ކ. މާލެ
|
30 ޖޫން 2023 | ހުކުރު 19:27
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ
އެމްޕީއެލް
ިއިއުލާން ނުކޮށް މުދާ ހޯދި މައްސަލަ
އިއުލާން ނުކޮށް އެމްޕީއެލްއިން 86 މިލިއަން ރުފިޔާގެ މުދާ ހޯދި މައްސަލަ އޭސީސީން ދަނީ ތަހުގީގު ކުރަމުން: ސީއީއޯ ޝާހިދު
އޭސީސީން އެ މައްސަލަ ނިންމައި، ދޭ އިރުޝާދާ އެއްގޮތަށް އިތުރު ފިޔަވަޅުތައް އަޅާނެ
ކުންފުނީގެ ހުރިހާ ކަމެއް ވެސް ވަނީ ވަރަށް ބޮޑަށް ހަރުދަނާ ކުރެވިފައި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން, 2015އިން 2017ގެ ނިޔަލަށް، އާއްމުކޮށް އިއުލާން ނުކޮށް އަދި ބީލަމަށް ހުޅުވާލުމަކާނުލައި، 86 މިލިއަން ރުފިޔާގެ މުދަލާއި ޚިދުމަތް ހޯދާފައިވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށް އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަވިޔުގައި ޝާހިދު ވިދާޅުވީ އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ދެއްވި އިރުޝާދާ އެއްގޮތަށް އަމަލުކުރަމުންދާ ކަމަށާއި، އެމައްސަލަ އޭސީސީއަށް ފޮނުވާފައިވާ ކަމަށެވެ. އަދި އޭސީސީން އެ މައްސަލަ ނިންމައި، ދޭ އިރުޝާދާ އެއްގޮތަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިހާރު ކުންފުނީގެ ހުރިހާ ކަމެއް ވެސް ވަރަށް ބޮޑަށް ހަރުދަނާ ކުރެވިފައިވާ ކަމަށާއި، މަސައްކަތްތައް ކުރިއަށް ދަނީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަމަށެވެ.

އެ މައްސަލާގެ ތަހުގީގަށް އޮޑިޓަރ ޖެނަރަލްގެ އިރުޝާދާއެއް ގޮތަށް އަޅުގަނޑުމެން މިވަނީ އޭސީސީއަށް ފޮނުވާފައި. އޭސީސީން ތަހުގީގު ކުރިއަށް އެބަ ގެންދަވާ. އޭސީސީން މަސައްކަތް ނިންމާފައި ތަހުގީގު ނިމޭ ގޮތަށް އޭސީސީގެ އިރުޝާދާ އެއްގޮތަށް އިތުރަށް އަޅާ ފިޔަވަޅެއް އަޅާ ގޮތަށް އަޅުގަނޑުމެން ނިންމާފައިވަނީ
އެމްޕީއެލްގެ ސީއީއޯ، ޝާހިދު އަލީ

22 މާޗް 2023 ވީ ބުދަ ދުވަހު ކުރިއަށް ދިޔަ މާލިއްޔަތު ކޮމެޓީ ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވީ 2015-2017އަށް އާމުކޮށް އިއުލާން ނުކޮށް އަދި ބީލަމަށް ހުޅުވާލުމަކާނުލައި، 86 މިލިއަން ރުފިޔާގެ މުދަލާއި ޚިދުމަތް އެމްޕީއެލް އިން ހޯދާފައިވާ ކަމަށެވެ.

ނިޔާޒީ ވިދާޅުވީ އެމްޕީއެލްގެ އޮޑިޓް ރިޕޯޓުން ފާހަގަކުރި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން އަދިވެސް މަގާމުތަކުގައި ތިބިކަމަށް މައުލޫމާތު ލިބިވަޑައިގަންނަވާފައިވާ ކަމަށެވެ. އޭސީސީގެ ތަހުގީގު ނުވަތަ ދައުވާ ކުރުމުގެ މަރުހަލާ ނުނިމުނު ނަމަވެސް ކުންފުނީގެ ޕްރޮކިއުމެންޓާއި ޚިލާފަށް ކަންކަން ކުރާ ނަމަ ކުންފުނީގެ އިސް ފަރާތްތަކަށް ކުންފުނީގެ ތެރެއިން ފިޔަވަޅު އެޅެން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ނިޔާޒީ ވިދާޅުވިއެވެ. ނިޔާޒީ ވިދާޅުވީ އޭރުގެ ޕްރޮކިއުމެންޓް ހެޑް މިހާރު މަގާމުގައި ނެތް ކަމަށެވެ. ނަމަވެސް ޕްރޮކިއުމެންޓްގެ މަސައްކަތުގައި އުޅުނު ބައެއް ބޭފުޅުން އަދިވެސް މަގާމުގައި ތިއްބެވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

- ކޮމެންޓް