ކ. މާލެ
|
29 ޖޫން 2023 | ބުރާސްފަތި 13:33
ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން
ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން
މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
މާޅެ ސަރަހައްދުން ގޯތި ދޫކުރުން
ގޯތީގެ ވަގުތީ ލިސްޓުގައި ވަނީ 3 ބިދޭސީންގެ ނަން، ރަނގަޅުކުރާނަން: އަކްރަމް
10 ބިދޭސީންގެ ނަން ލިސްޓުގައި ހިމެނޭ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުން
ދާއިމީ ލިސްޓު އާންމުކުރާއިރު ވަގުތީ ލިސްޓުގައި ހުރި ކަންކަން އިސްލާހުކުރާނެ

މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކުރިއިރު 3 ބިދޭސީއެއްގެ ނަން ފާހަގަވެފައިވާކަމަށާއި، ދާއިމީ ލިސްޓު އަންމުކުރާއިރު އެކަން ރަނގަޅު ކުރާނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފައިވާއިރު މި ލިސްޓުގައި 10 ބިދޭސީއެއްގެ ނަން ހިމެނޭކަމަށްބުނެ ސޯޝަލް މީޑިއާގައި ދަނީ އެކި ގޮތްގޮތަށް ވާހަކަދެކެވެމުންނެވެ.

މިކަމާއި ގުޅިގެން އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިދޭސީންތަކަކަށް ހިލޭ ގޯތި ދިން ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. ވަގުތީ ލިސްޓުގައި ވަނީ 3 ބިދޭސީއެއްގެ ނަން ކަމަށާއި، ވަގުތީ ލިސްޓެއް ނެރުމުގެ ބޭނުމަކީ މިހެން ހުންނަ ކަންކަން ދެނެގަނެ އިސްލާހުކުރުން ކަމުގައި އަކްރަމް ފާހަގަކުރެއްވިއެވެ. މި ޕްރޮސެސްގައި މިހެން ހުރި ކަންކަން އިސްލާހުކުރެވިގެންދާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި ދާއިމީ ލިސްޓު އާންމުކުރާއިރު މިކަންކަން ރަނގަޅުކުރެވޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ބިދޭސީންތަކަކަށް ގޯތި ދޭން ނިންމާފައިވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ގެންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މިއީ ސީދާ ދިވެހި ރައްޔިތުންނަށް ގެއްލުންދޭން ހިންގާ ކަމެއް ކަމުގައި އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.

މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފައިވާއިރު، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ޖުލައި 15 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މިގޮތުން ދާއިމީ ލިސްޓު އެކުލަވާލާނީ މި މުއްދަތުގައި ހުށަހަޅާ ޝަކުވާތައް އިވެލުއޭޓުކުރުމަށްފަހުގައި ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް