ކ. މާލެ
|
8 ޖުލައި 2023 | ހޮނިހިރު 07:28
މުޒާހަރާގައި މީހަކު ހައްޔަރުކުރަނީ
މުޒާހަރާގައި މީހަކު ހައްޔަރުކުރަނީ
ސޯޝަލްމީޑިއާ
މީހަކު ހައްޔަރުކުރުން
ހައްޔަރުކުރި މީހާ ކައިރީގައި ކުޑަކުއްޖެއް ނެތް: ފުލުހުން
އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ސަފަކަށް އެތުރިގެން ތިބި ފުލުހުންގެ ކުރިމައްޗަށް އަރައި އެއްޗެއް އެއްލި މައްސަލާގައި

އިދިކޮޅު ޕީޕީއެމް/ޕީއެންސީ މުޒަހަރާގެ ތެރޭގައި ކުޑަކުއްޖަކާއެކު ހުރި މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައި މިވަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީން ކޯލިޝަނުން ހުކުރު ދުވަހު ބޮޑުތަކުރުފާނު މަގުގައި މުޒާހަރާކުރަމުން ދަނިކޮށް، ކުޑަކުއްޖަކު ގޮވައިގެން ސައިކަލްގައި ދިޔަ މީހަކު ސައިކަލް މަޑުކޮށް ފުލުހުންގެ ފޮޓޯއެއް ނެގިކަމަށް ބުނެ ހައްޔަރުކުރުމުން ފުލުހުންނަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ފުލުހުންގެ މިއަމަލު ކުށްވެރިިކޮށް ބައެއް މީހުން ވަނީ ސޯޝަލްމީޑިއާގައި ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި އިދިކޮޅު ޕީޕީއެމުން ވެސް ވަނީ ފުލުހުންގެ މި އަމަލު ކުށްވެރިކޮށްފައެވެ.

އެކަމާ ގުޅިގެން ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ސަފަކަށް އެތުރިގެން ތިބި ފުލުހުންގެ ކުރިމައްޗަށް އަރައި އެއްޗެއް އެއްލި މައްސަލާގައި ކަމަށެވެ. އަދި އެވަގުތު އޭނާ ކައިރީގައި ކުޑަކުއްޖަކު ފެންނަން ނެތް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވަނީ ސުލްހަވެރި އިހުތިޖާޖު ހިނގަމުން ދަނިކޮށް އެސަރަހައްދުން ކުޑަކުއްޖަކާއެކު ސައިކަލެއްގައި ދަތުރު ކުރަމުން ދިޔަ މީހަކު، އެއްވެސް ބެލުމެއް ނެތި، ވީނުވީއެއް ނޭނގި، ކުޑަ ކުއްޖެއްގެ ކުރިމަތީގައި އަނިޔާވެރިކަމާއެކު ހައްޔަރުކުރި ކަމަށެވެ. އެއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ އަމަލެއް ނޫންކަމަށް ބުނެ އެ އަމަލު ޕީޕީއެމުން ކުށްވެރިކޮށްފައިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް