ކ. މާލެ
|
2 ޖުލައި 2023 | އާދީއްތަ 07:54
ބިދޭސީންތަކެއް
ބިދޭސީންތަކެއް
ރާއްޖެއެމްވީ
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް 14 ތަނެއްގައި ރެއިޑް އޮޕަރޭޝަން ކުރިއަށް ގެންގޮސްފި
މިހާތަނަށް 66 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވޭ

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް 14 ތަނެއްގައި ރެއިޑް އޮޕަރޭޝަން ކުރިއަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ނޫހަކަށް މައުލޫމާތުދެމުން ބުނީ މިރެއިޑުތަކުގައި މިހާތަނަށް 66 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން އެ މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝަށް ނިސްބަތްވާ 65 މީހަކާއި އިންޑިއާއަށް ނިސްބަތްވާ މީހެއް ކަމަށެވެ.

އޮޕަރޭޝަންތަކުގައި އިމިގްރޭޝަނުން ރެއިޑު ކުރަމުންދަނީ ބިދޭސީން މަސައްކަތްކުރާ އެކި ސައިޓުތައް ކަމަށާއި އެގޮތުން ބިދޭސީންނަށް ކައްކާ، ކޭޓަރިންގެ ޚިދުމަތްދެމުންދާ ބައެއް ބޮޑެތި ތަންތަން ބެލުމަށް އިމިގްރޭޝަނުން މާލެއާއި ހުޅުމާލޭގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހެދި ޑިޓެންޝަން ސެންޓަރު އޮޕަރޭޝަނަށް ގެންގޮސް، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް އަލުން ފެށީ ޖޫންމަހުގެ ތެރޭގައެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ވަނީ މި "އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު" އަކީ އިމިގްރޭޝަން ޤާނޫނާ ޚިލާފުވެގެން ރާއްޖެއިން ފޮނުވާލަންޖެހޭ ފަރާތްތައް ބަންދުކުރާ މަރުކަޒެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. މި ސެންޓަރު ހިންގަނީ އިމިގްރޭޝަނުގެ ދަށުންނެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި މި ޑިޓެންޝަން ސެންޓަރާއެކު ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ އެ ފަރާތްތަކުގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތްވަނީ ފަށައިފައެވެ. މި މަސައްކަތް ފަށާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

މި މަސައްކަތް 2019 ވަނަ އަހަރު ފެށީ އިކޮނޮމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އާއި މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެންނެވެ. މި މަސައްކަތުގެ ދަށުން ކޮވިޑުގެ ތެރޭގައި 18،000 އަށްވުރެ ގިނަ ބިދޭސީން ރާއްޖޭން ވަނީ ފޮނުވާލާފައެވެ. ނަމަވެސް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ އަދިވެސް ރާއްޖޭގައި ހައްލުނުވެ އޮތް މައްސަލައެއް ކަމުން އަލުން މި މަސައްކަތް ފުޅާ ދާއިރާއެއްގައި މިހާރު ފަށާފައިވާކަމަށް އެ ފަރާތުން މައުލޫމާތުދެއެވެ.

އިމިގްރޭޝަނުން އަލަށް ހުޅުވި މި ޑިޓެންޝަން ސެންޓަރަކީ 200 މީހުންގެ ޖާގައިގެ ޑިޓެންޝަން ސެންޓަރެކެވެ. މިއީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރާއްޖެއިން ފޮނުވާލެވެންދެން އެމީހުން ބައިތިއްބާނެ ވަސީލަތެއް މިހާތަަނަށް ސަރުކާރުގައި ގާއިމް ކުރެވިފައި ނެތުމުގެ ސަބަބުން އެކަމަށް ހައްލެއް ހޯދުމަށް ހުޅުވި ސެންޓަރެކެވެ. އެގޮތުން، ކުރިން ރާއްޖޭގައި ހުރި އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި އެއްފަހަރާ ބެއިތިއްބެނީ 40 ވަރަކަށް މީހުން ކަމަށް މީގެ ކުރިން މިނިސްޓަރު ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް