ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތުގައި ބޫޓާން ބަލިކޮށް ޕާކިސްތާނުން މުބާރާތުގެ ދެވަނަ މޮޅު ހޯދައިފިއެވެ.
މިއަދު ހަވީރު ޕާކިސްތާނުން ބޫޓާންގެ މައްޗަށް ކުރިހޯދާފައިވާއިރު ދެ ޓީމުވެސް ވަނީ ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައެވެ. ޕާކިސްތާން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗުން ވަނީ ބަލިވެފައެވެ. އަދި ފުރަތަމަ ބުރުގެ ހުރިހާ މެޗެއް ބޫޓާން ކުޅެފައިވާއިރު އެ ޓީމު ވަނީ ދެ މެޗުން މޮޅުވެ، ދެ މެޗުން ބަލިވެފައެވެ.
ބޫޓާންގެ މައްޗަށް ޕާކިސްތާނުން ކުރިހޯދީ 76-53 ގެ ބޮޑު ތަފާތަކުންނެވެ. މެޗު ފެށިގެން، ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. އެގޮތުން ފުރަތަމަ ކުއާޓަރު ނިމުނީ 19-19 އިން ދެ ޓީމު އެއްވަރުވެގެނެވެ. ދެވަނަ ކުއާޓަރުގައި ޕާކިސްތާނުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ނަމަވެސް އެ ޓީމަށް މާ ބޮޑު ލީޑެއް ނެގުމުގެ ފުރުސަތެއް ބޫޓާން އަކުން ނުދެއެވެ. މި ކުއާޓަރު ނިމުނީ 40-36 ގެ ނަތީޖާއަކުން ޕާކިސްތާނަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިގެނެވެ.
ދެވަނަ ކުއާޓާ އެކޭ އެއްގޮތަށް ތިންވަނަ ކުއާޓަރުގައިވެސް މޮޅަށް ކުޅުނީ ޕާކިސްތާނުންނެވެ. އެ ޓީމުން ނަގާފައިވާ ލީޑު ކުޑަ ކުރުމުގެ އެއްވެސް ފުރުސަތެއް ބޫޓާން އަކަށް ނުދެއެވެ. އެ ކުއާޓަރު ނިމުނު އިރު ޕާކިސްތާނުން ވަނީ ހަ ޕޮއިންޓުގެ ލީޑު ހަތް ޕޮއިންޓަށް ފުޅާކޮށްފައެވެ. ތިންވަނަ ކުއާޓަރު ނިމުނީ 55-48 އިންނެވެ.
ޕާކިސްތާނުން އެންމެ ތަފާތު ކުޅުމެއް ދެއްކީ މެޗުގެ ފަހު ކުއާޓަރުގައެވެ. އެ ކުއާޓަރުގައި ޕާކިސްތާނުން ވަނީ 21 ޕޮއިންޓު ސްކޯކޮށްފައެވެ. ބޫޓާން އަށް ސްކޯކުރެވުނީ އެންމެ ފަސް ޕޮއިންޓެވެ. މުޅި ކުއާޓަރު ކޮންޓްރޯލް ކޮށްގެން ކުޅުނީ ޕާކިސްތާނުންނެވެ. މި މެޗުގައި އެންމެ މޮޅު ކުޅުމެއް ދައްކާފައިވަނީ ޕާކިސްތާނުގެ ޖާޒީ ނަންބަރު 8، ޚާން ޒައިން އުލް ހަސަނެވެ. އޭނާ ވަނީ 21 ޕޮއިންޓު ސްކޯކޮށްފައެވެ.
ޕާކިސްތާނުގެ މެޗެއް ދެން އޮންނާނީ އާދިއްތަ ދުވަހު ހަވީރު 16:00 ގައެވެ. ބައްދަލުކުރާނީ ބަންގްލަދޭޝް އާއެވެ. ބޫޓާން އިން ދެން ކުޅޭނީ މުބާރާތުގެ ސެމީ ފައިނަލެވެ.