ކ. މާލެ
|
9 ޖުލައި 2023 | އާދީއްތަ 07:02
ބީސީސީގެ ހެޑް އޮފް އައުޓްރީޗް އިބްރާހީމް ޒިޔާއު
ބީސީސީގެ ހެޑް އޮފް އައުޓްރީޗް އިބްރާހީމް ޒިޔާއު
ބީސީސީ
ވުނަދާނަ ފެސްޓިވަލް
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަ ފެސްޓިވަލެއް ބާއްވަނީ
މި ފެސްޓިވަލް ކުރިއަށްދާނީ މިމަހުގެ 14 އިން 15 އަށް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަ ފެސްޓިވަލެއް ބާއްވަން ނިންމައިފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ން އިންތިޒާމުކޮށްގެން "ވުނަދާނަ ފެސްޓިވަލް"ގެ ނަމުގައި ކުރިއަށްގެންދާ މި ފެސްޓިވަލް ބާއްވަން ނިންމާފައިވަނީ މިމަހުގެ 14 އަދި 15 ގައެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން މި ފެސްޓިވަލާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރައްވަމުން ބީސީސީގެ ހެޑް އޮފް އައުޓްރީޗް އިބްރާހީމް ޒިޔާއު ވިދާޅުވީ މިފަހަރުގެ ފެސްޓިވަލް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައި ކަމަށެވެ.

ގާތްގަނޑަކަށް 30 ސަޕްލަޔަރުންނާއެކު ކުރިއަށްގެންދާ މި ފެސްޓިވަލްގެ ތެރެއިން ތަފާތު އެކި ކަންކަން ތަޖުރިބާކޮށްލެވޭނެ ކަމަށް ޒިޔާއު ވިދާޅުވިއެވެ.

މިގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެމީހުންގެ އުފެއްދުންތައް ދައްކާލުމުގެ ފުރުސަތު ލިބުމުގެ އިތުރުން މި ފެސްޓިވަލްގެ ތެރެއިން މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކެއް ފެނިގެންދާނެ ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުމެން ކުދި ވިޔަފާރިތަކުގެ ގޮތުގައި ގުނަން ވަރަށް ގިނަ ދާއިރާތައް. މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންނަށްވެސް މި ފެސްޓިވަލުން ފުރުސަތު ލިބޭނެ.
އިބްރާހީމް ޒިޔާއު / ބީސީސީގެ ހެޑް އޮފް އައުޓްރީޗް

މި ފެސްޓިވަލް ކުރިއަށްދާއިރު ކްރޮސްރޯޑްސްއަށް ހިލޭ ދަތުރުކުރެވޭނެކަން ބީސީސީން ފާހަގަކުރެއެވެ.

ބީސީސީން ގެންދަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދީ، އެ ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް އިތުރު ފުރުސަތު ހޯދައިދެމުންނެވެ. މިގޮތުން މިފަދަ ހަރަކާތްތަކެއް ކުރިއަށްވެސް ހުރިކަން ބީސީސީން ފާހަގަކުރެއެވެ.

- ކޮމެންޓް