ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. އެކި މީހުންނަށް ލިބިފައި ވަނީ އެކި ނިޢުމަތްތަކެވެ. އެ ނިޢުމަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ކުރަން ދަސްކޮށްފި މީހަކަށް، އުނިވެގެންދާ ހަމަ އެކައްޗެއްވެސް ނެތްކަން ސާބިތު ކޮށްދެމުންދާ އެކަކީ، ޢުރުދުންގެ ޒުވާން، ޓީވީ ޕްރެޒެންޓަރ އަދި ޚަބަރު ކިޔުންތެރިޔާއެވެ.
ޢުމުރުން އެންމެ 26 އަހަރުގެ ރާޝިދު އަލް ރަބަބާއަކީ އެތައް ބަޔަކަށް އޭނާގެ ކިބައިން ޢިބްރަތް ޙާޞިލު ކުރެވިދާ ފަދަ ހިތްވަރުގަދަ ޒުވާނެކެވެ. ރޫޔާ ޓީވީ ޗެނަލްގެ ސްޓޫޑިއޯތަކުގައި އިނދެ، ޓީވީ ބަލަން ތިބި އެތައް ހާސް ބަޔަކަށް ރާޝިދު ޚަބަރު ކިޔައި ދެމުން އެ ދަނީ، އެންމެ ކުޑަ ދުވަހުއްސުރެ އޭނެ ދެކެމުން ދިޔަ ހުވަފެންތަކުގައި ޙަޤީޤީ ކުލަ ޖައްސަމުންނެވެ.
ފެށިގެން އައި އިރު، އަހަރެން ކުޑަ އިރު، ސްކޫލުގަ ބްރޯޑްކާސްޓް ކުރާ ރޭޑިޔޯ ޚަބަރު ކިޔަނީ އަހަރެން. ކޮންމެ މުނާސަބާއެއްގަވެސް އެކަން ކުރަން ބައިވެރިވަން. ހައި ސްކޫލު ނިންމާލާފަ، ޔުނިވަރސިޓީ ތަޢުލީމު ޙާޞިލު ކުރީވެސް މީޑިޔާގެ ރޮނގުން. ލޯފާން ދަރިވަރުންގެ ކަންކަމަކީ ޔުނިވަރސިޓީގައިވެސް ވަރަށް ތަފާތު ގޮތަކަށް އޮންނަ ކަމެއް. މީހުންނަށްވެސް އާދަޔާ ޚިލާފު ކަމަކަށް ވެފަ އޮންނަނީ. އެކަމަކު، އަހަރެންގެ ވަރުގަދަ ޢަޒުމާ އެކީ މިކަން ކާމިޔާބު ވީތީ، ﷲ އަށް ޙަމްދު ކުރަންރާޝިދު އަލް ރަބަބާ؛ ލޯފާން ނިއުސް އެންކަރ
ލޯފާން ޒުވާނެއް ކަމަކު، އެއީ ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް އެޅުނު ހުރަހަކަށް ފަހަރެއްގައިވެސް ރާޝިދު ނުހަދައެވެ. ރާޝިދު ބުނާ ގޮތުގައި، މިއަދު އޭނާ އެ ހުރި ހިސާބަށް އާދެވުނީ އަމިއްލަ ނަފުސަށް ކުރި އިތުބާރާއި، ސާބިތު ޢަޒުމާ އެކީގައެވެ. ޓީވީ ހުށަހެޅުންތެރިއެއްގެ ގޮތުގައި ރާޝިދު މަސައްކަތް ކުރަނީ، އެ ރޮނގުން މަތީ ތަޢުލީމުވެސް ޙާޞިލު ކޮށްގެން ހުރެއެވެ.
ފުރަތަމަ ޚަބަރު ހުށަހަޅާލެވުނު ވަޤުތުވެސް ވަރަށް ޒިންމާދާރުކަން އިޙުސާސް ކުރެވުނު. މުޅި ދުނިޔެ އަހަންނަށް ބަލަމުން ދާނެ ކަން އެނގުނު. މަސައްކަތް މި ކުރަނީވެސް ނަމާއި ޤަދަރު ހުރި ތަނެއްގަ ވީމަ، ގައިގަ ހުރި ހުރިހާ ހުނަރެއް ބޭނުން ކުރަން ޖެހޭ، ފެންނަ މަންޒަރު ވީ އެންމެ ފުރިހަމައެއް ކުރަންރާޝިދު އަލް ރަބަބާ؛ ލޯފާން ނިއުސް އެންކަރ
ހަށިގަނޑުގައި ބާރާއި ބުންވަރު ހުރި ޒުވާން ޢުމުރުގެ ދުވަސްވަރު ފެށީވެސް މަސައްކަތުގެ މާޙައުލުގައި އުޅެމުންނެވެ. އާދައިގެ އޮންލައިން މީޑިއާއެއްގައި މަސައްކަތް ކުރަމުން ގޮސް، ރޫޔާ ޓީވީއިން ވަޒީފާ ލިބުން ވީ، ރާޝިދަށް ލިބުނު އެންމެ ބޮޑު އުފަލަށެވެ.
