ކ.ތިލަފުށީގައި ގާއިމްކުރާ ބަލްކް ޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކާ ނިމިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި ޝާހިދު ވިދާޅުވީ ބަލްކް ޕޯޓުގެ ބިން މިދިޔަ މަހު ހިއްކާ ނިމިފައިވާ ކަމަށާއި، އެއީ 20 ހެކްޓަރުގެ ބިމެއް ކަމަށެވެ. މިހާރު ކުރެވެމުންދާ މަސައްކަތަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ އެތަނުގެ ކީވޯލް ކޮންސްޓްރަކްޝަންއާއި ޔާޑް ޕޭވިންއަށް ބޭނުންވާ ކޮންޓްރެކްޓަރު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ޝާހިދު ވިދާޅުވީ މިހާރުގެ ޕްލޭންއާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާނަމަ ކުރިއަށް އޮތް 18 މަސް ނުވަތަ 24 މަސްތެރޭގައި ބަލްކް ޕޯޓުގެ ކޮންސްޓްރަކްޝަން މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
އަޅުގަނޑުމެން ހުޅުވާލިން އެކްސްޕްރެޝަން އިންޓްރެސްޓަށް. އެއަށް ކުރިމަތިލާފައިވޭ ގިނަ އަދަދެއްގެ ކޮންޓްރެކްޓަރުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކޮންޓްރެކްޓަރުން އެބަތިބި. މިހާރު އެފަރާތްތަކަށް އަޅުގަނޑުމެން މިވަނީ އިވެލުއޭޝަން ނިންމާފައި އިވެލުއޭޝަނުން ޕްރިކޮލިފައިވި ފަރާތްތައް ޕްރޮޕޯސަލް ސަބްމިކް ކުރުމަށް އެދިފައި. ޕްރޮޕޯސަލްތައް ލިބުނީމަ އިވެލުއޭޓްކޮށްފައި މިބަލަނީ އޮގަސްޓު މަހުގެ ތެރޭގައި އެހިސާބުގައި ކޮންޓްރެކްޓަރަކާ ހަވާލުކުރެވޭނެ ކަމަށް. އެހިސާބުން މަސައްކަތް ކުރިއަށް ގެންދެވިއްޖެކަމަށްވަންޏާ 18 މަސް ނުވަތަ 24 މަސްތެރޭގައި ބަލްކް ޕޯޓުގެ ކޮންސްޓްރަކްޝަން މަސައްކަތް ކޮށް ނިންމާލެވޭނެ ކަމަށް މިބަލަނީއެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ
ތިލަފުށީގައި ބައިނަލްއަގުވާމީ ޕޯރޓެއް ތަރައްގީ ކުރަން އެމްޕީއެލުން ނިންމީ މާލޭގައި ބޭނުންކުރާ ޕޯޓުގައި ޖާގައިގެ ދަތިކަން ކުރިމަތިވުމާ ގުޅިގެންނެވެ. މާލޭ ޕޯޓުގައި ޖާގައިގެ ދަތިކަން ކުރިމަތިވެ، މުދާ ބޭލުމަށް ގިނަ ދުވަސްތަކެއް ހޭދަވާތީ، ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. މިމައްސަލަ ހައްލު ކުރުމުގެ ގޮތުން ސަރުކާރުން ވަނީ ތިލަފުށީގައި ބަލްކް ޕޯޓް ގާއިމްކުރުމަށް ނިންމާފައެވެ.
އެމްޕީއެލުން ބުނީ މި ޕޯޓު ތަރައްގީ ކުރަމުންދަނީ ބޮޑެތި ކާގޯ އުޅަނދުފަހަރަށް ފަސޭހައިން ޚިދުމަތްދެވޭނެ ގޮތަށެވެ.
ތިލަފުށީގައި ބަލްކް ޓާމިނަލް ތަރައްގީވެގެން ދިއުމުން ރާއްޖެއަށް އެތެރެކުރެވޭ ހިލަ، ހިލަވެލި އަދި ދަގަނޑު ފަދަ ތަކެތި ކްލިއަރ ކުރުމަށް ޖާގަ ލިބި އެތަކެތި ރައްކާކުރެވޭނެ ޖާގަ ފަހިވާނެއެވެ. އެއީ މި ޕޯޓްގެ 7 ހެކްޓަރުގެ ސަރަހައްދެއް ޚާއްސަކުރާނީ ޓަރމިނަލުގެ އޮޕަރޭޝަންތަކަށެވެ. އަދި 1.4 ހެކްޓަރުގެ ސަރަހައްދަކީ މުދާ ރައްކާކުރުމަށް ހަދާ ގުދަންތަކަށް ޚާއްސަ ޖާގައެކެވެ.
އެމްޕީއެލުން މަސައްކަތް ކުރަމުންދަނީ މިއަހަރުގެ ތެރޭގައި ޓާމިނަލުގެ މަސައްކަތް ނިންމުމަށެވެ.