ކ. މާލެ
|
17 ޖޫން 2023 | ހޮނިހިރު 12:08
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ
އަދާލަތު ޕާޓީ
ރައީސް ޞާލިހުގެ ކެމްޕޭން
ރައީސް ޞާލިހަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރެއްވޭނެ: އިމްރާން
އަދާލަތު ޕާޓީއަކީ އާދައިގެ ސިޔާސީ ޕާޓީއެއް ނޫން
މިގައުމުގައި ވެރިކަން ކުރަންވާނީ އިސްލާމީ ހަމަތަކާއި ނިޒާމުގެ ތެރެއިން
ކުރިއަށް އޮތް ދުވަސްތަކުގައި ކެމްޕޭންގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ގެންދެވޭނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރެއްވޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެެއްޖެއެވެ.

ހޯމް މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ އިމްރާން މިހެން ވިދާޅުވީ ހުކުރު ދުވަހުގެ ރޭ އަދާލަތު ޕާޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އިމްރާން ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީގެ ދައުރު ވަރަށް މުހިންމު ކަމަށާއި، މިމަސައްކަތުގައި އެންމެން ބައިވެރިވާންޖެހޭ ކަމަށެވެ. މިކުރާ ދަތުރުގައި މަންޒިލަށް ވާސިލްވުމަށް މަގުސަދު ރައްޔިތުންނަށް ހާމަކޮށްދިނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް އިމްރާން ވިދާޅުވިއެވެ. މި މަސައްކަތަކީ ވަރަށް ގޮންޖެހުންތައް ބޮޑު މަސައްކަތެއް ކަމަށާއި، ކާމިޔާބީއާ ހަމައަށް ގޮންޖެހުމަކާ ނުލާ ނުދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ މަސައްކަތުގެ ދުވެލި އެތައް ގުނައަކުން އިތުރުކުރުމަށް ފުރުސަތު ލިބޭނެ ވަގުތެއް ކަމަށާއި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވި އެ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ އިސްލާހުކޮށް ހެޔޮ ބަދަލު ގެނައުމަށް އެތައް ފުރުސަތެއް ލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ އަދާލަތު ޕާޓީއަކީ އާދައިގެ ސިޔާސީ ޕާޓީއެއް ނޫން ކަމަށެވެ.

އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމް ދީނުގެ ނިޒާމު އޭގެ މައްޗަށް އަޅުގަނޑުމެންގެ އަމިއްލަ ނަފްސާއި، އާއިލާއާ އަމިއްލަ މުޖުތަމައު އާއި އަމިއްލަ ގައުމު އިސްލާހުކޮށްގެން ނުވަތަ ހާނުވައިގެން ވެރިކަމުގެ ނިޒާމެއް އުފެއްދުމަށް އަޅުގަނޑުމެން އުފައްދާފައިވާ ޕާޓީއެއް. އެހެންކަމުން އަޅުގަނޑުމެންގެ މަސައްކަތް އަބަދުވެސް މަސައްކަތް ކުރަންޖެހޭނީ އަޅުގަނޑުމެންގެ އަމިއްލަ ނަފްސުގެ އިސްލާހަށް. އަޅުގަނޑުމެންގެ އާއިލާގެ އިސްލާހަށް އަޅުގަނޑުމެން ދިރިއުޅޭ މުޖުތަމައުގެ އިސްލާހަށް މާހައުލު އިސްލާހަށް. މުޅި ގައުމުގެ އިސްލާހަށް . މިއެންމެން އިސްލާހުވެގެން މުޅި ގައުމަށް ހެޔޮ ބަދަލެއް އަންނާނީ. ގައުމަށް ހެޔޮ ބަދަލެއް ގެނެވޭނީ. އެކަން ކުރެވުނީމަ އަޅުގަނޑުމެންގެ އިގްތިސާދު އަދުލުވެރި އިގްތިސާދަކަށްވާނީ. އަޅުގަނޑުމެންގެ އިޖްތިމާއީ އަދުލުވެރިކަން އަންނާނީ. އަޅުގަނޑުމެންގެ ދުޅަހެޔޮ ރަނގަޅު މުޖުތަމައުއެއް ބިނާވާނީ.
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ

މިއީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ މިގައުމުގައި ވެރިކަން ކުރަންވާނީ އިސްލާމީ ހަމަތަކާއި ނިޒާމުގެ ތެރެއިން ކަމަށެވެ. އެއީ ބަޔަކު ކުރާނެ، ބަޔަކު އުފައްދާނެ ކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ވިދާޅުވީ ބަޔަކު އެކަން ބިނާކުރަންޖެހޭ ކަމަށާއި، މިއަދުގެ މި ޖީލުގައި އެ ޒިންމާ ނަގައިގެން މަސައްކަތް ކުރަމުންދަނީ އަދާލަތު ޕާޓީކަން އޭނާ ފާހަގަކުރެއްވިއެވެ.

ކެމްޕޭނަށް އިޝާރަތް ކުރައްވައި އިމްރާން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ކެމްޕޭންގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ގެންދެވޭނެ ކަމަށާއި، މިއަދު ވެސް ވަނީ އެކަމަށް ތައްޔާރުވެފައި ކަމަށެވެ. މިވަގުތު ރިޔާސީ ރޭހަށް ނުކުންނަން ތިބި ކެންޑިޑޭޓުންނަށް ބަލާއިރު، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ޓީމު ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށާއި، މިހާރު ކެންޕޭން ކުރާނެ ގޮތާއި، ހަރަކާތްތައް ރޭވި ޝެޑިއުލްކޮށް ނިމިފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ވިދާޅުވީ މެނިފެސްޓޯގެ މަސައްކަތް ވެސް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ ޕްލޭންއާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާނަމަ ރައީސް ސާލިހަށް އިންތިޚާބު އެއްބުރުން ކާމިޔާބު ކުރެއްވޭނެ ކަމަށެވެ. ނަމަވެސް އެއީ ވަރަށް ގިނަ މަސައްކަތް ކަމަށާއި، ބޮޑެތި ގުރުބާނީތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ގައުމަށްޓަކައި ކުރާ މަސައްކަތެއް ކަމަށާއި، ގައުމު އިސްލާހު ކުރެވޭނީ ކޮންމެ މީހަކު އެމީހެއްގެ ދައުރު އަދާކޮށްގެން ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ވިދާޅުވީ މި މަސައްކަތަކީ ހަމައެކަނި ސިޔާސީ މަސައްކަތެއް ނޫން ކަމަށާއި، ދީނީ އަޅުކަމެއް ކަމަށް ދެކިގެން ކުރާ މަސައްކަތެއް ކަމަށެވެ.

- ކޮމެންޓް