ރާޝިދުގެ ޢުއްމީދަކީ، ޚާއްޞަ އެހީއަކަށް ބޭނުންވާ ކޮންމެ މީހަކުވެސް، އޭނާގެ ކިބައިން ހިތްވަރު ލިބިގަތުމެވެ. ހުވަފެންތައް ޙަޤީޤަތަކަށް ހަދަން މަސައްކަތްކޮށް، އެ އަމާޒަށް ވާޞިލުވުމުގައި، އޭނާގެ ކިބައިން ހިތްވަރު ލިބިގަތުމަށް ރާޝިދު އެދެއެވެ.
ހުރިހާ މުޢައްސަސާތަކަކުންވެސް އެބަޖެހޭ ނުކުޅެދޭ މީހުންނަށް ފުރުޞަތު ދޭން. މުވައްޒަފުންގެ ޕޫލުގަ ނުކުޅެދޭ މީހުން ޝާމިލު ކުރަން. އަހަރަމެންނަށް އޮތީ މަދު ފުރުޞަތުތަކެއް. އަހަރެން އަބަދުވެސް އެކަމާ ވާހަކަ ދައްކާ، އެކަހަލަ ކަންކަމަށް ބާރު އަޅަން. ރޫޔާ ޗެނަލުން މި އިސް ނެގި ނެގުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެއް. ވަރަށް ހިތްވަރު ހުރެގެން އެ ކަހަލަ ކަމަކާ ކުރިމަތި ލެވޭނީރާޝިދު އަލް ރަބަބާ؛ ލޯފާން ނިއުސް އެންކަރ
ގޮންޖެހުންތަކަކާ އެކު މަސައްކަތް ކުރަމުންދާ ރާޝިދަށް، އޭނާގެ ވެރިންވެސް ތަޢުރީފު ކުރެއެވެ.
ރާޝިދަކީ ޤުދުރަތީ ގޮތުންވެސް ހުނަރު ލިބިފަ ހުރި ޒުވާނެއް. ކިޔަވައިގެން ހުރި ކުއްޖެއް. ޚަބަރު ކިޔާ މީހެއްގެ ގޮތުގަ، ރިޕޯޓަރެއްގެ ގޮތުގަ ޤަދަރު ކުރެވޭ ޝަޚްސެއް. ޗެނަލްގަ މަސައްކަތް ކުރާ ހުރިހާ އެންމެންވެސް ދަސްކޮށްލާ ޒުވާނެއް އެއީ. ކޮންމެ މީހެއްގެ އަޑު ޖެހޭ އިރަށް ބުނާނެ އެއީ އެވެނި މިވެނި މީހެކޭ. މީހަކު ޚަބަރު ކިޔަން ނާރާތާ މާ ގިނަ ދުވަސް ވީމަ، އެކަން ފާހަގަ ކޮށް، އެމީހަކު ނެތްކަމުގެ ފަޅުކަން އިޙުސާސް ވާ ވާހަކަވެސް ބުނާނެޞާދު ހައްތާރު؛ ރޫޔާ ޗެނަލްގެ ނިއުސް ޑައިރެކްޓަރ
އަދުގެ ދުނިޔޭގެ އާބާދީއަށް ބަލާއިރު ލޯފާން މީހުންނާއި ލޮލުގެ ފެނުމުގައި އައިބު ނުވަތަ އުނިކަން ހުންނަ މީހުންގެ ޢަދަދު 2.2 ބިލިއަނަށް އަރައެވެ. އެކިއެކި ގޮތް ގޮތުން ދަފުތަރު ކޮށްފައި ވާ މަޢުލޫމާތަށް ބަލާ އިރު 39 މިލިއަން މީހުންނަކީ ލޯފާން މީހުންނެވެ.
ޚަބަރު ކިޔާއިރު ކުރިމަތިލާން ޖެހޭ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބްރަޔަލް ބޭނުން ކޮށްގެން ޚަބަރެއް ހުށަހަޅާދޭން ދަތިވުން. ޚަބަރުގަ އޮންނަ އެއްޗަކަށް އަތް މާ ބޮޑަކަށް ފަރިތައެއް ނުވާނެތާ ދޯ. ލޮލުގެ ފެނުން ލިބިފަ ހުންނަ ނިއުސް އެންކަރަކަށްވެސް ފަރިތަކޮށް ޚަބަރެއް މި ހުށަހަޅާލެވެނީ، ދެތިން ފަހަރު ދެލިގަނޑު ކިޔާލައިގެން. އަހަންނަށް އެބަ ޖެހޭ ހައެއްކަ ފަހަރު ފަރިތަކުރަންރާޝިދު އަލް ރަބަބާ؛ ލޯފާން ނިއުސް އެންކަރ
ލޯފާން މީހުންގެ އާބާދީއަށް ބަލާއިރު 60 ޕަސެންޓް މީހުންނަށް ލޮލުގެ ފެނުން އަލުން ހޯދާ ދެވުމުގެ ފުރުޞަތު އޮތް އިރު، 20 ޕަސެންޓް މީހުންނަކީ، ލޯފާން ހާލަތަށް ދިއުމުގެ ކުރިން އެކަމުން ސަލާމަތް ކުރެވުމުގެ ފުރުޞަތު އޮތް މީހުންނެވެ.