ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގަނެގެން އުޅޭ ޔަހޫދީ އިޒްރޭލުގެ އަނިޔާވެރިކަމުގެ ވާހަކައަކީ ދައްކައި ކޮޅުންލާ ވާހަކަތަކެއް ނޫނެވެ. ހަމަލާއަކަށްފަހު ހަމަލާއެއް ދެމުންދަނީ ކުރިން ދިން އަނިޔާގެ ފާރުގަނޑު ފަސޭހަވާނެ ވަގުތުވެސް ނުލިބި އުޅެނިކޮށެވެ. ޖުލައި 3 ވަނަ ދުވަހަކީވެސް އެފަދަ ކަމެއްގެ ފެށުމެވެ. ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށްވާ ޖެނީންގެ ރެފިއުޖީ ކޭމްޕަކަށް އަމާޒުކޮށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދޭން ފެށިއެވެ. އެ ސަރަހައްދުގެ މީހުން މީގެ ކުރިން ދުވަހަކުވެސް ދެކެފައި ނުވާހާ ގަދައަށެވެ.
އިޒްރޭލުން ޖެނީންގައި ފެށި ޖަރީމާއަކީ، މިދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ހުޅަނގު އައްސޭރީގައި ހިންގި އެންމެ ވަރުގަދަ ރެއިޑް އޮޕަރޭޝަނެވެ. ހަމަލާ ދޭން ފެށިތާ 24 ގަޑިއިރު ވީއިރު 8 މީހަކު މަރާލައިފިއެވެ. ޖުލައި 3 ވަނަ ދުވަހުގެ މެންދުރާ ހިސާބަށް ދެވުނުއިރު، ބަޑީގެ ހަމަލާ ބަދަލުކުރުންތަކުގައި ހަރަކާތްތެރިވަމުން ދިޔަ މީހުންގެ އަދަދު 100ން ގުނާލެވުނެވެ.
އިޒްރޭލުގެ ޔަހޫދީ އަސްކަރީ ފައުޖާއި ޖެނީން ބްރިގޭޑްސްއާ ދެމެދު ކުރިއަށްދިޔަ ހަމަލާ ބަދަލުކުރުންތަކުގެ އަޑު ފަށްގަނޑުން އެ ސަރަހައްދު ގުގުމަމުން ދިޔައެވެ. ޖެނީން ބްރިގޭޑްސްއަކީ ތޮއްޖެހިފައިވާ ރެފިއުޖީ ކޭމްޕުގައި، ހަތިޔާރާއެކު ހަރަކާތްތެރިވާ ހަނގުރާމަވެރިންގެ ގުރޫޕެކެވެ.
ހަމަލާ ބަދަލުކުރުންތަކުގައި ޒަޚަމްވި އެކަކީ، ވަޒީފާއިން މުސްކުޅިވުމަށް ފަހު ކޭމްޕުގައި ދިރިއުޅެމުންދާ، އުމުރުން 67 އަހަރުގެ ހުސައިން ޒައިދާނެވެ. ބައި އަކަކިލޯމީޓަރަށްވުރެ ކުޑަ އެ ކޭމްޕުގައި 15000އެއްހާ ރެފިއުޖީން ދިރިއުޅެއެވެ.
ޒައިދާން ކިޔައިދިން ގޮތުގައި އިޒްރޭލުގެ އެންމެ ފަހުގެ ހަމަލާތަކާއެކު އޭނާގެ ހަނދާނަށް ވެރިވެގެން ދިޔައީ 2002 ވަނަ އަހަރު ޖެނީންގައި ކުރި ހަނގުރާމަ ކުރިއެވެ. އެއީ 2 ވަނަ އިންތިފާޟާގެ ދުވަސްވަރެވެ. އެ ފަހަރުވެސް އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ކޭމްޕު ތެރެއަށް ވަދެގެންފައެވެ.
