ރާއްޖޭގައި ޓެރަރިސްޓް ހަމަލާ އެއް ހިންގަފާނެ ކަމުގެ ބިރު އޮތް ކަމުގެ އިންޒާރު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ދިން ވާހަކަ ބައިނަލް އަގްވާމީ މީޑީއާ ގައި ފެތުރެމުން ދާއިރު ދިވެހި ސަރުކާރުން މިކަމާ އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެއެވެ.
އެމެރިކާގެ މަޝްހޫރު އެތައް މީޑިއާ އެއްގައި މި ޚަބަރު ހަލުއި ކަމާ އެކު ދައުރުވަމުން ދާއިރު ސްޓޭޓް ޑިޕާޓްމަންޓުން މި ނެރުނު ޓްރެވަލް އެޑްވައިޒަރީގެ ސަބަބުން ރާއްޖެ އަށް ދަތުރު ކުރުމަކީ ރައްކައުތެރި ކަމެއްތޯމީޑިއާ ތަކުގައި ސުވާލު އުފެދޭ ގޮތައް ޚަބަރު ތައް ވަނީ ގެނެސްދީފައެވެ.
އެއް ރިޕޯޓެއް ގައި ބުނެފައި ވަނީ "ސްޓޭޓް ޑިޕާޓްމަންޓުން ދިވެހިރާއްޖެއަށް ދަތުރުފަތުރުގެ އިންޒާރު އައުކޮށްފިއެވެ. މިގޮތުން [ރާއްޖެއަށް] ޒިޔާރަތްކުރަން ގަސްދުކުރާ މީހުންނަށް ޓެރަރިޒަމްގެ ހާދިސާ އެއް ހިނގާފާނެ ކަމުގެ އިންޒާރު ދީފައިވެއެވެ."
އަންގާރަ ދުވަހު، ސްޓޭޓް ޑިޕާޓްމަންޓުން ފަތުރުވެރިންގެ މެދުގައި މަޤްބޫލު ދިވެހިރާއްޖެ އަށް ކުރިން ދީފައިވާ ލެވެލް 2 ގެ އިންޒާރަކަށް ކަންބޮޑުވާ އިތުރު ކަންތައްތަކެއް ވަނީ ހިމަނާފައެވެ. ސްޓޭޓް ޑިޕާޓްމަންޓުން ކުރިން ނެރެފައިވާ އިންޒާރު އައުކޮށް، ދިވެހިރާއްޖޭ ގައި ޓެރަރިސްޓް ހަމަލާތަކާއި އަނިޔާވެރިކަމުގެ ނުރައްކާ އޮތްކަމަށް ބުނެ އިންޒާރު ދީފައިވެއެވެ. ހަމަލާތައް ދެވިދާނެ ތަންތަނުގެ ތެރޭގައި ފަތުރުވެރިން ޒިޔާރަތްކުރާ ތަންތަނާއި، ދަތުރުފަތުރުގެ މަރުކަޒުތަކާއި، މާރުކޭޓުތަކާއި ޝޮޕިންގ މޯލްތަކާއި، އަދި ސަރުކާރުގެ އިދާރާތައް ހިމެނޭ ކަމަށް ބުނެފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުގައިވެއެވެ. އަދި ސްޓޭޓް ޑިޕާޓްމަންޓުން ދިން އިންޒާރު ގައި މާލެ ނޫން އެހެން ރަށްރަށުގައި ވެސް ހަމަލާތައް ދެވިދާނެކަމަށާއި، އެކަމުގެ ސަބަބުން އިދާރާތަކުން އަޅާ ފިޔަވަޅުތައް ލަސްވެދާނެކަމަށް ވެސް ބުނެފައިވެއެވެ.
މިފަދަ އިންޒާރުތަކަކީ އަބަދުވެސް އޭގެ މަޢުލޫމާތު އެނގި، ސަމާލުކަން ދޭންޖެހޭ ކަންކަން ކަމުގައި މީޑިއާ ރިޕޯޓުތަކުގައި ވެއެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ދިވެހިރާއްޖެ އަށް ދަތުރުކުރަން ނިންމާ ފަރާތްތަކަށް ބައެއް ކަންކަން ކުރުމަށް އިރުޝާދު ދީފައިވާ ކަން ވެސް ރިޕޯޓުތަކުގައި ވެއެވެ. އެ ގޮތުން، ރާއްޖެ އާ ބެހޭ އެންމެ ފަހުގެ ޚަބަރުތައް ސާފު ކުރުމުގެ ގޮތުން ރާއްޖޭގެ މީޑިއާތައް މޮނިޓަރ ކުރަމުން ގެންދިއުމަށާއި، ދަތުރުގެ ޕްލޭން ބަދަލުކުރަން ތައްޔާރަށް ތިބުމަށާއި، ވަށައިގެންވާ މާޙައުލަށް ސަމާލުވެ ތިބުމަށާއި، މުޒާހަރާތަކާއި މީހުން ޖަމާވާ ތަންތަނާ ދުރުހެލި ވުމަށާއި، ސްމާޓް ޓްރެވެލަރ އެންރޯލްމަންޓް ޕްރޮގްރާމް (ސްޓެޕް) ގައި ރަޖިސްޓަރީވުމަށް އިރުޝާދު ދީފައިވެއެވެ.
އެމެރިކާ ފަދަ ގައުމަކުން މިފަދަ ސީރިއަސް ނުރައްކަލެއްގެ ވާހަކަ ހާމަ ކޮށްފައިވާއިރު، ފަތުރުވެރި ކަމަށް ބަރޯސާ ވެފައިވާ ދިވެހިރާއްޖޭގެ ކަމާ ބެހޭ ސަރުކާރުގެ އެޖެންސީ އަކުން މިކަމުގެ ހަގީގަތް އޮތް ގޮތާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައި ނެތުމަކީ ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރު ކޮށްފާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ.