ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝް ބަލިކޮށް ޕާކިސްތާން އެއްވަނައަށް ޖެހިލައިފިއެވެ.
މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުން ނޭޕާލް ކައިރިން ޕާކިސްތާން ބަލިވިނަމަވެސް، އެ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ފަހުން ކުޅުނު ތިން މެޗުންވެސް މޮޅުވެފައެވެ. ދެ މޮޅާއެކު ބަންގްލަދޭޝް އިން މުބާރާތް ފެށިނަމަވެސް އެ ޓީމު ވަނީ އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ.
ބަންގްލަދޭޝްގެ މައްޗަށް ޕާކިސްތާނުން ކުރިހޯދީ 84-66 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ކުއާޓަރުގައި ޕާކިސްތާނުން ފަސް ޕޮއިންޓުގެ ލީޑެއް ނަގާފައިވީނަމަވެސް، ދެވަނަ ކުއާޓަރުގައި ބަންގްލަދޭޝް އިންވަނީކުޅުން ރަނގަޅުކޮށް ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.
މެޗު އެނބުރުނީ ތިންވަނަ ކުއާޓަރުގައެވެ. މި ކުއާޓަރުގައި ޕާކިސްތާނުން 22 ޕޮއިންޓު ސްކޯ ކޮށްފައިވީއިރު، ބަންގްލަދޭޝްއަށް ސްކޯ ކުރެވުނީ އެންމެ ހަތް ޕޮއިންޓެވެ. މެޗު ނިމުނީ 18 ޕޮއިންޓުގެ ބޮޑު ފަރަގަކާ އެކުއެވެ.
މި މެޗުގައި ޕާކިސްތާނުން އެންމެ މޮޅު ކުޅުމެއް ދެއްކީ ވައްހާބު އަބްދުލްއެވެ. އޭނާ ވަނީ 16 ޕޮއިންޓު ސްކޯ ކޮށްފައެވެ. ބަންގްލަދޭޝް ޓީމުން އެންމެ މޮޅު ކުޅުމެއް ދެއްކީ 17 ޕޮއިންޓު ސްކޯ ކުރި މިތުން ކުމާރެވެ.
ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުއެވެ. ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ ބަންގްލަދޭޝް، ޕާކިސްތާން، ބޫޓާން އަދި ނޭޕާލްއެވެ.