ކ. މާލެ
|
20 ޖޫން 2023 | އަންގާރަ 13:10
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ފަށާއިރު ޕްރޮގްރާމްގައި
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ފަށާއިރު ޕްރޮގްރާމްގައި
ރާއްޖެއެމްވީ
ޔާމީނަށް އުފުލާފައިވާ ދައުވާތައް
ދައުލަތުން ބޭނުންވަނީ ޔާމީންގެ މައްސަލަވެސް، ދެން ހުރި މައްސަލަތައް ވެސް އަވަހަށް ކުރިއަށްދާން: ޕީޖީ
ދައުލަތުންވެސް ބޭނުންވަނީ ވީ އެންމެ އަވަހަކަށް މައްސަލަތައް ނިންމުމަަށް
ޝަމީމް ވިދާޅުވީ، ޕީޕީއެމްގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ބައްދަލު ކުރެއްވި ކަމަށް

ދައުލަތުން ބޭނުންވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަވެސް، އަދި ދެން ހުރި މައްސަލަތައްވެސް އަވަހަށް ކުރިއަށް ދިއުމަށްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި އަންގާރަ ދުވަހު ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ، ޕީޕީއެމްގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ބައްދަލު ކުރެއްވި ކަމަށާއި، ޔާމީނުގެ މައްސަލަ ވީ އެންމެ އަވަހަކަށް ކުރިއަށް ގެންދިއުމަށް އެދިލައްވާފައިވާ ކަމަށެވެ.

ދައުލަތުންވެސް ބޭނުންވަނީ ވީ އެންމެ އަވަހަކަށް މައްސަލަތައް ނިންމުމަަށްކަމަށް ޝަމީމް ވިދާޅުވިއެވެ.

އޭގެ އިތުރުން، ކޯޓުން މައްސަލަ ތާވަލު ކުރަނީ ދައުވާލިބޭ ފަރާތްތަކާއި ދައުލަތާވެސް މަޝްވަރާ ކޮށްގެންކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

ޝަމީމް ވިދާޅުވީ، ހައިކޯޓާއި ކްރިމިނަލް ކޯޓުގައިވެސް މައްސަލައިގެ ކަންކަން ގެންދަވަނީ ނުހަނު ރަނގަޅަށް ކަމަށެވެ. އުއްމީދަކީ ދައުވާލިބޭ ފަރާތުންވެސް ބޭނުންފުޅުވާ ގޮތަށް މައްސަލަ އަވަސްވުން ކަމަށާއި، އެއީ ދައުވާލިބޭ ފަރާތަށް ލިބިދޭ ޙައްޤެއްކަމަށް ޝަމީމް ވިދާޅުވިއެވެ.

އޭގެ އިތުރުން، ޕީޖީ އޮފީހުން އެދެނީ ހުރިހާ މައްސަލައެއްވެސް ވީ އެންމެ އަވަހަކަށް ކުރިއަށް ދިއުންކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ހަމައެކަނި މި މައްސަލައެއް ނޫން، ހުރިހާ މައްސަލައެއްވެސް އަވަހަށް ގެންދަން އަޅުގަނޑުމެން ބޭނުންވަނީ
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކުރައްވައި, ރިޝްވަތު ނެންގެވި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ކްރިކް ރިޒާގެ އިތުރުން 2 ކުންފުންޏެއްގެ މައްޗަށް އުފުލާފައިވާ ދައުވާގައި މިހާރު ކުރިއަށްދަނީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ.

މި މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހާއި އަންގާރަ ދުވަހަށް ވެސް ކްރިމިނަލް ކޯޓުގައި ތާވަލުކުރިއެވެ. ނަމަވެސް ދައުވާލިބޭ ކްރިކް ރިޒާ ބަލިވެއުޅޭކަމަށް ކޯޓަށް އެންގުމުން މި އަޑުއެހުން ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

އޭގެ އިތުރުން، ވ. އާރަށު ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ އިސްތިއުނާފު މިހާރު ހައިކޯޓުގައި ފަށާފައިވާއިރު، އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޔާމީނުގެ ފަރާތުން ވަނީ ހައިކޯޓުގެ އަޑުއެހުން ވީހާވެސް އަވަހަކަށް ކުރިއަށް ގެންދިއުމަށް އެދިލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް