ކ. މާލެ
|
3 ޖުލައި 2023 | ހޯމަ 13:09
މޯލްޑިވްސް މީޑިއާ ކައުންސިލް
މޯލްޑިވްސް މީޑިއާ ކައުންސިލް
އެމްއެމްސީ
ނޫސްވެރިކަމުގެ މިނިވަންކަން
ނޫސްވެރިންނަށް އަމާޒުކޮށް ސާބިތު ނުހިފޭ ތުހުމަތުތައް ކުރާ މައްސަލަ މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި
 
ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނުއަސާސީ ގެ 28 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ހައްގެއް
 
ނޫސްވެރިންނަށް އަމާޒުކުރައްވާ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ބޮޑެތި ތުހުމަތުތަކެއް ކުރެއްވި

ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ސާބިތު ނުހިފޭ ތުހުމަތުތައް ކުރަމުންދާ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފިއެވެ.

މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނުއަސާސީ ގެ 28 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ހައްގަކަށްވާއިރު، ފަހަކަށް އައިސް ތަފާތު އެކި ޕްލެޓްފޯމް ތަކުގައި ނޫސްވެރިންގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރުމާއި ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ސާބިތު ނުހިފޭ ތުހުމަތުތައް ކުރަމުންދާ މައްސަލަ  އެ ކައުންސިލަށް ފާހަގަވެފައިވާ ކަމަށެވެ.

ނޫސްވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެކި ނޫސްވެރިންނަށް ލިބެމުންދާ އަނިޔާތަކާއ،ި އިންޒާރުތަކާއ،ި އަދި އެނޫންވެސް ގޮންޖެހުންތަކުގެ ޝަކުވާތައް ލިބެމުންދާކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.

އޭގެ އިތުރުން، މިހާރަކަށް އައިސް އެ ކައުންސިލަށް ލިބޭ އެންމެ ބޮޑު އެއް ޝަކުވާއަކީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް ވަރަށް ފާޅުގައި ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ދޮގު އިލްޒާމްތައް އަޅުވަމުންދާ މައްސަލަކަން މީޑިއާ ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްގެއްކަން ފާހަގަކޮށް މީޑިއާ ކައުންސިލުން ބުނީ، ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ސާބިތު ނުހިފޭ ތުހުމަތުތައް ކުރުމާއި، ކްރެޑިބަލް ނޫސްވެރިންގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރުމަކީ މުޅި ނޫސްވެރިކަމުގެ ދާއިރާ އަށް ވެސް އޭގެ ސަބަބުން ގެއްލުން ލިބޭ ކަމެއް ކަމަށެވެ.

އޭގެ އިތުރުން، މިފަދަ ގޮތަކަށް ވަކިވަކި ނޫސްވެރިންގެ އަގު ވައްޓާލައި ސާބިތު ނުހިފޭ ތުހުމަތު ކުރުމަކީ މީޑިއާގެ މިނިވަންކަމަށްވެސް އެޅިގެން ދާ ވަރަށް ބޮޑު ހުރަހެއްކަން އެ ކައުންސިލުން ފާހަގަ ކުރެއެވެ.

 އަދި އެއީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖަ އިތުރަށް ދަށަށް ގޮސްދާނެ ކަމެއް ކަމަށް ގަބޫލުކުރެވޭކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މީޑިއާ ކައުންސިލުން ބުނީ، މިއީ ސަރުކާރާއި އެހެނިހެން ފަރާތްތައް ޖަވާބުދާރީ ކުރުވުމަށްވެސް އެކަމުގެ ސަބަބުން ހުރަސްތަކެއް އެޅިގެންދާ ކަމަށް އެ ކައުންސިލުން ދެކޭ ކަމަށެވެ.

މީޑިއާ ކައުންސިލުން ވަނީ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކުން ވެސް ނޫސްވެރިކަމުގެ މަސައްކަތްކުރައްވާއިރު ޤާނޫނާއި ޤަވާއިދުތަކާއި "ދިވެހި މީޑިއާގެ އަޚްލާޤ މިންގަނޑު" އާއި އުސޫލުތަކުގެ ތެރެއިން ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް ހަނދާންކޮށްދީފައެވެ.

މީޑިއާ ކައުންސިލުން މި ބަޔާން ނެރެފައިވާއިރު، އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންނަށް އަމާޒުކުރައްވާ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ބޮޑެތި ތުހުމަތުތަކެއް ކުރެއްވި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް