އާބާދީ ދުވަހެއް ފާހަގަކުރާ އިރު އެންމެ އިސްކަމަކީ ޖިންސީ ހަމަހަމަކަމާއި އަންހެނުންނަށް އޮތް ފުރުސަތުތަކުގެ ވާހަކަކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ އާބާދީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބޯހިމެނުމުގެ ޒަރިއްޔާއިން ތަފާތު ދާއިރާތަކުން ކަންތައްތައް ހުރި ގޮތް ވަރަށް ސާފުކޮށް އެ ރިޕޯޓުން އެނގިގެން ގޮސްފައިވާ ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ އަންހެނުންނަކީ ވަރަށް މަސައްކަތްތެރި، ވަރަށް ބޮޑެތި ޒިންމާތަކެއް ނަގަމުންދާ ބައެއް ކަމަށެވެ. އަދި އަންހެނުންނަށް ހުރިހާ ދާއިރާތަކުންވެސް ފުރުޞަތު ފަހިކޮށްދިނުމަށް އިތުރަށް މަސައްކަތްކުރުމަށާއި ތަރައްޤީ ލިބޭނީ ހުރިހާ ދާއިރާއަކުން ފުރުސަތު ލިބިގެން ކަމަށް ނާއިބު ރައީސްގެ ވާހަކަފުޅުގައި ގޮވާލެއްވިއެވެ.
ނާއިބު ރައީސް ވަނީ މަޖިލީހުގައި ތިބި އަންހެނުންގެ އަދަދު މަދުވުމުން އެކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފައެވެ. އަދި ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރު ބިނާކޮށް ހަމަހަމަކަން މުޖުތަމައުގައި އަށަގަންނަވަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަންހެނުންނަކީ މުޖުތަމައާއި އާއިލާތައް ބިނާކުރުމުގައި ވަަރަށް މުހިންމު ދައުރެއް އަދާކުރަމުންދާ ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ހަމަޖެހޭ އަމާން މުޖުތަމަޢެއް ބިނާކުރުމަށް އަންހެނުންގެ ދައުރު ވަރަށް މުހިންމުކަމަށް ވެސް ނާއިބު ރައީސް ވިދާޅުވިއެވެ. އަދި އަންހެނުންނަށް ފުރުސަތު ލިބުމަކީ އާއިލާތައް ބާރުވެރިވެ، ފުދޭ މުޖުތަމައަކަށް މަގުފަހިވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން "ސްޓޭޓް އޮފް ވަރލްޑް ޕޮޕިއުލޭޝަން ރިޕޯޓް" އަދި "ބޯހިމެނުން 2022" ގެ ނަތީޖާއާ މެދު ނާއިބު ރައީސް ވިދާޅުވީ ފެނިގެންދިޔަ ނަތީޖާއިން ރާއްޖެ ތަރައްޤީ ކުރުމުގެ ކަންކަން ޕްލޭން ކުރުމުގައި އެންމެ މުހިންމު ދާއިރާތައް ދެނެގަނެވި އެދާއިރާތަކަށް އަހަންމިއްޔަތުކަން ދޭން ފަސޭހައަކަށް ވެގެންދާނެކަމަށެވެ.
އެ ޖަލްސާއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ޔޫއެންއެފްޕީއޭ އަދި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގުޅިގެން ކުރިއަށްގެންދިޔަ "ފޮރ އެވްރީ އޭޖް" ފޮޓޯ މައުރަޒު ބައްލަވާލައްވާފައެވެ. އިސްލާމީ މަރުކަޒުގެ ކޮރިޑޯގައި ކުރިއަށްގެންދިޔަ މި މައުރަޒުގައި ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ވަކިވަކި ފަރުދުންގެ ތަފާތު ވާހަކަތަކާއި ތަޖުރިބާތައް ދައްކާލާފައިވެއެވެ. އަދި މި މައުރަޒަކީ އާބާދީ މުސްކުޅިވުން ހުއްޓުވުމުގައި ލައިފް-ސައިކަލް އެޕްރޯޗާއި ޖެންޑާ ޑައިމެންޝަނަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ވަކާލާތު ކުރުމުގެ ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދިޔަ މައުރަޒެކެވެ. މި މައުރަޒުގައި 10 ފޮޓޯ ދައްކާލާފައިވެއެވެ.