ރާއްޖޭގެ ހުރިހާ އެސްއޯއީތަކުގެ ހިންގުން އެއްގޮތް ކުރުމަށް އެޗްއާރް ހާމަނައިޒޭޝަން ޕްރޮގްރާމެއްގެ މަސައްކަތް ކުރިއަށް ދާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ނައިބު ރައީސް، މުހައްމަދު ފިރާޒް ވިދާޅުވެއްޖެއެވެ.
އޭނާ މިފަަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އެސްއޯއީގެ މަސައްކަތްތަކަށް ބަލާ އިރު ބައެއް ކުންފުނިތަކުގެ ހިންގުން ވަރަށް ހަރުދަނާކަން ފާހަގަކުރެވޭ ކަަމަށެވެ. އެގޮތުން ބަލާ ނަމަ އެ ކުންފުނިތަކަކީ ވަރަށް ހަރުދަނާ އުސޫލުތަކަކާއި އެކު މަސައްކަތް ކުރަމުންދާ ކުންފުނިތަކެއް ކަމަށާއި، ކުންފުނީގެ ހިންގުން ވެސް ދަނީ ވަރަށް ހަރުދަނާކޮށް ކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ ކުންފުނިތަކަކީ އެޗްއާރްގެ ގޮތުން ބަލާ އިރު ނަމޫނާ ކުންފުނިތައް ކަމަށް އޭނާ ވިދާޅުވިއެވެ. ކުންފުނިތަކުގެ ހިންގުން ވީހާވެސް ހަރުދަނާކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގުމަށް ޕީސީބީން އިސްކަން ދޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެޗްއާރް ހާމަނައިޒް ކުރުމަކީ އެއް އުސޫލެެއްގެ ދަށުން ކުންފުނިތައް ހިންގުމަށާއި، ހިންގުމުގައި ދިމާވާ އުނދަނގޫތަކާއި މައްސަލަތައް ހައްލުކުރުމަށް ވެސް ލިބޭ ބާރެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މިހާރު ކުންފުނިތަކަށް ދިމާވާ ގޮންޖެހުންތަކާއި މެދު ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކީ ވަސީލަތުގެ ދަތިކަމާއި، އިންސާނީ ވަސީލަތުގެ ދަތިކަން ކަމަށެވެ. ޚާއްސަކޮށް ފަންނީ ޤާބިލް މީހުން މަދުވުމަކީ ކުންފުނިތަކަށް އޮތް ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ކުންފުނިތަކުގެ އާމްދަނީއާއި ކުންފުނިތަކުގެ އަހަރީ ރިޕޯޓްތަކަށް ބަލާލުމުން ކުންފުނިތަކަށް ކުރިއެރުން ލިބޭކަމަށާއި ކުންފުނިތަކުގެ އެސެޓް ވެލިއު ނުވަތަ އެސެޓްގެ އަގު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާ ކަމަށްއޭނާ ވިދާޅުވިއެވެ.
މީގެ އިތުރުންް ކުންފުނިތައް ހިންގުން ހަރުދަނާކުރުމަށް އަބަދުވެސް ޕީސީބީން ބާރުއަޅާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އޭނާ އިތުރަށް ވިދާޅުވީ ޕީސީބީން މަސައްކަތް ކުރަމުން ދަނީ ކުންފުނިތަކާއި ވަރަށް ގާތުން ކަމަށެވެ.
މިހާރު ރާއްޖޭގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް (އެސްސޯއީ) ސެކްޓަރގެ އެސެޓް ވެލިއު ނުވަތަ ނެޓް-ވަރތު، 178 ބިލިއަން ރުފިޔާއަށް އަރައެވެ.
ޕީސީބީން ބުނީ އެސްއޯއީގެ އެސެޓް ވެލިއުގެ ޖުމްލަ އަދަދަކީ ރާއްޖޭގެ ބަޖެޓަށްވުރެ 4-5 ގުނަ އިތުރު އަދަދެއް ކަމަށެވެ.
ކުރިއާ އަޅައިބަލާއިރު ކުންފުނިތަކުގެ ހިންގުން ރަނގަޅުކަމަށް ވެސް ޕީސީބީން ބުނެއެވެ. އަދި އެދާއިރާ އަށް ދަނީ ދުވަހަކަށްވުރެ ދުވަހެއް ބޮޑެތި ކުރިއެރުންތައް ލިބެމުން ކަމަށް ޕީސީބީން ވަނީ ބުނެފައެވެ.