ކ. މާލެ
|
29 ޖޫން 2023 | ބުރާސްފަތި 11:57
ފުލުހުންގެ އޮޕަރޭޝަނެއް
ފުލުހުންގެ އޮޕަރޭޝަނެއް
ރާއްޖެއެމްވީ
ޓްރެވަލް އެޑްވައިޒަރީ ލެވެލް
ރާއްޖޭގައި އަދިވެސް ޓެރަރިޒަމްގެ ނުރައްކާ އޮތްކަމަށް އެމެރިކާއާއި އިނގިރޭސިވިލާތުން ލަފާކޮށްފި
އެއްވެސް އެންގުމެއްނެތި ހަމަލާތައް ދީފާނެކަމުގެ ބިރު ބޮޑު
ފަތުރުވެރިންނަށް އެއްވެސް ކަމެއް ކުރިމަތިވެއްޖެނަމަ އެމްބަސީއަށް އެންގުމަށް ވަނީ އެދިފައި
މިފަދަ ކަންކަމަށް ފަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފައިވޭ

ދިވެހިރާއްޖޭގައި އަދިވެސް ޓެރަރިޒަމްގެ ނުރައްކާ އޮތްކަމަށް ބަލައި، އެމެރިކާއާއި އިނގެރޭސިވިލާތުން ޓްރެވަލް އެޑްވައިޒަރީ ލެވެލް އަޕްޑޭޓްކޮށްފިއެވެ.

އިނގެރޭސިވިލާތުން ޓްރެވަލް އެޑްވައިޒަރީ ލެވެލް އަޕްޑޭޓްކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެއީ ލެވެލް 3 ށެވެ.

މިގޮތުން އިނގެރޭސިވިލާތުން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ވަނީ އާންމުގޮތެއްގައި ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި ތަނެއް ކަމަށެވެ. އެހެންނަމަވެސް ރާއްޖެއަށް ޓެރަރިޒަމްގެ ނުރައްކާ އޮންނަ ކަމަށް އެގައުމުން ވަނީ ބުނެފައެވެ. އަދި މީގެ ކުރިން ރާއްޖޭގައި ހިނގާފައިވާ މިފަދަ ބައެއް ޓެރަރިޒަމްގެ ހަމަލާތައްވެސް އިނގެރޭސިވިލާތުން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އެމެރިކާއިން ޓްރެވަލް އެޑްވައިޒަރީ ލެވަލް އަޕްޑޭޓްކޮށް ބުނެފައިވަނީ ޓެރަރިސްޓް ގްރޫޕުތަކުން އެއްވެސް އެންގުމެއްނެތި ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ހިންގުމުގެ ބިރު ބޮޑު ކަމަށެވެ. ބައެއްފަހަރު ފަތުރުވެރިންނަށް އަމާޒުކޮށްވެސް މިފަދަ ހަމަލާތައް ދެމުންދާކަމަށް ބުނެފައިވެއެވެ.

އެމެރިކާއިން ވަނީ ރާއްޖެއަށް ދަތުރުކުރާއިރު ސަމާލުވާންވީ ބައެއް ކަންކަންވެސް ހިއްސާކޮށްފައެވެ. މިގޮތުން ގިނަ މީހުން އެއްވެ އުޅޭ ސަރަހައްދުތަކަށް ނުދިއުމަށާއި، އަބަދުވެސް ޚަބަރުތައް ބެލުމަށާއި، ވަށައިގެންވާ މާހައުލުގައި ހިނގާ ކަންކަމަށް އަބަދުވެސް ސަމާލުކަން ދިނުމަށް އިރުޝާދު ދީފައިވެއެވެ.

ދެގައުމުންވެސް ވަނީ މިފަދަ އެއްވެސް ކަމެއް ކުރިމަތިވެއްޖެނަމަ އެކަން އެގައުމެއްގެ އެމްބަސީއާ ހިއްސާކުރުމަށް އެދިފައެވެ.

ރާއްޖެއަށް ޓެރަރިސްޓު ހަމަލާއެއްގެ ނުރައްކާ ބޮޑުކަމަށް އެމެރިކާއާއި އިނގެރޭސިވިލާތުން ބުނެފައިވާއިރު، ރާއްޖޭގައި މީގެ ކުރިން ބައެއް ޓެރަރިސްޓު ހަމަލާތައް ދީފައިވެއެވެ. މީގެ ތެރޭގައި ފަތުރުވެރިންނަށް އަމާޒުކޮށް ދިން ހަމަލާތައްވެސް ހިމެނެއެވެ.

- ކޮމެންޓް
29 ޖޫން 2023 | ބުރާސްފަތި 12:37
ފަލަސްތީން 🇵🇸
އެމެރިކާއިން އިޒްރާއީލުން ފަންޑުކޮށް، ފަލަސްތީނުގެ ނިކަމެތިން މަރުމުންދާ އިރު އެއީ ޓެރެރިޒަމް އެއްނޫން..!