ދިވެހިރާއްޖޭގެ ބާ ކައުންސިލުން މި އަހަރުގެ އޮކްޓޫބަރު މަހު ބޭއްވުމަށް ނިންމާފައިވާ ބާ އިމްތިހާނަށް ރަޖިސްޓަރީވުމުގެ މުއްދަތު ބުރާސްފަތި ދުވަހަށް ހަމަވާތީ މިކަމަށްއެދޭ ފަރާތްތަކުން ވީހާވެސް އަވަހަށް ރަޖިސްޓްރީ ކުރުމަށް އެ ކައުންސިލުް ހަނދާން ކޮށްދީފިއެވެ.
2019 ވަނަ އަހަރު ޢަމަލުކުރަން ފެށުނު ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން އަހަރަކު އެއްފަހަރު ބާ އިމްތިހާނު ބާއްވަން ޖެހެއެވެ. މިއީ ޤާނޫނީ ވަކީލުކަން ކުރުމަށް ބޭނުންވާ އަސާސީ އެއް ޝަރުތެވެ. މި އިމްތިހާނަކީ ޤާނޫނީ ދާއިރާއިން ތައުލީމު ހާސިލުކޮށްފައިވާ ފަރާތްތަކުގެ ކިބައިގައި މުވައްކިލުންގެ ޙައްގުތައް ހިމާޔަތްކޮށްދިނުމާއެކު، ޤާނޫނީ ޚިދުމަތް ފޯރުކޮށްދިނުމުގެ ގާބިލުކަން ހުރި ނެތް ގޮތް ދެނެގަތުމުގެ ބޭނުމުގައި ދޭ އިމްތިހާނެކެވެ.
މިދިޔަ އަހަރު ބާ ކައުންސިލްގެ ފުރަތަމަ ބާ އިމްތިހާނު ބާއްވާފައިވާއިރު އެ އިމްތިހާނުގައި ބައިވެރިވި ފަރާތްތަކުންވަނީ އެދެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން، އިމްތިހާނުގެ އެވްރެޖް މާކްސް 66 އިންސައްތައަށް އަރައެވެ. އަދި އިމްތިހާނުން ފާސްވެ މަތީ ދަރަޖަތައް ހާސިލުކުރި ފަރާތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ވިލާ ކޮލެޖުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލަންޑް ޕްރޮގްރާމްގެ ގްރެޖުއޭޓުން ހިމެނެއެވެ.
މިިދިޔަ އަހަރުގެ އިމްތިހާނުގައި ބައިވެރިވި 173 ފަރާތުގެ ތެރެއިން 73 ފަރާތަކުން މިހާރު ވަނީ ޤާނޫނީ ވަކީލުކަމުގެ ހުވާކޮށް ޤާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދާފައެވެ. މި އިމްތިހާނަކީ ބައިނަލްއަޤްވާމީ ފެންވަރުގެ އިމްތިހާނެއް ކަމަށާ ބާ އިމްތިހާނު ފަރުމާކުރާ ބޮޑެތި ޤައުމުތަކުން ގަބޫލު ކުރާކަަމަށް ބާ އިމްތިހާނުގެ ޗީފް އެގްޒެމިނަރ އަދި ބާ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ޑރ. މަރިޔަމް ޖަބީން ވިދާޅުވިއެވެ،
މިއަހަރުގެ ބާ އިމްތިހާނުގައި ވެސް މިދިޔަ އަހަރު އިމްތިހާނުކުރި 6 ދާއިރާއިން އިމްތިހާނުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މޯލްޑިވިއަން ލީގަލް ސިސްޓަމް، ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ، ކްރިމިނަލް ލޯ އެންޑް ޕްރޮސީޖަރ، ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް، ލޭންޑް ލޯ އެންޑް ޕްރެކްޓިސް، އަދި ޓޯޓް ލޯ ގެ ދާއިރާއެވެ. މީގެ އިތުރުން މި އަހަރުގެ އިމްތިޙާނުގައި 2022 ވަނަ އަހަރު ޢަމަލުކުރަން ފެށި ބޮޑެތި ޤާނޫނުތަކުން އިމްތިޙާނު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބާ ކައުންސިލުން ބުނެފައިވެއެވެ.
މި އަހަރުގެ އިމްތިހާނުގައިވެސް ދިވެހި އަދި އިނގިރޭސި ބަހުން ސުވާލުތައް ހިމެނިފައިވާނެއެވެ. ބާ އިމްތިހާނަށް ފަރިތަކުރުމަށް ލޯ ގްރެޖުއޭޓުންނަށް ބޭނުންވާނެ ލެކްޗަރ ސްޓަޑީ މެޓީރިއަލްތައް މިހާރުވެސް ބާ ކައުންސިލުގެ ޔޫ-ޓިޔުބް ޗެނަލްއިން ލިބެން ހުންނާނެ ކަމަށް އެ ކައުންސިލުން މައުލޫމާތުދެއެވެ. އަދި ބާ އިމްތިޙާނުގައި ބައިވެރިވާ ފަރާތްތަކުން އިމްތިޙާނަށް ފަރިތަކުރުމަށް ބޭނުންކުރެވޭނެ ޕްރެކްޓިސް ސުވާލުތައް ވެސް ބާ ކައުންސިލުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ބައިވެރިން އިތުރަށް ތައްޔާރުވުމަށް ދެވޭ ފުރުސަތެއްގެ ގޮތުން އިމްތިޙާނާ ގާތްކޮށް އިތުރު ލެކްޗަރ ސީރީޒްއެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ބާ ކައުންސިލުން ބުނި ގޮތުގައި މިއަހަރުގެ އިމްތިހާނުގައި ވެސް ބައިވެރިވާ ކެންޑިޑޭޓުން އަތުން 6،500 (ހަހާސް ފަސްސަތޭކަ) ދިވެހިރުފިޔާގެ ފީއެއް ނަގާނެއެވެ. މި ފީ ދެއްކުމުގެ އިރުޝާދުތައް ބައިވެރިންނަށް ލިބޭނީ އިމްތިހާނުގައި ރަޖިސްޓަރީވުމަށް އެޕްލިކޭޝަން ހުށަހަޅައި އިމްތިހާނުގައި ބައިވެރިވުމުގެ އަސާސީ ޝަރުތުތައް ފުރިހަމަވުމުން ކަމަށް އެކައުންސިލުން ބުނެފައިވެއެވެ.
ބައިވެރިންނަށް ފީ ދެއްކުމުގައި ދިމާވެދާނެ ދަތިތަކަށް ރިޢާޔަތްކޮށް، މިއަހަރުގެ އިމްތިޙާނުގެ ފީ ދެ އިންސްޓޯލްމަންޓަށް ބަހާލައިގެން ބަލައިގަތުމަށް ބާ ކައިންސިލުން ވަނީ ނިންމާފައެވެ. ފީ ދެއްކުމުގެ އެންމެ ފަހުގެ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 7 ސެޕްޓެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00އެވެ.