ކ. މާލެ
|
17 ޖޫން 2023 | ހޮނިހިރު 08:05
ޤައުމީ ބާސްކެޓު ޓީމުގެ އެސިސްޓެންޓް ކޯޗު މުޙައްމަދު ޒިލާލް (ޒިލާ)
ޤައުމީ ބާސްކެޓު ޓީމުގެ އެސިސްޓެންޓް ކޯޗު މުޙައްމަދު ޒިލާލް (ޒިލާ)
ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް
ޓީމަށް ޕްރެޝަރު އޮވޭ، ނަމަވެސް ކުޅުންތެރިން ކުރާ މަސައްކަތް ރަނގަޅު: ޒިލާ
 
މަޑުމަޑުން ގޭމު ތެރެއަށް ވަދެ، މެޗުތަކުގައި އަންނަނީ އެކަންކަން ރަނގަޅު ކުރަމުން

ރާއްޖޭގައި މިހާރު ކުރިއަށްދާ ފައިވް ނޭޝަންސް ބާސްކެޓު މުބާރާތުގައި ވާދަކުރާ ޤައުމީ ބާސްކެޓު ޓީމަށް ޕްރެޝަރުގެ މައްސަލަ ދިމާވާ ކަމަށާއި، ނަމަވެސް ކުޅުންތެރިން ކުރާ މަސައްކަތާމެދު ހިތްހަމަ ޖެހޭ ކަމަށް ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު މުޙައްމަދު ޒިލާލް (ޒިލާ) ބުނެފި އެވެ.

ޒިލާ މިހެން ބުނީ މުބާރާތުގައި ރާއްޖެ އިން ކުޅުނު ދެ ވަނަ މެޗުގައި ޕާކިސްތާނު އަތުން ބަލިވި މެޗަށްފަހު އެވެ. އެމެޗުގައި ވާދަވެރި ކުޅުމެއް ފެނުނުއިރު، ރާއްޖެ ބަލިވެފައި ވަނީ ދެ ޕޮއިންޓުގެ ފަރަގަކުންނެވެ. އެމެޗަށްފަހު ވާހަކަ ދައްކަމުން ޒިލާ ބުނީ، މެޗުގައި ވާދަވެރިކޮށް ދިޔުމަށް ފަހު، ގެއްލިގެން ދަނީ ޕްރެޝަރުގެ ސަބަބުންނޭ ބުނެވިދާނެ ކަމަށެވެ. ސަބަބަކީ ޤައުމުގައި ސަޕޯޓަރުންގެ ކުރިމަތީގައި މިހާތަނަށް ކުޅެފައި ތިބީ ހަތަރު ކުޅުންތެރިން ކަމަށް ޒިލާ ފާހަގަ ކުރި އެވެ. އިތުރަށް ޒިލާ ބުނީ ބައެއް ކުޅުންތެރިންނަށް އެންމެ އެކަށީގެންވާ ވަރަށް ނުކުޅެވޭތީ ވެސް ޕްރެޝަރު ފާހަގަވާ ކަމަށެވެ. ނަމަވެސް މަޑުމަޑުން ގޭމު ތެރެއަށް ވަދެ، މެޗުތަކުގައި ކުޅުންތެރިން އެކަން ރަނގަޅު ކުރަމުން އަންނަ މަންޒަރު ފެންނަ ކަމަށް ވެސް ޒިލާ ވަނީ ބުނެފަ އެވެ. އެހެންކަމުން ކުރިއަށް އޮތް ނޭޕާލް މެޗުގައި ކުޅުންތެރިން، އެ ކުޅުންތެރިންގެ އެންމެ މޮޅު ކުޅުމުގައި ކުޅޭނެ ކަމުގެ އުންމީދު އޮތް ކަމަށް ވެސް އޭނާ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ޒިލާ ބުނީ، ކުރީ މެޗެކޭ އެެއް ގޮތަށް ޕާކިސްތާނު މެޗުގައި ވެސް "ގިޔަރު" ފެއްޓެނީ ތަންކޮޅެއް ލަހުން ކަމަށެވެ. އަދި ގިޔަރު ޖައްސާލެވެނީ މެޗުގެ ފަހު ކޮޅަށްދާ ހިސާބުގައިކަން ފާހަގަކޮށް ޒިލާ ބުނީ، އެކަމުގެ ސަބަބުން ގޭމު ތެރެއަށް ވަންނަން އުނދަގޫވި ކަމަށެވެ. އެކަން އެހެން އޮތް ނަމަވެސް ޤައުމީ ޓީމުގެ ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތާމެދު ހިތްހަމަ ޖެހޭ ކަމަށާއި، އެކަމާ ފަޚުރުވެރިވާ ކަމަށް ވެސް ޒިލާ ވަނީ ބުނެފަ އެވެ. ޒިލާ ފާހަގަ ކުރި ގޮތުގައި މި ފެށުނީ ދިވެހި ބާސްކެޓުގެ ޕްރޮސެސް އެކެވެ. އެގޮތުން ޓީމުގައި ވަރަށް ގިނަ ޒުވާން ކުޅުންތެރިން ތިބި ކަމަށާއި، އެކަންކަމާއެކު ރަނގަޅު މިސްރާބެއްގައި ބާސްކެޓު ކުރިއަށް ގެންދެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ޒިލާ ދެކެ އެވެ.

