ބޭނުންވަނީ ޗެލްސީގައި މަޑު ކުރަން ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ބުނެފި އެވެ.
ޗެލްސީއާއެކު ކާންޓޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރު އެވެ. އެހެން ނަމަވެސް މިހާތަނަށް ކާންޓޭގެ މުސްތަޤުބަލާމެދު ޗެލްސީން ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ. މިިދިޔަ އަހަރުފެ ފީފާ ވޯލްޑް ކަޕްގެ ކުރިން ލިބުނު އަނިޔާއެއްގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށް ފަހު ކާންޓޭ އެނބުރި ކުޅުމަށް އައީ މިއަހަރު އެވެ. މިހާރު އޭނާ އަންނަނީ އަނެއްކާ ވެސް ޗެލްސީ ޓީމުގައި ހިމެނިގެން ކުޅެމުންނެވެ.
މުސްތަޤުބަލާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކާންޓޭ ބުނީ، އޭނާ ބޭނުން ވަނީ މުސްތަޤުބަލުގައި ވެސް ޗެލްސީގައި ހުންނަން ކަމަށާއި، މުސްތަޤުބަލުގެ ބައިވެރިއަކަށް ވާން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ ޗެލްސީގައި އޮތީ ވަރަށް ކާމިޔާބު ޕްރޮޖެކްޓެއްގެ ގޮތުގައި ދެކޭ ކަމަށެވެ. މި ސީޒަނުގައި ޗެލްސީ އޮތީ އެ ޓީމުގެ އަސްލު ފެންވަރުގައި ނޫން ކަމަށާއި، ނަމަވެސް އަބަދު ވެސް ބޭނުންވަނީ ޗެލްސީއާއެކު ކާމިޔާބަށް ވާސިލްވުމަށް ކަމަށެވެ. އެހެން ނަމަވެސް އޭނާ ބުނީ އަންނަ ސީޒަނުގައި އޭނާ ހުންނާނީ ކޮން ކުލަބެއްގައިތޯ ބަލަން ޖެހޭނެ ކަމަށާއި، އުންމީދު ކުރަނީ ޗެލްސީގައި ހުރެވޭނެ ކަމަށެވެ.
ލެއިސްޓަރ ސިޓީ ދޫކޮށް ކާންޓޭ ޗެލްސީ އަށް ބަދަލުވީ 2016 ވަނަ އަހަރު އެވެ. އޭރު އޭނާ ޗެލްސީ އަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ޗެލްސީގެ މިޑްފީލްޑުގައި ކާންޓޭ ދައްކަމުން އައި މޮޅު ކުޅުމުގެ ސަބަބުން އެ ކުލަބުން ވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޭނާގެ އެއްބަސްވުން އިތުރު ފަސް އަހަރަށް އައުކޮށްފަ އެވެ. ކާންޓޭ ވަނީ މިހާތަނަށް ޗެލްސީ އަށް ކުޅެދިން 269 މެޗުގައި 13 ލަނޑު ޖަހައިފަ އެވެ. ކާންޓޭ ވަނީ ޗެލްސީއާއެކު ހަ ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ޔޫރޮޕާ ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ހިމެނެ އެވެ. މީގެ އިތުރުން އެފްއޭ ކަޕްގެ ފައިނަލްގައި ހަތަރު ފަހަރު އަދި ކަރަބޯ ކަޕްގެ ފައިނަލްގައި ދެ ފަހަރު ކުޅެފައިވެ އެވެ.
ފްރާންސް ޤައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާ ކުރި ކާންޓޭ އެންމެ ފުރަތަމަ ޤައުމީ ޓީމަށް ކުޅެން ފެށީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން ޤައުމީ ޓީމާއެކު އެ އަހަރުގެ ޔޫރޯ މުބާރާތުގެ ފައިނަލްގައި ކުޅުނެވެ. އޭގެ ދެ އަހަރު ފަހުން ރަޝިޔާގައި އޮތް ފީފާ ވޯލްޑް ކަޕް އޭނާ ވަނީ ފްރާންސްއާއެކު ކާމިޔާބުކޮށްފަ އެވެ. އެ މުބާރާތް ފްރާންސް އިން ކާމިޔާބު ކުރުމުގައި ކާންޓޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަނިޔާގެ ސަބަބުން މިދިޔަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕް އޭނާ އަށް ގެއްލުނެވެ. ކާންޓޭ ވަނީ މިހާތަނަށް ޤައުމީ ޓީމަށް 53 މެޗު ކުޅެދީ ދެ ލަނޑު ޖަހައިފަ އެވެ.