މިއަހަރުގެ ވޯލްޑް ސްކޮލަރސް ކަޕް (ޑަބްލިއުއެސްސީ)ގެ ގްލޯބަލް ރައުންޑުގެ ޗެމްޕިއަންކަން ވިލާ އިންޓަނޭޝަނަލް ހައިސްކޫލުން ހޯދައިފިއެވެ.
ވޯލްޑް ސްކޮލަރސް ކަޕްގެ ގްލޯބަލް ރައުންޑް ކުރިއަށްގެންގޮސްފައިވަނީ ޖޫން 22 އިން 27 އަށް ޤަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ނޭޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ.
ވޯލްޑް ސްކޮލަރސް ކަޕަކީ ކޮންމެ އަހަރަކު ދުނިޔޭގެ 65 އަށްވުރެ ގިނަ ޤައުމުތަކުގެ ސްކޫލްތަކުގެ ދަރިވަރުން ބައިވެރިވާ ތައުލީމީ ޕްރޮގްރާމެކެވެ. މިއީ ތަފާތު އެކި ހަރަކާތްތަކުގެ ޒަރީއާއިން ދުނިޔޭގެ އެކި ކަންކަމަށް ދަރިވަރުން ލޯ ހުޅުވުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ދުނިޔޭގެ އެކި ޤައުމުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަށް ރާއްޖެއިން ވިލާ އިންޓަނޭޝަނަލް ހައިސްކޫލް ކޮލިފައިވީ ރީޖަނަލް ރައުންޑުން މޮޅުވެގެންނެވެ. އަދި ގްލޯބަލް ރައުންޑުން މޮޅުވުމާއެކު އެ ސްކޫލް މިހާރު ވަނީ އެމެރިކާގެ ޔޭލް ޔުނިވަރސިޓީގައި އޮންނަ "ޓޯނަމެންޓް އޮފް ޗެމްޕިއަންސް" ރައުންޑަށް ވެސް ކޮލިފައިވެފައެވެ. މިއީ މި ޕްރޮގްރާމުގެ ފަހު ރައުންޑެވެ.
މިއަހަރުގެ ގްލޯބަލް ރައުންޑުގައި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން 12 ދަރިވަރުންގެ ހަތަރު ޓީމު ބައިވެރިވިއެވެ. އެގޮތުން، ސީނިއާ ޗެމްޕިއަންކަން ހޯދި ޓީމުގައި ހިމެނެނީ އެ ސްކޫލުގެ ދަރިވަރުން ކަމަށްވާ އައިޝަތު ރާޔާ ނިމާދު އާއި އައިޝަތު ކާޔާ ރިފާއީ އަދި ފާތިމަތު ރައުމް މުޚުތާރުއެވެ. މި ރައުންޑުގައި ބައިވެރިވި ހަތަރު ޓީމުވެސް ވަނީ ފައިނަލް ރައުންޑަށް ކޮލިފައިވެފައެވެ.
ގްލޯބަލް ރައުންޑުގެ ސީނިއާ ބައިން ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ވިލާ އިންޓަނޭޝަނަލް ހައިސްކޫލުން ވަނީ އެ ރައުންޑުން 26 ރަން މެޑައްޔާއި 48 ރިހި މެޑަލްވެސް ހޯދާފައެވެ.
ގްލޯބަލް ރައުންޑު ނިންމާލުމަށްފަހު ބުރާސްފަތި ދުވަހު ޓީމުތައް ވަނީ އެނބުރި ރާއްޖެ އައިސްފައެވެ. މި ޓީމުތަކަށް ވިލާ އިންޓަނޭޝަނަލް ހައިސްކޫލުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.