ކ. މާލެ
|
2 ޖުލައި 2023 | އާދީއްތަ 06:38
ފަބިއޯ ކަވާލިއޯ
ފަބިއޯ ކަވާލިއޯ
ޓްވިޓަރ
ފަބިއޯ ކަވާލިއޯ
ލޯނު އެއްބަސްވުމެއްގެ ދަށުން ފަބިއޯ ކަވާލިއޯ ލައިޕްޒިގަށް
މިދިޔަ ސީޒަނުގައި ކަވާލިއޯ ވަނީ ލިވަޕޫލަށް 21 މެޗު ކުޅެދީފައި

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލްގެ ފަބިއޯ ކަވާލިއޯ ލައިޕްޒިގަށް ބަދަލުވެއްޖެއެވެ.

ކާވާލިއޯ ލިވަޕޫލަށް ސޮއިކުރީ މިދިޔަ އަހަރު ޗެމްޕިއަންޝިޕުން ފުލަމް ޕްރޮމޯޓްކުރުމަށް އެހީތެރިވެދީފައެވެ. އޭނާ ވަނީ ފުލަމް އަށް 10 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިދިޔަ ސީޒަނުގައި ހުރިހާ މުބާރާތެއް ހިމެނޭހެން ކަވާލިއޯ ވަނީ ލިވަޕޫލަށް 21 މެޗު ކުޅެދީފައެވެ. ނަމަވެސް ސީޒަނުގެ ދެވަނަ ހާފުގައި އޭނާއަށް ކުޅުމުގެ ފުރުސަތު ލިބުނީ ވަރަށް މަދުންނެވެ. އައު އަހަރަށް ފަހު ޕްރިމިއާ ލީގުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ކުޅެފައިވަނީ އެންމެ ދެ މެޗެވެ. މީގެއިތުރުން ޗެމްޕިއަންސް ލީގު އެއް މެޗާއި އެފްއޭ ކަޕު އެއް މެޗެވެ.

ލިވަޕޫލުން ނެރުނު ބަޔާނެއްގައި ބުނީ އޭނާ ލައިޕްޒިގާއެކު ޖަރުމަނުގައި އިތުރު ތަޖުރިބާ ހޯދާނެ ކަމަށެވެ.

ޖަރުމަނުގެ ކުލަބަށް މިޑްފީލްޑަރު ގެނައުމުގައި ކުޅުމުގެ ފުރުސަތުގެ ވައުދަކީ މުހިންމު ކަމެއް ކަމަށް ބެލެވޭއިރު، ލައިޕްޒިގަކީ މިދިޔަ ސީޒަން ނިމުމުގެ ކުރިން ވަރުގަދަ ފޯމެއް ބިނާކޮށްފައިވާ ޓީމެކެވެ. އެ ޓީމުގެ ފެށުން ދަށްވިނަމަވެސް ފަހުން ކުޅުން ރަނގަޅުކޮށް ތާވަލުގެ ތިންވަނައިގައި ނިންމައި އެ ޓީމު ވަނީ ޗެމްޕިއަންސް ލީގުން ޖާގަ ހޯދާފައެވެ.

ޕޯޗުގަލަށް އުފަން އުމުރުން 20 އަހަރުގެ ކާވާލިއޯ ބޮޑުވީ ލަންޑަނުގައެވެ. އޭނާ ވަނީ 18 އަހަރުން ދަށުގެ ލެވެލްއާ ހަމައަށް އިންގްލެންޑް ތަމްސީލުކޮށް، އޭގެ ފަހުން ޕޯޗުގަލްގެ 21 އަހަރުން ދަށުގެ ޓީމަށް ހަތަރު ފަހަރު ކުޅެފައެވެ.

- ކޮމެންޓް