ފަހުގެ ތާރީހުގައި ބާއްވާފައިވާ ބައި އިލެކްޝަންތަކުގައި ވެސް ރީ-ރެޖިސްޓަރ ކުރީ އޮންލައިންކޮށް ކަމަށާއި އެ މަރުހަލާ ކުރިއަށް ދިޔައިރު ޕާޓީ އެއްގެ އެއްވެސް ޝަކުވާ އެއް ނުލިބޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ރީރެޖިސްޓްރޭޝަން މަރުހަލާ އޮޅުވާލަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. އެގޮތުން އެކޮމިޝަނުން އަމަލު ކުރަމުންދަނީ ސަރުކާރު ހިންގާ އެމްޑީޕި އަށް ފައިދާވާ ގޮތަށް ކަމަށް ވެސް އެ ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެގޮތުން އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ އިސް ފަރާތްތަކުން ވަނީ އޮންލައިންކޮށް ރީ-ރެޖިސްޓަރ ކުރުމަކީ ސަރުކާރު ނޫން އެހެން އެންމެންނަށް ގެއްލުންވާ ކަމެއް ކަމަށް ބުނެފައެވެ. އަދި މިއީ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލުމަށް މަގުފަހި ވަމުންދާ ކަމެއް ކަމަށް ވެސް ބުނެފައެވެ.
އެކަމާއި ގުޅިގެން ރާއްޖެ އެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ފަހުން ބޭއްވި ހުރިހާ ބައި އިލެކްޝަންތަކުގައި ވެސް ރީ-ރެޖިސްޓަރ ކޮށްފައި ވަނީ އޮންލައިންކޮށް ކަމަށެވެ. އޭރު އާއްމުންގެ ފަރާތުން އެކަމަކީ ރީ-ރެޖިސްޓްރޭޝަންގެ މަރުހަލާ ފަސޭހަވެގެންދާ ކަމެއްކަމަށް ފާހަގަކޮށްފައިވާ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ. އަދި މިހާތަނަށް އައި އިރު ވެސް އެކަމާއި މެދު އެއްވެސް ޕާޓީ އެއްގެ ފަރާތުން ރަސްމީކޮށް އީސީ އަށް އެއްވެސް ޝަކުވާ އެއް ހުށަހަޅާފައި ނުވާ ކަމަށް ހަބީބު ވިދާޅުވިއެވެ.
އެހެންކަމުން ރީ-ރެޖިސްޓްރީ ކުރުމުގައި އާއްމުންނަށް ފަސޭހަ ވާނެ ގޮތަށް ހަމަޖައްސާ އިންތިޒާމް ތަކަކީ އެއްވެސް ބަޔަކަށް މަންފާ ލިބޭ ކަމެއް ނޫން ކަން އެ ކޮމިޝަނުން ޔަގީންކުރަމުންދާނެ ކަމަށް ހަބީބު ވިދާޅުވިއެވެ. އެކަމާއި ގުޅޭ ފަންނީ ލަފާ ދެއްވާ ކޮންސަލްޓެންޓުން ވެސް ތިއްބަވާ ކަމަށާއި އިތުބާރާއި ޔަގީންކަމާއި އެކު ޚިދުމަތް ދިނުމަށް ވަރަށް ޚާއްސަ ސަމާލުކަމެއްދެއްވާ ކަމަށް ހަބީބު ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިޚާބުގައި, ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން އޮންލައިންކޮށް ރީ-ރަޖިސްޓަރ ކުރެވޭ ގޮތަށް، ޖުލައި މަހު 16ގައި ރަޖިސްޓްރޭޝަނަށް ހުޅުވާލަން ނިންމާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ން ސިޔާސީ ޕާޓީތަކާއެކު ބުދަ ދުވަހު ބޭއްވި ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތައް ތައްޔާރު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަނަށް ވެސް ވޯޓު ފޮށި ބެހެއްޓުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
ހަބީބު ވިދާޅުވީ ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އިންތިޚާބާ ބެހޭ ވަރަށް ބޮޑެތި މަސައްކަތްތައް ފެށިގެން ކުރިއަށްދާނެ ކަމަށާއި، ޖުލައި މަހުގެ 16 ވަނަ ދުވަހު ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާނެ ކަމަށެވެ. ރީ-ރަޖިސްޓްރީ ކުރުމަކީ ވަރަށް މުހިންމުކަމެއްކަން ފާހަގަކުރައްވައި ހަބީބު ވިދާޅުވީ، ސިޔާސީ ޕާޓީތަކުންނާއި ކައުންސިލްތަކުން ރީ-ރަޖިސްޓަރ ކުރުމަށް ބާރުއަޅައި، މަސައްކަތް ކޮށްދޭން ޖެހޭކަމަށެވެ. ރީ-ރަޖިސްޓަރ ކުރަން 21 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށާއި، މިފަހަރުގެ ޕްރޮސެސް ވަރަށް ފަސޭހަވާނެ ކަމަށް ހަބީބު ވިދާޅުވިއެވެ. އަދި އެ މީހަކު ހުރި ތަނަކުން އޮންލައިންކޮށް ފޯމު ހުށަހެޅުން އެއީ ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ހަބީބު ވިދާޅުވިއެވެ.
ޖުލައި މަހުގެ 15ން ފެށިގެން ރަޖިސްޓްރީ ވުމުގެ ފުރުސަތު ބަންދުކޮށް، ޖުލައި މަހުގެ 16 ވަނަ ދުވަހު ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާނެ ކަމަށް އީސީން ވަނީ ބުނެފައެވެ. އަދި ރީ-ރަޖިސްޓްރީ ކުރުމަކީ ވަރަށް މުހިންމުކަމެއްކަން އީސީން ފާހަގަކުރެއެވެ.
އެގޮތުން ސިޔާސީ ޕާޓީތަކުންނާއި ކައުންސިލްތަކުން ރީ-ރަޖިސްޓްރީ ކުރުމަށް ބާރުއަޅައި، މަސައްކަތް ކޮށްދޭން ޖެހޭކަމަށް ވެސް އީސީން ވަނީ ބުނެފައެވެ. މީގެ އިތުރުން ރީ-ރަޖިސްޓްރީ ކުރަން 21 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށާއި، މިފަހަރުގެ ޕްރޮސެސް ވަރަށް ފަސޭހަވާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އެ މީހަކު ހުރި ތަނަކުން އޮންލައިންކޮށް ފޯމު ހުށަހެޅުން އެއީ ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް އީސީން ދަނީ ބުނަމުންނެވެ.