މާލެ
|
14 ޖުލައި 2023 | ހުކުރު 03:30
އީސީގެ ރައީސް ފުއާދު ތައުފީގު
އީސީގެ ރައީސް ފުއާދު ތައުފީގު
ރާއްޖެއެމްވީ
ވޯޓުލުމުގެ އިންތިޒާމު
މަަސައްކަތްކުރަނީ ވޯޓުލުމުގައި ޚާއްސަ އެހީތެރިކަން ބޭނުންވާ ހުރިހާ ފަރާތްތަކަށްވެސް ފަސޭހަގޮތްތަކެއް ހޯދައިދިނުމަށް: ފުއާދު
ލޯފަން މީހުންނަށް އަމިއްލައަށް ވޯޓުލެވޭ އިންތިޒާމު ވަނީ ހަމަޖައްސާފައި
ވީލްޗެއަރ ގައި އަންނަ މީހުންނަށްވެސް ފަސޭހައިން ވޯޓުލެވޭނެ އިންތިޒާމު ހަމަޖައްސާނެ

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގައި ޚާއްސަ އެހީތެރިކަން ބޭނުންވާ ހުރިހާ ފަރާތްތަކަށްވެސް ފަސޭހަ ގޮތްތަކެއް ހޯދުމަށް މަސައްކަތްކުރައްވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް އީސީން ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފުއާދު ވިދާޅުވީ ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް އަމިއްލައަށް ވޯޓުލެވޭގޮތަށް އިންތިޚާބުތަކާއި ބެހޭ އާންމު ގާނޫނަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާކަމަށެވެ. ކޮންމެ ކަމެއްވެސް އަލަށްކުރާއިރު އުނދަގޫތަކެއް ހުންނަކަމަށާއި އެގޮތުގެ މަތިން ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލެވޭގޮތް ހެދުމަށް ކުރަމުންދާ މަސައްކަތުގައިވެސް އުނދަގޫތަކެއް އެބަހުރިކަމަށް ފުއާދު ވިދާޅުވިއެވެ.

ނަމަވެސް މިކަމުގައި އެސޯސިއޭޝަންތަކާއި ގުޅިގެން ކަމާގުޅޭ މައުލޫމާތު އެމީހުންނަށް ފޯރުކޮށްދެވިއްޖެނަމަ އެކަން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމަށް ފުއާދު ވިދާޅުވިއެވެ. އަދި މިކަމަކީ އެމީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށްވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ފުއާދު ވިދާޅުވިއެވެ.

އެހެންނޫނީ އަބަދުވެސް ލޯފަން މީހުން ޖެހެނީ އެހެން މީހަކާއެކު ގޮސް އެހެން މީހަކު ލައްވާ ފަހަގަ ޖައްސަން. އެހެންދާއިރު ލޯފަން މީހާ ގަބޫލުކުރަންޖެހެނީ އޭނާ އާއެކު ދާމީހާ އެމީހާ ބުނާ ތަނެއްގައިކަން ފާހަގަޖެހީ. އެމީހާ ބުނާ އެއްޗެއް ގަބޫލުކުރަންޖެހޭނީ. ނަމަވެސް މިހާރު އަމިއްލައަށް އެމީހަކަށް ވޯޓުކަރުދާހުގައި އިހުސާސްވާނެ އަދި އެއާއެކު އޮންނަ ޕްލާސްޓިކް ކޮޅުގެ އެހީގައި އެނގޭނެ ކަނޑާފައި ހުންނަ ތަންތަނުން ނަންބަރު އެކެއް، ދޭއްް ތިނެއް އޮތީ ކޮންތާކުތޯ. އެދިމާލުގައި ފާހަގަޖެހީމާ އެނގޭނެ އެމީހާ ބޭނުން ކެންޑިޑޭޓަކަށްކަން ފާހަގަ މިޖެހެނީ. އަދި ނުޖެހޭނެ އެކީގައި ދާ މީހާއަށް ދައްކާކަށްވެސް. އަމިއްލައަށް މިނިވަންކަމާއެކު އިތުބާރާއެކު އެމީހަކު ބޭނުން މީހަކަށް ވޯޓު ލެވޭނެ.
ފުއާދު ތައުފީގު/ އީސީގެ ރައީސް

ފުއާދު އިތުރަށް ވިދާޅުވީ ވީލްޗެއަރ ބޭނުންކުރާ ފަރާތްތަކަށްވެސް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ ގޮތުން ވޯޓުލާ މަރުކަޒުތައް ހުންނާނީ ގްރައުންޑް ފްލޯރ ގައިކަމަށެވެ. ނޫނީ އެއަށްވުރެ މަތި ފްލޯރ އެއްގައި ވޯޓު ފޮށި ހުންނަނަމަ އެތަނެއްގައި ލިފްޓް ހުރިތޯ އީސީން ބަލާނެކަމަށް ފުއާދު ވިދާޅުވިއެވެ.

މީގެއިތުރުން ވީލްޗެއަރގައި އަންނަ މީހުންނަށް އަތްފޯރާ ހިސާބުގައި ވޯޓުފޮށި ބެހެއްޓުމަށް މިފަހަރު އިންތިޒާމުތަކެއް ހަމަޖެހިފައި ހުންނާނެކަމަށް ފުއާދު ވިދާޅުވިއެވެ.

ކޮޅަށް ހުންނަ މީހާއަށް ވޯޓުލެވޭ ހިސާބުގައި ވޯޓުފޮށި ބެހެއްޓީމާ ވީލްޗެއަރ ގައި ހުންނަ މީހާއަށް ވޯޓު ފޮއްޓަށް އަތްނުފޯރުން ފަދަ ކަންކަން ދިމާވޭ. އެހެންވީމާ އެމީހުންނަށްވެސް އަތްފޯރާ ގޮތަށް ފިލައެއްކަހަލަ އެއްޗެއް ބަހައްޓަން މިފަހަރު ނިންމާފައިވަނީ
ފުއާދު ތައުފީގު/ އީސީގެ ރައީސް

މީގެއިތުރުން ވޯޓުލުން އޮންނަ ދުވަހު މާބަނޑު މީހުންނަށް އުމުރުން ދުވަސްވީ މީހުންނަށް ކިޔުގައި ނުޖެހި ވޯޓުލެވޭނެކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ޚާއްސަ އިމްތިޔާޒުތަކެއް ލިބެންޖެހޭ ބަޔަކު އުޅޭކަން އެއީ ގަބޫލުކުރަންޖެހޭ ކަމެއްކަމަށާއި އެއީ އެމީހުންނަށް ލިބިގެންވާ ހައްގެއްކަމަށެވެ. އެހެންކަމުން އެއިންތިޒާމު އީސީން ހަމަޖައްސާނެކަމަށް ފުއާދު ވިދާޅުވިއެވެ.

- ކޮމެންޓް