ކިލިއަން އެމްބާޕޭގެ ޕެނަލްޓީއާއެކު ޔޫރޯ ކޮލިފައިންގައި ގްރީސް ބަލިކޮށް ފްރާންސުން ފުރިހަމަ ރެކޯޑެއް ދަމަހައްޓައިފިއެވެ.
ގްރީސްގެ މައްޗަށް ފްރާންސުން ކުރިހޯދާފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ގްރީސްގެ ކޮންސްޓެންޓިނޯސް މަވްރޮޕަނޯސްގެ ނުރައްކާތެރި ޗެލެންޖުގައި އެންޓޮއިން ގްރީޒްމަންގެ ބޮލުގައި ފައިން ޖެހުމުން ފްރާންސަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އޮޑީސިއަސް ވްލަޗޮޑިމޯސް އެމްބާޕޭ ފޮނުވާލި ފުރަތަމަ ހަމަލާ ދިފާއުކުރި ނަމަވެސް ގްރީސްގެ ބައެއް ޑިފެންޑަރުން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމުން އެމްބާޕޭ އަށް ދެވަނަ ފުރުސަތެއް ލިބުނެވެ.
ދެ ވަނަ ހާފު ނިމުމުގެ ކުރިން އިންޖަރީ ޓައިމްގެ 14 މިނެޓު ކުޅުނު ނަމަވެސް ގްރީސް އަށް ނަތީޖާ ހަމަހަމަ ކޮށްދެވިފައެއް ނުވެއެވެ. އޭގެ ފަހުން ރަންޑަލް ކޮލޮ މުއާނީ އަށް ކުރި ފައުލަކާ ގުޅިގެން މަވްރޯޕަނޯސް އަށް ވަނީ ރަތް ކާޑު ދައްކާފައެވެ.
މި މޮޅާއެކު ފްރާންސުން ކޮލިފައިންގައި ކުޅުނު ހަތަރު މެޗުން ވެސް ވަނީ މޮޅުވެފައެވެ. އަދި ހަތަރު މެޗުވެސް ނިންމާލީ ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފަހައްޓާލައިގެންނެވެ. ގްރޫޕް ބީގެ އެއްވަނައިގައި އޮތްއިރު، އެއް މެޗު މަދުން ކުޅުނު ގްރީސްއާ ހަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
ގްރޫޕް ބީގެ ރިޕަބްލިކް އޮފް އަޔަލޭންޑު ވަނީ ޖިބްރޯލްޓާ އަތުން 3-0 އިން އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު މޮޅުވެފައެވެ.