އީދަކީ ﷲ ގެ ޙައްދުތަކާއި ޙުރުމަތްތައް ގިރާ ކުރުމަށް ހުޅުވާލެވޭ ދޮރެއް ނޫންކަމަށް މިއަދުގެ އީދު ޚުތުބާގައި ބުނެފިއެވެ.
އީދު ދުވަހު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އިއްވި ޚުތުބާގައި އީދު ދުވަހަކީ ﷲ ހަނދުމަ ކުރުން މަތީ ދެމިތިބެންޖެހޭ ދުވަހެއްކަން ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ. އެގޮތުން އީދު ދުވަހަކީ އުފާވެރި ބާއްޖަވެރި ދުވަހަކަށް ހެދުމަށްޓަކައި އެކަކު އަނެކަކަށް ހިތްހެޔޮ ކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.
އިސްލާމީ އީދަކީ އެކަނިވެރިޔާ އޭނާގެ އާއިލާގެ މަތިން، ފަޤީރު މީހާ އޭނާގެ މުހުތާދުތަކުގެ މަތިން، ބީރައްޓެހި މީހާ އޭނާގެ ރައްޓެހިންގެ މަތިން، ބިދޭސީ މީހާ އޭނާގެ ޤައުމުގެ މަތިން، ޔަތީމު ކުއްޖާ އޭނާގެ މައިންބަފައިންގެ މަތިން ހަނދާންކޮށްދޭ ދުވަހެވެ.އީދު ޚުތުބާ
އިސްލާމް ދީނުގައި އީދު ފާހަގަ ކުރުމަކީ ޝަހުވަތްތަކުގެ ފަހަތުން ދިއުން ނޫންކަން ފާހަގަކޮށް އީދު ޚުތުބާގައި ބުނީ، އެއީ ﷲ ގެ ޙައްދުތަކާއި ހުރުމަތްތައް ގިރާ ކުރުމަށް ހުޅުވާލެވޭ ދޮރެއް ނޫން ކަމަށެވެ. އެގޮތުން އިސްލާމް ދީނުގައި އީދުތަކަކީ ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަން ގަތުމާއި ވިދިވިދިގެން އަންނަ ދުވަސްތަކެއްކަންވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
ޚުތުބާގައި ވަނީ ޙައްޖުގެ އަޅުކަންތަކުގެ ތެރެއިން ޢަރަފާތުގައި ހުރުމުގެ މާތްކަމަށްވެސް އަލިއަޅުވާލާފައެވެ.
އޭގެ އިތުރުން، އީދު ދުވަހަކީ ޤުރުބާން ކުރުމުގެ ދުވަސްކަން ފާހަގަކޮށް ޚުތުބާގައި ވަނީ ދީނުގެ މާތްވި ނަބިއްޔުންނާއި ރަސޫލުންގެ ދިރިއުޅުއްވުމުގެ މިސާލުތައް ކިޔާދީފައެވެ.
ހަމައެއާއެކު، އިސްލާމީ ދުނިޔެ ކުރިއަރާނީ ކިޔަމަންތެރިކަން އިސްކޮށްގެންކަމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ.
އީދުގެ އުފާ ފާޅު ކުރަންޖެހޭނީ އިސްލާމް ދީނުގައި ޝަރުއު ކުރައްވާފައިވާ އިމުގެ ތެރެއިންކަން ފާހަގަކޮށް ޚުތުބާގައި އިތުރަށް ބުނީ، އަހަރުމެން އީދު ފާހަގަކުރަން ޖެހޭނީ އެހެން މީހުން އެކަން ކުރާ ގޮތް ކޮޕީ ކޮށްގެން ނޫން ކަމަށެވެ.