ކ. މާލެ
|
17 ޖޫން 2023 | ހޮނިހިރު 14:20
ޔާމީނާއި ޔޫސުފް ނައީމަށް ކުރި ޙުކުމުގެ އިސްތިއުނާފު އަޑުއެހުން
ޔާމީނާއި ޔޫސުފް ނައީމަށް ކުރި ޙުކުމުގެ އިސްތިއުނާފު އަޑުއެހުން
ރާއްޖެއެމްވީ
ވ އާރަށު ހިޔާނަތް
ގެއްލިގެން މި އުޅެނީ 5 ލައްކަ ރައްޔިތުންގެ ޙައްޤު: ޕީޖީ އޮފީސް
ދައުވާ އުފުލާފައިވަނީ ރައީސްކަމުގެ މަޤާމުގައި ހުންނަވައި، އެ ޙައިސިއްޔަތު ބޭނުން ކުރައްވައިގެން ކުރެއްވި ކަމަކާ ގުޅޭގޮތުން
ޤާނޫނު ހުއްދަ ނުކުރާ އަދަބެއް މި މައްސަލައިގައި ކަނޑައެޅިފައިނުވޭ
މި މައްސަލައިގައި މި ހިމެނެނީ ފަސްލައްކަ ރައްޔިތުންގެ ޙައްޤުގެ ވާހަކަ

ޤާނޫނުގައި ކަނޑައެޅިފައިވާ އަސާސީ އަދަބެއް މީހަކަށް ދިނުމަކީ ބޭއިންސާފެއް ނޫންކަމަށާއި، ގެއްލިފައިވަނީ 5 ލައްކަ ރައްޔިތުންގެ ޙައްޤުކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވ އާރަށު މައްސަލައިގެ އިސްތިއުނާފު އަޑުއެހުމުގައި ބުނެފައިވެއެވެ.

ވ އާރަށު މައްސަލައިގައި ޔޫސުފް ނައީމްގެ ފަރާތުން ވަނީ 4 އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިޖުރާއީ ގޯހެއް ހިމެނޭކަމަށް ބުނާ 3 ނުކުތާއަކާއި މައުޟޫޢީ ގޮތުން ފާހަގަކުރާ ނުކުތާއެކެވެ.

އޭގެ ތެރެއިން އެއް ނުކުތާއަކީ އޭނާގެ މައްޗަށް ޖަލު އަދަބު ފިޔަވައި އެހެން އަދަބެއް ކަނޑައަޅާފައި ނުވަނީ ރަނގަޅަށް ނޫންކަަމަށް ބުނެ ހުށަހެޅި ނުކުތާއެކެވެ.

ޔޫސުފް ނައީމްގެ ފަރާތުން ހުށައަޅާފައިވާ ނުކުތާތަކަށް ދައުލަތުން ވަނީ ރައްދުވެސް ދީފައެވެ.

ޤާނޫނުގައި ކަނޑައެޅިފައިވާ އަސާސީ އަދަބެއް މީހަކަށް ދިނުމަކީ ބޭއިންސާފެއް ނޫންކަން ފާހަގަ ކުރައްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، ޤާނޫނު ހުއްދަ ނުކުރާ އަދަބެއް މި މައްސަލައިގައި ކަނޑައެޅިފައިނުވާ ކަމަށެވެ.

އިސްތިއުނާފު ކުރައްވާ ފަރާތުން ގަޒިއްޔާއަކާ ޙަވާލާ ދެއްވައި ފާހަގަ ކުރައްވާފައިވާ ނުކުތާތަކަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ގަޒިއްޔާއަކީ ސީދާ ގޮތުން ވަކި ވަކި އާންމު ފަރުދުންތަކެއްގެ ޙައްޤު އެކުލެވިގެން ދިޔަ މައްސަލައެއް ކަމަށެވެ.

