ކ. މާލެ
|
30 ޖޫން 2023 | ހުކުރު 06:22
އެންގޯލޯ ކާންޓޭ
އެންގޯލޯ ކާންޓޭ
ރޮއިޓާރސް
އެންގޯލޯ ކާންޓޭ
އެންގޯލޯ ކާންޓޭ ބެލްޖިއަމްގެ ކުލަބެއް ގަނެފި
ކާންޓޭ ގަނެފައިވަނީ ބެލްޖިއަމްގެ ތިން ވަނަ ފަންތީގެ ކުލަބެއް ކަމަށްވާ ރޯޔަލް އެކްސެލްސިއާ ވާޓަން

އެންގޯލޯ ކާންޓޭ ބެލްޖިއަމްގެ ތިން ވަނަ ފަންތީގެ ކުލަބެއް ކަމަށްވާ ރޯޔަލް އެކްސެލްސިއާ ވާޓަން ގަނެފިއެވެ.

އުމުރުން 32 އަަހަރުގެ ފްރާންސްގެ މިޑްފީލްޑަރު، ފްލެވިއޯ ބެކާގެ ބަދަލުގައި ލަގްޒެމްބާގް ބޯޑަރު ކައިރީގައި ހުންނަ އެ ކުލަބުގެ ޗެއާމަންކަމާ ހަވާލުވާނީ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ. އެއީ ޕްރިމިއާ ލީގުގެ ޗެލްސީން އޭނާ ސައުދީ ޕްރޯ ލީގުގެ އަލް އިއްތިހާދާ ގުޅެން ހަމަޖެހިފައިވާ ތާރީހެވެ.

އެ ކުލަބުން ނެރުނު ބަޔާނެއްގައި ބުނީ ކުލަބުގެ ތަޅުދަނޑި އެންގޯލޯ ކާންޓޭއާ ހަވާލުކުރުމުން ފްލެވިއޯ ހުރީ ވަރަށް އުފަލުން ކަމަށެވެ. ބެލްޖިއަމްގެ ޕްރޮފެޝަނަލް ލައިސަންސް އަލުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، 2023-24 ވަނަ އަހަރުގެ ސީޒަނުގައި ބެލްޖިއަމްގެ ގައުމީ ޑިވިޝަން އެކެއްގައި ކުޅޭނެ އެވެ.

މި ޑިވިޝަނަކީ އެ ގައުމުގެ އެންމެ މަތީ ފަންތީގެ ބެލްޖިއަމް ޕްރޯ ލީގަށް ވުރެ ދެ ފިޔަވަޅެއް ފަހަތެވެ. އެކްސެލްސިއާ ވާޓަން ގަތުމަށް ކާންޓޭ ފީއެއް ދެއްކިކަމެއް ނުވަތަ ނޫންކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އެ ކްލަބުން ބުނަނީ އެ މީހުންނަކީ ދަރަނި ނެތް ބައެއް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ޑިރެކްޓަރުންގެ ބޯޑެއް އެކުލަވާލާނެ ކަމަށެވެ.

ފްރާންސްގެ އެމެޗާ ޑިވިޝަންތަކުން ކާންޓޭ ކެރިއަރު ފެށީ 2013 ވަނަ އަހަރު ކޭން އަށް ފެނުމުގެ ކުރިން ބޮލޮގްނޭގައެވެ. ޗެލްސީއަށް ބަދަލުވުމުގެ ކުރިން އޭނާ ވަނީ 2015-16 ވަނަ އަހަރުގެ ސީޒަނުގައި ލެސްޓާ ސިޓީއަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފައެވެ. ސްޓެމްފޯޑް ބްރިޖުގައި ކާންޓޭ ވަނީ ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގާއި ޔޫރޮޕާ ލީގާއި އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ 2018 ވަނަ އަހަރު ފްރާންސަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.

ކާންޓޭ ސައުދީ ލީގަށް ބަދަލުވުމާއެކު ކުލަބެއް ގަންނަން ނިންމާފައިވާއިރު، ސައުދީ ލީގަށް ކުޅެމުން އަންނަ ރޮނާލްޑޯ ވެސް ވަނީ ކުލަބެއް ގަތުމާމެދު ޝައުގުވެރިކަން ފާޅުކޮށްފައެވެ.

- ކޮމެންޓް