ޗެލްސީ އަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭގެ ޙާލަތު ބަދަލުވެދާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އަނިޔާގެ ސަބަބުން ކާންޓޭ މިހާރު ހުރީ ކުޅުމާ ދުރުގަ އެވެ. އެ އަނިޔާގެ ސަބަބުން މިދިޔަ ޑިސެމްބަރު މަހު ޤަތަރުގައި ނިމުނު ފީފާ ވޯލްޑް ކަޕްގައި ވެސް ކާންޓޭ އަށް ނުކުޅެވުނެވެ. ކާންޓޭ އަކީ ޗެލްސީގެ އިތުރުން ފްރާންސް ޤައުމީ ޓީމުގެ މެދު ތެރޭގަައި އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ނަމަވެސް ކާންޓޭ އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް ޖެހުނީ ކުޅުމާ ދުރުގައި މަޑު ކުރުމަށެވެ. ޗެލްސީން ކާންޓޭއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމާއެކު، އޭނާ ދޫކޮށްލުމުގެ ޚިޔާލި ގެންގުޅެމުން އައި ކަމަށް ރިޕޯޓުތައް ބުންޏެވެ.
ނަމަވެސް މިހާރު އެ ޙާލަތު ބަދަލުވުމުގެ ފުރުސަތު އޮތް ކަމަށް ބޭރުގެ މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. އެއީ ކާންޓޭ ޗެލްސީއާ ކުރަމުން އަންނަ މަޝްވަރާތަކުގެ ސަބަބުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން ޗެލްސީ ދޫކޮށްލާކަށް ކާންޓޭ ބޭނުމެއް ނުވެ އެވެ. އޭނާ ބޭނުންވަނީ ކުލަބުގައި މަޑުކުރުމަށެވެ. އެހެންކަމުން ކާންޓޭ އާއި ޗެލްސީ އަންނަނީ އެކި ގޮތްގޮތުން އެއްބަސްވުމުގެ މަޝްވަރާ ކުރަމުން ކަމަށާއި، ކުރީގެ ޙާލަތަށް މިހާރު ބަދަލު އައިސްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. މީގެ އިތުރުން ޗެލްސީގައި މަޑުކުރުމަށް ކާންޓޭ ހުރީ މުސާރައިގެ ވާހަކަ ދެއްކުމަށް ވެސް ތައްޔާރަށް ކަމަށާއި، މުސާރަ ކުޑަ ކުރުމަށް ވެސް އޭނާ އެއްބަސްވާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ކާންޓޭ ޗެލްސީގައި މަޑުކުރުމުގެ ފުރުސަތު މިހާރު ކޮންމެ ވެސް ވަރަކަށް އެބަ އޮތެވެ.
ކާންޓޭ ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި އަހަރުގެ ޖޫން މަހު އެވެ. ޕްރިމިއާ ލީގުގެ ލެއިސްޓާ ސިޓީ ދޫކޮށް ކާންޓޭ ޗެލްސީ އަށް ބަދަލުވީ 2016 ވަނަ އަހަރު އެެވެ. އޭގެ ފަހުން އޭނާ ވަނީ އެ ކުލަބާއެކު 262 މެޗު ކުޅެ، 13 ލަނޑު ޖަހާފަ އެެވެ. ޗެލްސީއާއެކު ކާންޓޭ ވަނީ 6 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގާއި، އެފް ކަޕާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ޔޫރޮޕާ ލީގާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް ހިމެނެ އެވެ. އުމުރުން 31 އަހަރުގެ ކާންޓޭ އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ފްރާންސް ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. ޤައުމީ ޓީމާއެކު ހޭދަ ކުރި 7 އަހަރު ތެރޭގައި ވަނީ 52 މެޗު މުޅެ، ދެ ލަނޑު ޖަހާފަ އެވެ. ފްރާންސްއާއެކު ކާންޓޭ ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތާއި، 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތް ކާމިޔާބުކޮށްފަ އެވެ.