ދިވެހިރާއްޖެއާ ލަގްޒަމްބަރގާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު މިނިސްޓަރު ޝާހިދު ވަނީ ލަގްޒަމްބަރގްގެ ގައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި ލަގްޒަމްބަރގްގެ ފޮރިން މިނިސްޓަރު ޖޯން އަސެލްބޯންއަށާއި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ދިވެހިރާއްޖެއާ ލަގްޒަމްބަރގާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި، މިނިސްޓަރު ޝާހިދު ގެންދަވަނީ ރާއްޖެއިން ބޭރުގެ ގިނަ ގައުމުތަކާއެކު ގުޅުން ބަދަހިކުރައްވަމުންނެވެ. އަދި ރާއްޖެއާއެކު މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އެއްބާރުލުން ދެއްވައެވެ. އެގޮތުން މިހާރު މިސަރަހައްދުގެ އެންމެ ބާރުގަދަ ޕާސްޕޯޓަކީ ދިވެހިރާއްޖޭގެ ޕޯސްޕޯޓު ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ބޭރުގެ ގައުމުތަކާ ގުޅުން ބަދަހިކުރުމުގެ ނަތީޖާއެއްގޮތުން މިއަދު ދިވެހިން ގިނައިން ދާ ގައުމުތަކަށް އޮން އެރައިވަލް ވިސާ ލިބެއެވެ. ފަސޭހަކަމާއެކު އެގައުމަށް އެތެރެވެވޭއިރު، ދިވެހި ދަރިވަރުންނަށްވެސް ފަސޭހައިން ބޭރުގެ ޔުނިވާސިޓީތަކުން ފުރުސަތު ލިބޭނެ ގޮތް މަގުފަހިކޮށްދީފައިވެއެވެ. އަދި ދިވެހިން އާއްމުކޮށް ބޭސްފަރުވާއަށް ދާ ގައުމުތަކާއެކުވެސް ދިވެހިންނަށް ފަސޭހައިން ޚިދުމަތް ލިބޭނެގޮތް ހަމަޖެއްސުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.