ކ. މާލެ
|
3 ޖުލައި 2023 | ހޯމަ 21:29
އެކްސިޑެންޓުގައި އަނިޔާވި އަލީ ހަފީޒް
އެކްސިޑެންޓުގައި އަނިޔާވި އަލީ ހަފީޒް
އެމްއެންޔޫ
ހަފީޒް ބޭރަށް ގެންދިއުމަށް އެހީ ލިބުން
ހަފީޒް އެއަރ އެމްބިއުލާންސެއްގައި ރާއްޖެއިން ބޭރަށް ގެންދިއުމަށް ބޭނުންވާ އެހީ ލިބިއްޖެ
މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާ، ކޯޓު އަމުރެއްގެ ދަށުން ހޯމަ ދުވަހު ވަނީ ހައްޔަރުކޮށްފައި

މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަޚަމްވެ، ފަރުވާދެމުން އަންނަ، ގައުމީ ޔުނިވަސިޓީގެ ލެކްޗަރަރ އަލީ ހަފީޒް އިތުރަށް ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ބޭނުންވާ އެހީ ލިބިފައިވާކަމަށް އާއިލާއިން ބުނެފިއެވެ.

އޭނާގެ ހާލު ދެރަކަމުން ކޮމަރޝަލް ފްލައިޓެއްގައި ރާއްޖެއިން ބޭރަށް ގެންދެވެން ނެތުމުން އެއަރ އެމްބިއުލާންސެއްގައި ރާއްޖެއިން ބޭރަށް ގެންދިއުމަށް ބޭނުންވާ އެހީ ހޯދަން އާއިލާއިންނާއި ރަހުމަތްތެރިން ފެށީ އާދިއްތަ ދުވަހުއެވެ. ހޯމަ ދުވަހު އާއިލާއިން ސޯޝަލް މީޑިޔާއަށް ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ހަފީޒުގެ އާއިލާގެ މެމްބަރުންނާއި، އެކުވެރިންނާއި، އެމްއެންޔޫގެ މުވައްޒަފުންނާއި، ދަރިވަރުންނާއި، އާންމުން، އަދި ސަރުކާރުގެ ދީލަތި އެހީއާއެކު ބޭސްފަރުވާއަށް އެއަރ އެމްބިއުލާންސެއްގައި ރާއްޖެއިން ބޭރަށް ހަފީޒު ގެންދިޔުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާކަމަށެވެ.

އަޟްޙާ އީދު ދުވަހުގެ ފަތިހު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހަފީޒަށް ވަނީ ސީރިއަސް އަނިޔާތަކެއްވެފައެވެ. އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން އަންނައިރު ހަފީޒްގެ ހާލަތު އަދިވެސް ސީރިއަސްއެވެ.

އަލީ ހަފީޒް މިހާރު ހުންނެވީ ގައުމީ ޔުނިވަސިޓީގެ ސީނިއަރ ލެކްޗަރަރގެ މަގާމުގައެވެ. ކިޔަވައިދެއްވުމުގައި 18 އަހަރު ހޭދަކުރައްވާފައިވާ ހަފީޒް އެކްސިޑެންޓުވެފައިވަނީ ހީނާމާގޭ ޕާކިންގ ޒޯނު ކައިރީގައި ހުންނަ މިސްކިތުން ފަތިސް ނަމާދުން ނިމިވަޑައިގެން ނުކުންނެވިތަނާއެވެ. މަންޒަރު ދުށް މީހުން ބުނާގޮތުގައި ސައިކަލު ދުއްވާފައި އައީ ވަރަށް ބާރަށެވެ. އަދި ހަފީޒުގެ ގައިގައި ސައިކަލު ޖެހުމުން އޭނާ ވަރަށް ދުރަށް ވިއްސައިގެން ދިޔަކަމަށް ބުނެފައިވެއެވެ.

މިއެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާ، ކޯޓު އަމުރެއްގެ ދަށުން ހޯމަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އުމުރުން 22 އަހަރުގެ މި މީހާ އަތުގައި ލައިސަންސް ނޯންނަކަމަށް ފުލުހުން ބުނެއެވެ. ސައިކަލު ދުއްވި މީހާ ހައްޔަރުކުރުން ފަސްކުރީ އޭނާއަށްވެސް އެކްސިޑެންޓްގައި ބޮޑެތި އަނިޔާތަކެއް ލިބިފައިވުމާއެކު، ފަރުވާދެމުން ދާތީކަމަށްވެސް ފުލުހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
ކޮމެންޓް