ކ. މާލެ
|
17 ޖޫން 2023 | ހޮނިހިރު 13:37
ޔާމީނާއި ޔޫސުފް ނައީމަށް ކުރި ޙުކުމުގެ އިސްތިއުނާފު އަޑުއެހުން
ޔާމީނާއި ޔޫސުފް ނައީމަށް ކުރި ޙުކުމުގެ އިސްތިއުނާފު އަޑުއެހުން
ރާއްޖެއެމްވީ
ވ އާރަށު ހިޔާނަތް
ޔާމީނު ވަކި ކަމެއް ވަކި ގޮތަކަށް ކުރަން އަދީބަށް އަންގަވަމުން ގެންދެވި: ޕީޖީ އޮފީސް
ވަޒީރުންނަށް ކަންކަން ކުރެއްވުމަށް އިރުޝާދު ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ޙައިސިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއް
ދައުވާގައިވެސް ދައުލަތުން ބަޔާންކޮށްފައިވަނީ ޔާމީނު ވަކި ގޮތަކަށް ވަކި ކަމެއް ކުރެއްވުމަށް އަދީބަށް އެންގެވި ވާހަކަ
ޑައިރެކްޓް ހެއްކެއްގެ ގޮތުން އަހުމަދު އަދީބާއި އަދި އެކަމަށް ބާރު ލިބިދޭ އިތުރު ހެކިތައްވެސް ދައުލަތުން ހުށައަޅާފައިވޭ

ވ. އާރަށު ޚިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި ދައުލަތުން ވަނީ ޔާމީނު ވަކި ކަމެއް ވަކި ގޮތަކަށް ކުރަން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް އަންގަވަމުން ގެންދެވިކަމަށް ބުނެފައެވެ.

ދައުލަތުން އެހެން ބުނެފައިވަނީ ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ މި މައްސަލައިގެ ދެވަނަ އަޑުއެހުމުގައެވެ.

ދައުލަތުން ކުރި ދައުވާގައި ބުނެފައިވަނީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއް ތަރައްޤީ ކުރުމަށްޓަކައި، ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް ވ އާރަށް ކުއްޔަށް ދިނުމުގެ މުޤާބިލުގައި، ޔޫސުފް ނައީމް ޔާމީނަށް ރިޝްވަތު ދީފައިވާ ކަަމަށެވެ.

ދައުލަތުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ދެއްކެވި ވާހަކައިގައި ވިދާޅުވީ، ވަޒީރުންނަށް ކަންކަން ކުރެއްވުމަށް އިރުޝާދު ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ޙައިސިއްޔަތުގެ ތެރޭގައި ހިމެނޭ މަސައްކަތެއް ކަމަށެވެ.

 ދައުލަތުން ދައުވާ ބިނާކުރި އަސާސްގެ ތެރޭގައިވެސް އެކަން ހިމެނޭކަމަށް ޝަފީއު ވިދާޅުވިއެވެ.

ދައުލަތުގެ މިނިސްޓްރީތައް ކުރާ ހުރިހާ ކަމަކަށް ރައީސުލްޖުމްހޫރިއްޔާ ޒިންމާވާން ޖެހޭނެތޯ އުފައްދާ ސުވާލަށް ޖަވާބު ދެއްވަމުން ޝަފީއު ވިދާޅުވީ، ވަޒީރުން ވަކިކުރައްވައި، އައްޔަނު ކުރައްވަނީވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، އެކަން ކުރަނީ ރައީސްގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ކަމަށެވެ.

ޤާނޫނުގައިވާ ބައެއް ޙާލަތްތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ވަޒީރުންގެ މައްޗަށް ބާރު ހިންގޭކަން ފާހަގަ ކުރައްވައި ޝަފީއު އިތުރަށް ވިދާޅުވީ، ދައުލަތުން އެ ދައްކަނީ ސީދާ ޔާމީނު ޓޫރިޒަމް މިނިސްޓްރީއަށް ވަޑައިގެން، ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް ރަށެއް ދިނުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވި ވާހަކަ ނޫން ކަމަށެވެ.

މި މައްސަލައިގެ ދައުވާގައިވެސް ދައުލަތުން ބަޔާންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ވަކި ގޮތަކަށް ވަކި ކަމެއް ކުރެއްވުމަށް ވަޒީރަކަށް އެންގެވި ވާހަކަ ކަމަށް ޝަފީއު ވިދާޅުވިއެވެ.

ފަނޑިޔާރުން ވަނީ ރައީސް ވަކި ކަމެއް ކުރެއްވުމަށް އެންގެވުމުން، އެކަމެއް ނުކުރެއްވުމުގެ އިހުތިޔާރު ވަޒީރަށް އޮންނާނެތޯ ސުވާލު ކުރައްވާފައެވެ.

އެކަމާ ގުޅޭގޮތުން ޝަފީއު ވިދާޅުވީ، ފަރުދީ ގޮތުން އިހުތިޔާރު އޮތް ނަމަވެސް، މަޤާމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ބާރު ވަޒީރުންގެ މައްޗަށް އޮންނާނެކަން ޤާނޫނުއަސާސީން ސާފުކޮށް އެނގޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ޙައިސިއްޔަތު ބޭނުން ކުރައްވައިގެން އަދީބަށް ކަންކަން އެންގެވިކަން ސާފަވަނީ ކިހިނެއްތޯ ކުރި ސުވާލުގެ ޖަވާބުގައި ޝަފީއު ވިދާޅުވީ، އެކަންކަމުގެ ޑައިރެކްޓް ހެއްކެއްގެ ގޮތުން އަހުމަދު އަދީބާއި އަދި އެކަމަށް ބާރު ލިބިދޭ އިތުރު ހެކިތައްވެސް ދައުލަތުން ހުށައަޅާފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ކޯލް ރެޑޯޑިންގތަކާއި، މާލީ މުއާމަލާތްތައް ހިނގާފައިވާ ގޮތާއި ގުޅޭގޮތުން ދައުލަތުން ހުށައަޅާފައިވާ ހެކިތައް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

އަންނަ ހަފުތާގައިވެސް މި މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދަވަން މަސައްކަތް ކުރައްވާނެކަމަަށް ފަނޑިޔާރުން ވިދާޅުވިއެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލްއުސްތާޒު ހަސަން ޝަފީއު, ފަނޑިޔާރު އަލްއުސްތާޒާ ޚުޒައިފާ މުހައްމަދު އަދި އަލްއުސްތާޒު މުހައްމަދު ސަލީމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް