ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި 1444ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު ބޮޑު ޖަމާއަތުގައިކޮށްފިއެވެ.
އެގޮތުން ގްރޭޓާ މާލެ އޭރިޔާއިން ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފައި ވަނީ މާލެ، ވިލިމާލެ، އަދި ހުޅުމާލޭގައެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި ބޮޑު ޖަމާޢަތް ބާއްވާފައި ވަނީ މާލެ މާފަންނު ސްޓޭޑިއަމް، އިސްލާމީ މަރުކަޒާއި މައިދާން ސަރަޙައްދު، ސަލްމާން މިސްކިތާއި މާބްލް ސަރަޙައްދު، ހުޅުމާލެ ފޭސް 1ގެ ސިންތެޓިކް ޓްރެކް، ހުޅުމާލެ ފޭސް 2ގެ ކްރިކެޓް ސްޓޭޑިއަމް (H16 އާ ދިމާލަށް އޮންނަ ސަރަޙައްދު) އަދި ވިލިމާލެ ފުޓްބޯޅަ ދަނޑުގައެވެ.
ބޮޑު ޖަމާޢަތުގައި ނަމާދު ކުރި ނަމަވެސް ފިޠުރު ޢީދެކޭ އެއްގޮތަށް، މާލެ ސަރަޙައްދުގެ ބޮޑެތި މިސްކިތްތަކުގައި ވެސް ޢީދު ނަމާދު ވަނީ ކޮށްފައެވެ. އެގޮތުން މާލޭގެ 17 މިސްކިތެއްގައާއި ވިލިގިލީގެ މަސްޖިދުއްސަލާމްގައި ޢީދު ނަމާދުކޮށްފައިވެއެވެ. އަދި ހުޅުމާލޭގެ ތިން މިސްކިތެއްގައި، ފޭސް-2ގެ ދެ މިސްކިތެއްގައި ޢީދު ނަމާދުކޮށްފައިވާ އިރު ހުޅުލޭގެ ދެ މިސްކިތެއްގައި ޢީދު ނަމާދު ކޮށްފައިވެއެވެ.
މާލޭގެ އިތުރުން ރާއްޖޭގެ ރަށްތަކާއި ސިޓީތަކުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ބޮޑު ޖަމާއަތުގައި ނަމާދު ކުރި ސަރަހައްދުތަކަށް ވެހިކަލްގައި ނުވަދެވޭނެ ގޮތް ހަދާ އާއްމުންނަށް ފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާދީފައެވެ.
ރާއްޖޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރަން ފަށާފައިވަނީ 2012 ވަނަ އަހަރުއެވެ. ޢީދު ނަމާދު ހުޅުވިފައިވާ ސަރަޙައްދެއްގައި ބޮޑު ޖަމާޢަތެއްގައި ކުރުމަކީ ސުންނަތެކެވެ.
ޢީދު ނަމާދަށް އާއިލާގެ އެންމެން އެކުގައި ދިއުމާއި، ޢީދު ނަމާދަށް ފަހު އެކަކު އަނެކަކާއި ސަލާމްކޮށް ހާލު ބެލުމުގެ އިތުރުން، ޢީދު ނަމާދަށް ފަހު ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިންނަށް ޒިޔާރަތްކޮށް، "ޢީދު ސައި" ބުއިމަކީ ދިވެހިންގެ ތެރޭގައި އޮންނަ ސަޤާފަތެކެވެ.