އެހެންނަމަވެސް، މި މައްސަލައިގައި މި ހިމެނެނީ ފަސްލައްކަ ރައްޔިތުންގެ ޙައްޤުގެ ވާހަކަކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ޔާމީނުގެ މައްޗަށް ދައުލަތުން މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވައި، އެ ޙައިސިއްޔަތު ބޭނުން ކުރައްވައިގެން ކުރެއްވި ކަމަކާ ގުޅޭގޮތުންކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މި މައްސަލައިގައި ބަދަލު ދޭން ޖެހޭ، ނުވަތަ ޙައްޤަކަށް އުނިކަމެއް އައި ވަކިވަކި ފަރުދަކު ފާހަގަ ނުކުރިނަމަވެސް، މުޅި މައްސަލައަށް ބަލާއިރު މިއީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނަތްތެރިވި މައްސަލައެއް ކަމަށާއި، މި މައްސަލައިގެ ދައުވާ ލިބޭ ކޮންމެ މީހެއްގެ ބައިގައިވެސް 5 ލައްކަ ރައްޔިތުންގެ ޙައްޤު ހިމެނޭކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ސަބަބަކީ މިއީ ދައުލަތުގެ ބައިތުލްމާލާ ގުޅިފައިވާ ކަމެއްކަމަށްވާތީ

މި މައްސަލާގައި ދަށު ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވުމަށް ދައުލަތުން ވަނީ އެދިފައެވެ.

ވ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ޔާމީނުގެ މައްޗަށް އުފުލި ދައުވާތަކުގެ ޙުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2013 ވަނަ އަހަރުން ފެށިގެން ޓޫރިސްޓު ރިސޯޓު ތަރައްޤީ ކުރުމުގެ އެކި ކަންކަމަށް ރައީސް ޔާމީނު ނުފޫޒު ފޯރުވަމުން ގޮސްފައިވާކަން ހެކިތަކުން އެނގެއެވެ. އެގޮތުން ރަށްތައް ދެވޭ އިންވެސްޓަރުންގެ އަތުން އެކި ގޮތްގޮތުން ފައިސާ އަތުލަމުން ދިޔަ ކަމަށާއި، އެމީހުންނަށް ރަށްތައް ދޫކުރަމުން ދިޔައީވެސް އެކިކަހަލަ މަންފާތަކާއި ފައިސާ ދިނުމަށް ޝަރުތުކޮށްގެންކަން އެނގެން އޮންކަމަށް ޙުކުމުގައިވެއެވެ.

މި މައްސަލައަކީވެސް ހަމައެގޮތަށް ޔާމީނުގެ ގާތް ރައްޓެއްސެއްކަމަށްވާ ޔޫސުފް ނައީމަށް ރަށް ދިނުމުގެ މުޤާބިލުގައި ރިޝްވަތު ދިނުމުން ކޮށްފައިވާ މުއާމަލާތެއްކަން ހެކި ޤަރީނާތަކުން އެނގޭކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި މައްސަލައިގައި ދައުލަތުން ހުށައަޅާފައިވާ އޯޑިއޯތަކުންވެސް އެ ވާހަކަތަަކަށް ބާރު ލިބިދޭކަމަށް ޙުކުމުގައި ބުނެއެވެ.

އޭގެ އިތުރުން، ވަކި ރަށްރަށެއްގެ ކަންކަން ވަކި ގޮތަކަށް ކުރުމަށް ރައީސް ޔާމީނު އަންގަވަމުން ގެންދެވިކަމާއި، ރަށްރަށަށް ފައިސާ ދެއްކުމުގެ އިންތިޒާމުތައް ހަމަޖައްސަންވީ ގޮތާއި، އަމިއްލަ ފަރުދުންނާއެކު ވާން ޖެހޭ އެއްބަސްވުންތަކުގައި ސޮއި ކުރެއްވުމާއި، އެކަންކަން އަވަސް ކުރުމަށް ރައީސް ޔާމީނު އަންގަވަމުން ގޮސްފައިވާކަން އެނގެން އޮންނަކަމަށްވެސް ޙުކުމުގައި ވަނީ ބަޔާންކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
38%
38%
0%
0%
13%
13%
ކޮމެންޓް