ކުރީ މެޗެކޭ އެއް ފަދައިން ހަމަ، ގިޔަރު ތަން ކޮޅެއް ލަހުން މި ފެއްޓެނީ. ގިޔަރު ޖައްސާލެވެނީ މެޗުގެ ފަހު ކޮޅަށް ދާ ހިސާބުން. އެއީ އަސްލު މިއަދު ވެސް މައިގަނޑުކޮށް މި ދިމާވި ކަމަކީ. ދެން އެގޮތަށް ދިމާވީމަ ކުޑަކޮށް އުނދަގޫވި އަސްލު ގޭމުގެ ތެރެއަށް ވަދެ ގަންނަން. އެކަމަކު ވެސް ކުޅުންތެރިން މިހާރު ކުރާ މަސައްކަތާ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ، ވަރަށް ބޮޑަށް ހަމަ ފަޚުރުވެެރި ވެސް ވޭ.
މުޙައްމަދު ޒިލާލް (ޒިލާ) / ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު

މީގެ އިތުރުން ޒިލާ ބުނީ، މީގެ ކުރިން ރާއްޖެ އިން ބޭރުގައި ކުޅުނު މެޗުތަކުގައި ކުޅުންތެރިންގެ ފަރާތުން މިހާރު ފެންނަމުންދާ ޓެމްޕޯ ނުފެންނާނެ ކަމަށެވެ. އެހެންކަމުން މިހާރު ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތާމެދު އުފާވާ ކަމަށާއި، މިހާރު ހަމައެކަނި މަދުވާ އެއްޗަކީ ރާއްޖެ އިން ބޭނުންވާ ނަތީޖާ ނުނެރެވުން ކަަމަށް ޒިލާ ވަނީ ބުނެފަ އެވެ. އޭނާ ބުނީ ޑިފެންސް އިން ރަނގަޅު މަސައްކަތެއްކޮށް، ބޯޅަތައް ހޯދައިގެން ގޮސް ނިންމާނުލެވެނީ ކަމަށެވެ.

ރާއްޖެ އަށް މުބާރާތުގައި ދެން އޮތީ ނޭޕާލާ ދެކޮޅަށް ކުޅޭ މެޗެވެ. ފަސް ޤައުމު ވާދަކުރާ މުބާރާތުން ކަޓާނީ ފުލަށް ދާ ޓީމެވެ. އަނެއް ހަތަރު ޓީމު ޖެހޭނީ ސެމީ ފައިނަލްގައި ވާާދަކުރާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް