ކ. މާލެ
|
28 ޖޫން 2023 | ބުދަ 15:45
ހައްޖަށް ތައްޔާރުވުން
ހައްޖަށް ތައްޔާރުވުން
ރޮއިޓާސް
ހައްޖު 1444
މިއަހަރު ހައްޖުގެ އަޅުކަން އަދާކުރަން 1.8 މިލިއަނަށްވުރެ ގިނަ ހައްޖާޖީން މައްކާއަށް ދިޔަ
އެކި ގައުމުތަކުން 1،660،915 މީހުން ހައްޖުގެ އަޅުކަން އަދާކުރަން ދިޔަ
ސައޫދީން މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރީ 184،130 މީހުން

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް 1.8 މިލިއަނަށްވުރެ ގިނަ ހައްޖާޖީން މައްކާއަށް ދިޔަ ކަމަށް ސައޫދި އަރަބިއްޔާއިން ބުނެފިއެވެ.

ސައޫދީ ސަރުކާރުން ބުނެފައިވާ ގޮތުގައި، ހައްޖު ދުވަހާ ހަމައަށް ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ޒިޔާރަތްކޮށްފައިވަނީ ޖުމްލަ 1،845،045 (އެއް މިލިއަން، އަށްލައްކަ ސާޅީސް ފަސްހާސް ސާޅީސް ފަސް) މީހުންނެވެ. މީގެ ތެރޭގައި 1،660،915 (އެއް މިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ނުވަސަތޭކަ ފަނަރަ) ހައްޖާޖީންނަކީ އެކި ގައުމުތަކުން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައޫދީއަށް ދިޔަ މީހުންނެވެ.

ސައޫދީން އާއްމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި އެ ގައުމުން މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރީ 184،130 (އެއް ލައްކަ އައްޑިހަ ހަތަރުހާސް ސަތޭކަ ތިރީސް) މީހުންނެވެ.

މިއަހަރު ހައްޖުގެ އަޅުކަން އަދާ މކުރި މީހުންގެ ތެރެއިން 969،694 ހައްޖާޖީންނަކީ ފިރިހެނުންނެވެ. އަދި 875،351 ހައްޖާޖީންނަކީ އަންހެނުންނެވެ.

މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް އެންމެ ގިނަ ހައްޖާޖީން ސައޫދީއަށް ޒިޔާރަތްކުރީ އޭޝިއާ ސަރަހައްދުންނެވެ. އެ ސަރަހައްދުން 1،056،317 ހައްޖުވެރިން ޒިޔާރަތްކުރިއިރު އަރަބި ގައުމުތަކުން 346،214 ހައްޖާޖީން، އަދި އެފްރިކާ ގައުމުތަކުން 221،863 ހައްޖާޖީން ވަނީ ހައްޖުގެ އަޅުކަން އަދާކޮށްފައެވެ. ޔޫރަޕާއި އެމެރިކާ އަދި އޮސްޓްރޭލިއާ ހިމެނޭހެން އެހެނިހެން ގައުމުތަކުން 36،521 ޙައްޖުވެރިން މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރިއެވެ.

މިއަހަރު ރާއްޖެއިންވެސް ހައްޖުގެ އަޅުކަން އަދާކުރުމަށް 1000 މީހުން މައްކާއަށް ދިޔައެވެ.

ކޮވިޑާ ގުޅިގެން، 2020 ވަނަ އަހަރުން ފެށިގެން ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ސައޫދީން ދީފައިވަނީ ލިމިޓުކޮށްގެންނެވެ. އެގޮތުން 2020 ވަނަ އަހަރު 10،000 މީހުން ހައްޖުގެ އަޅުކަން އަދާކުރިއިރު، 2021 ވަނަ އަހަރު 59،000 މީހުން، އަދި 2022 ވަނަ އަހަރު އެއް މިލިއަން މީހުން ހައްޖުގެ އަޅުކަން އަދާކުރިއެވެ.

- ކޮމެންޓް