ކ. މާލެ
|
6 ޖުލައި 2023 | ބުރާސްފަތި 19:42
އެޕާޓްމަންޓް ގަތް މީހުންނާ ތަޅުދަނޑި ހަވާލުކޮށްދެއްވަނީ
އެޕާޓްމަންޓް ގަތް މީހުންނާ ތަޅުދަނޑި ހަވާލުކޮށްދެއްވަނީ
ރާއްޖެއެމްވީ
ވަން ސެންޓަރަލް ޕާކްގެ އެޕާޓްމަންޓް ހަވާލުކުރުން
ވަން ސެންޓްރަލް ޕާކް ރެޒިޑެންޝަލް ބިލްޑިންގުން އެޕާޓްމަންޓް ގަތް މީހުންނަށް ތަޅުދަނޑި ހަވާލުކޮށްފި
މި ރެޒިޑެންޝަލް ބިލްޑިންގުގައި 120 ހައުސިންގ ޔުނިޓް ހިމެނޭ
މިތަނުގެ އެޕާޓްމަންޓެއްގެ އަގު 2.2 މިލިއަން ރުފިޔާއަށް އަރާ

ވަން ސެންޓްރަލް ޕާކް ރެސިޑެންޝަލް ބިލްޑިންގުން އެޕާޓްމަންޓް ގަތް މީހުންނަށް ތަޅުދަނޑި ހަވާލުކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެޕާޓްމަންޓް ގަތް މީހުންނާ ތަޅުދަނޑި ހަވާލުކޮށްދެއްވީ، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، އަރބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު އާތިފް ވިދާޅުވީ، މި މަޝްރޫއުގެ ޚާއްސަ ކަމަކީ މިތަނުގައި ހައުސިންގ މަޝްރޫއުތައް އަޅާފައިވާ ހުރި ސަރަހައްދު ކަމަށެވެ. ސެންޑަލް މޮރިޝަސްއިން ކޮވިޑް-19ގައި ހާލަތުގެ ދަތި އުނދަގޫތައް ހުރަސްކޮށް، މަޝްރޫއުގެ މަސައްކަތް ނިންމާލުމުން އާތިފް ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.

މީގެ އިތުރުން އަސޯޓެކް ރިއަލްޓީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު ނީރަޖް ގުލާތީ ވިދާޅުވީ މިމަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ގޮތާމެދު ވަރަށް ހިތްޕުޅުހަމަޖެހޭ ކަމަށެވެ. ނަމަވެސް މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ކޮވިޑް-19ގެ ގޮންޖެހުމާއެކު ކަމަށާއި، މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ކަމާގުޅޭ ހުރިހާ އިދާރާތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ހުރިހާ ފަރާތްތަކަށް ވަނީ ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

ވަން ސެންޓްރަލް ހައުސިންގ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ސެންޑަލް މޮރިޝަސް ކުންފުންޏާއި ދިވެހި ކުންފުނި އާރްސީސީ ގުޅިގެންނެވެ.

ހުޅުމާލެ ފޭސް-1ގައި އިމާރާތްކޮށްފައިވާ މި ރެޒިޑެންޝަލް ބިލްޑިންގުގައި 120 ހައުސިންގ ޔުނިޓް ހިމެނެއެވެ. އަދި މިތަނުގެ އެޕާޓްމަންޓެއްގެ އަގު 2.2 މިލިއަން ރުފިޔާއަށް އަރައެވެ. މި އެޕާޓްމަންޓްތައް ހުންނާނީ ސެންޓްރަލް ޕާކްގެ އުތުރުން، ޖުޑީޝަލް ކޮމްޕްލެކްސް ކުރިމައްޗަށް ވާގޮތަށެވެ.

މި އެޕާޓްމަންޓްތައް ޚާއްސަކުރެވިފައި ވަނީ ފުރަތަމަ ފަހަރަށް ގެއެއް/އެޕާޓްމަންޓެއް ގަންނަ ފަރާތްތަކަށެވެ.

- ކޮމެންޓް