ވައިގެ ހަމަލާތަކާ ބޮމުގެ ހަމަލާތައް ދެމުން ދިޔައީ. ހީވީ 3 ވަނަ ބޮޑު ހަނގުރާމައިގެ މައިދާން ހެން. ފުރަތަމަ ބޮޑު ހަނގުރާމައެއްވެސް ނޫން. 3 ވަނަ ބޮޑު ހަނގުރާމަ. ހަތިޔާރެއް ނެތް އާންމުންނަށްވެސް އެމީހުން ހަމަލާ ދެމުން ދިޔައީ. ހަމަލާ ދޭން އެމީހުން އެ ދަނީ މަތިންދާ ބޯޓުތަކާއި ރޮކެޓްތައް ބޭނުން ކުރަމުން. އެއީ މި ކޭމްޕުގަ ހިނގައިގެން ވާނެ ކަމެއް ނޫން.ހުސައިން ޒައިދާން؛ ފަލަސްތީނު ރައްޔިތެއް
އިޒްރޭލުގެ އަމަލުތައް ސިފަ ކޮށްދެމުން ޒައިދާން ބުނީ، އާންމުން ދިރިއުޅޭ ގެތައް ފޫ އަޅުވާލައި ބާގަނޑުތައް ހަދަމުން ދާކަމަށެވެ. އެކަން ކުރަނީ އެއް ގެއިން އަނެއް ގެއަށް ދިއުމަށް ކަމަށް ޒައިދާން ބުންޏެވެ. ޒައިދާންގެ ގެއާ ހިސާބަށް ގޮސް ބާގަނޑުތައް ހަދަމުން ދިޔައިރު އަސްކަރިއްޔާގެ ކުއްތާއެއް އެ ގޭގައި ބާއްވާފައި ދިޔަ ކަމަށްވެސް ޒައިދާން ވަނީ ބުނެފައެވެ. ޒައިދާންއަށް ހަމަލާ ދީ، ޒަޚަމް ކޮށްލީ އެ ކުއްތާ ކަމަށް އޭނާ ބުނެއެވެ.
ވީ ގޮތަކީ، ސިފައިން ވަނީ އަހަރެންގެ ގެއަށް. ގެއަށް ވަދެ ބާގަނޑުތައް ހަދަން ފެށީ. އެއްގެއިން އަނެއް ގެއަށް ދާން ވެގެން. 2002 ވަނަ އަހަރު ކޭމްޕަށް އަރައިގަތް ގޮތަށް. އެއް ގެއިން އަނެއް ގެއަށް އެމީހުން ދަނީ އެ ބާގަނޑުތަކުގެ ތެރެއިން. އަހަރެން އެހީ ތީ ކާކު ހޭ... އެކަމަކު ސިފައިންގެ މީހާ އަނގަޔަކުން ނުބުނި. އޭނަ ދިޔައީ ކުއްތާއެއް ބާއްވާފަ. އެ ކުއްތާ މަށަށް ހަމަލާ ދިނީ.ހުސައިން ޒައިދާން؛ ފަލަސްތީނު ރައްޔިތެއް
ހުޅަނގު އައްސޭރީގެ މަސްރަހުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ އަސްލަކީ ޖެނީންގެ ރެފިއުޖީ ކޭމްޕު ކަމަށް ބުނެވެއެވެ. މިއީ އެމެރިކާގެ އިތުރުން އަރަބި ދުނިޔޭގެ ކަންބޮޑުވުމެއްވެސްމެއެވެ. ސުލްހައިގެ މަޝްވަރާތައް މެދުކެނޑިފައި އޮންނަތާ 10 އަހަރެއްހާ ދުވަސް ފާއިތުވެ ގޮސްފައި ވަނީ މި ސަބަބާ ހެދިއެވެ.
އެމީހުން ބޭނުން ދުވަހެއް ވަންދެން ޖެނީންގައި ރެއިޑް ކުރިއަށް ގެންދާނެކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. އަދި ދިގު މުއްދަތަކަށް، އިޒްރޭލުގެ ފައުޖުތައް އެ ސަރަހައްދުގައި މަރުކަޒުވެގެން ތިބުން އެކަށީގެންވާ ކަމަށްވެސް އަސްކަރިއްޔާގެ އޮފިޝަލަކު ވަނީ ބުނެފައެވެ.
ޖެނީން ރެފިއުޖީ ކޭމްޕުގެ އާބާދީގެ ބޮޑު ބައެއް ހިއްސާކުރަނީ 1948 ވަނަ އަހަރު ގޮށް މުށުގެ ބާރުން އިޒްރޭލު އުފައްދައި، އަމިއްލަ ވަޒަނުން ބޭރުކޮށްލާފައިވާ ފަލަސްތީނުގެ ރައްޔިތުންނާއި އެމީހުންގެ ދަރިފަސްކޮޅުންނެވެ. ނާމާން މާޒީއެއްގެ ހަނދާންތަކާއެކު، މުސްތަގުބަލުގައިވެސް އޮތީ ބަނަ ރާސްތާއެކެވެ.