ކ. މާލެ
|
1 ޖުލައި 2023 | ހޮނިހިރު 13:33
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ
އެމްޕީއެލް
އެމްޕީއެލް ކޮމިއުނިޓީ ފަންޑު
ކޮމިއުނިޓީ ފަންޑަށް ބޮޑު ތަރުހީބެއް، ގިނަ ޕްރޮޕޯސަލް ތަކެއް ލިބިފައިވޭ: ސީއީއޯ ޝާހިދު
ޖުލައި މަހުގެ ތެރޭގައި ބައެއް ޕްރޮޕޯސަލްތައް ސިލެކްޓް ކުރެވޭނެ
މިހާރު ކުރިއަށްދަނީ އިވެލުއޭޓް ކުރުމުގެ މަސައްކަތް
ކޮންމެ އަހަރަކު 10 މަޝްރޫއަކަށް އެހީވާނެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތައާރަފްކުރި ކޮމިއުނިޓީ ފަންޑަށް ވަރަށް ތަރުހީބު ބޮޑު ކަމަށާއި، މިހާރު ވެސް ގިނަ ޕްރޮޕޯސަލްތަކެއް ލިބިފައިވާ ކަމަށް އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަވިޔުގައި ޝާހިދު ވިދާޅުވީ ކޮމިއުނިޓީ ފަންޑުގެ ދަށުން ކުރިއަށް ގެންދަން ބޭނުންވާ ގިނަ މަޝްރޫއުތަކުގެ ޕްރޮޕޯސަލްތައް ލިބިފައިވާ ކަމަށާއި، އެކި ދާއިރާތައް ހިމެނޭ ކަމަށެވެ. އަދި މިހާރު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ޖުލައި މަހުގެ ތެރޭގައި ބައެއް ޕްރޮޕޯސަލްތައް ސިލެކްޓް ކުރެވޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ ރަށްރަށުގެ ކައުންސިލްތާއި، އެކިއެކި ޖަމިއްޔާތަކުންމާއި، ސްކޫލުތަކުން ކުރިއަށް ގެންދާ މަޝްރޫއުތަކަށް ވެސް އެއްބާރުލުން ދޭ ކަމަށެވެ. އެގޮތުން ސީއެސްއާރްގެ ތެރެއިން ބައެއް މަސައްކަތްތައް ކުރިއަށް ގެންދާކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ޖުލައި މަސްތެރޭގައި ކުރިއަށް ގެންދެވޭނެ ފުރަތަމަ ބެޗް. ނަމަވެސް މިދަންނަވާހެން ކޮމިއުނިޓީ ފަންޑު އެއީ ތަންކޮޅެއް ސްފެސިފިކްކޮށް އަޅުގަނޑުމެން ޑިފައިންކޮށް ކުރަމުން ގެންދާ މަސައްކަތެއް. އޭގެ އިތުރުން ވެސް އަޅުގަނޑުމެން ސީއެސްއާރްގެ ތެރެއިން އެބަކުރެވޭ ސްކޫލުތަކާއި ޖަމިއްޔާތަކާއި ގުޅިގެން ކްލަބްތަކާއި ގުޅިގެން އަދި އެހެނިހެން ކައުންސިލްތަކާއި އެކިއެކި ފަރާތްތަކާއި ގުޅިގެން ވަރަށް ގިނަ މަސައްކަތްތައް ކުރެވޭ އިޖްތިމާއީ ކަންކަމުގައި ސަޕޯޓް ދިނުމުގައި އޮންގޮއިންކޮށް ކުރިއަށްދޭ. ސީދާ ކޮމިއުޓީ ފަންޑުގެ ޕްރޮޖެކްޓްގެ މަސައްކަތް ފަށާއިގަނެވޭނީ މިހާރު ހުރި ޕްރޮޕޯސަލްތައް އިވެލުއޭޓްކުރެވި ޕްރޮޖެކްޓްތައް ސިލެކްޓްވީމަ.
ސީއީއޯ ޝާހިދު އަލީ

ކޮމިއުނިޓީ ފަންޑުގެ ދަށުން މުޖުތަމައު އަށް ފައިދާހުރި އެކި މަޝްރޫއުތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދޭއިރު އދ. ގެ ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތަކުގައި ހިމެނޭ ކަންކަން ހާސިލް ކުރަން ހުށަހަޅާ މަޝްރޫއުތަކަށް އިސްކަންދޭނެ ކަމަށް އެމްޕީއެލުން ވަނީ ބުނެފައެވެ. އެގޮތުން މިފަދަ މަޝްރޫއުތަކަށް 40 އިންސައްތަ ޕޮއިންޓް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މި ކޮމިއުނިޓީ ފަންޑުގެ ދަށުން އެހީ ދޭ ފަރާތްތައް ކަނޑައެޅުމަށް ޚާއްސަ ކޮމިޓިއީއެއް އެމްޕީއެލުން ވަނީ ކަނޑައަޅައިފައެވެ. އަދި ހުށަހަޅާ ޕްރޮޕޯސަލްތަކަށް ޕޮއިންޓު ދިނުމުގެ އުސޫލެއް ވެސް ވަނީ އާއްމުކޮށްފައެވެ. އެގޮތުން 40 އިންސައްތަ އދ. ގެ ލަނޑުދަނޑިތައް ހާސިލްވާގޮތަށް ހުށަހަޅާ މަޝްރޫއުތަކަށް ދޭއިރު އުފެއްދުންތެރި މަޝްރޫއުތަކަށް 20 އިންސައްތަ، މަޝްރޫއުގެ ޕްލޭން އަދި އިމްޕްލިމެންޓް ކުރާ ގޮތަށް 30 އިންސައްތަ އަދި، ހުށަހަޅާ ޕްރޮޕޯސަލްގެ ޕްރޮފައިލްއަށް 10 އިންސައްތަ މާކްސް ދޭނެއެވެ.

މި ފަންޑުގެ ދަށުން އަހަރަކު 10 މަޝްރޫއުއަށް އެހީދޭން އެމްޕީއެލުން ވަނީ ނިންމާފައެވެ. އެގޮތުން، ކުދި އަށް މަޝްރޫއު ހޮވައި ކޮންމެ މަޝްރޫއުއަކަށް 50،000 ރުފިޔާ އަދި ބޮޑު ދެ މަޝްރޫއެއް ހޮވައި ކޮންމެ މަޝްރޫއަކަށް 100،000 ރުފިޔާ ދޭނެއެވެ.

އެމްޕީއެލުން މައުލޫމާތު ދޭ ގޮތުގައި މި ކޮމިއުނިޓީ ފަންޑަށް، ކައުންސިލްތަކާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ސަރުކާރު އަދި އަމިއްލަ ޖަމިއްޔާތަކާއި ކްލަބްތަކާއި ސްކޫލްތަކަށް ކުރިމަތިލެވޭނެއެވެ. އެހެންކަމުން ވީހާވެސް ގިނަ ބަޔަކު މި ފުރުސަތުގެ ބޭނުންކޮށް، ޕްރޮޕޯސަލްތައް ހުށަހެޅުމަށް އެ ކުންފުނިން އެދެއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި އެމްޕީއެލުން ވަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާ ބަޖެޓުގެ ދަށުން، މުޖުތަމައުގެ ފައިދާއަށް ޖަމިއްޔާތަކުން ކުރާ މަސައްކަތަކަށާއި، ތައުލީމީ ދާއިރާއަށާއި، ކުޅިވަރުގެ ދާއިރާއަށްވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.

- ކޮމެންޓް