ކ. މާލެ
|
20 ޖޫން 2023 | އަންގާރަ 06:26
ޗެލްސީގެ ގޯލް ކީޕަރު އެޑުއާޑޯ މެންޑީ
ޗެލްސީގެ ގޯލް ކީޕަރު އެޑުއާޑޯ މެންޑީ
ޓްވިޓަރ
ސައުދީ ޕްރޯ ލީގު
ޗެލްސީގެ ކީޕަރު މެންޑީ ވެސް ސައުދީ ލީގަށް
އެ ކުލަބުން މެންޑީ އަށް ހުށަހަޅާފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީގެ ގޯލް ކީޕަރު އެޑުއާޑޯ މެންޑީ އެ ކުލަބު ދޫކޮށް، ސައުދީ ޕްރޯ ލީގުގެ އަލް އަހްލީ އަށް ބަދަލުވާން ނިންމާފައިވާ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 31 އަހަރުގެ ގޯލް ކީޕަރު ރެނޭސް ދޫކޮށް ޗެލްސީ އަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. ޗެލްސީ އާއެކު އޭނާ އެކުލަވާލި ފަސް އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް އެެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވާ މެންޑީ ވަނީ އަލް އަހްލީގެ ހުށަހެޅުން ޤަބޫލު ކުރަން ނިންމާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެ ކުލަބުން މެންޑީ އަށް ހުށަހަޅާފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އެހެންކަމުން 2026 ވަނަ އަހަރާ ހަމައަށް މެންޑީ އެކުލަބަށް ކުޅޭނެ އެވެ. ހަމައެއާއެކު އެ ކުލަބުން މިހާރު އަންނަނީ ޗެލްސީއާއެކު ކުރަން ޖެހޭ މަޝްވަރާތަކަށް ތައްޔާރުވަމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. ޗެލްސީ ދޫކޮށް މެންޑީ އަލް އަހްލީ އަށް ބަދަލުވުމަކީ ވަރަށް ގާތް ކަމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޗެލްސީގައި ހޭދަ ކުރި ތިން ސީޒަނުގައި މެންޑީ ވަނީ 105 މެޗުގައި އެކުލަބުގެ ގޯލް އިތުބާރާއެކު ބަލަހައްޓައިފަ އެވެ. އޭނާ ވަނީ ޗެލްސީއާއެކު ތިން ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް ހިމެނެ އެވެ. މީގެ އިތުރުން އެފްއޭ ކަޕްގެ ފައިނަލްގައި ދެ ފަހަރު އަދި ކަރަބޯ ކަޕްގެ ފައިނަލްގައި އެއް ފަހަރު ވަނީ ކުޅެފަ އެވެ. ޗެލްސީގައި މެންޑީގެ އެންމެ ކާމިޔާބު ސީޒަނަކީ 21-2020 ވަނަ ސީޒަނެވެ. އެ އަހަރު ޗެލްސީގައި ހޯދި ކާމިޔާބީތަކާއެކު މެންޑީ ވަނީ ފީފާ އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ވެސް ހޮވިފަ އެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނުއިރު، އެފްރިކާ ކަޕް އޮފް ނޭޝަންސްގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ވެސް ހޮވުނީ މެންޑީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް