ރާއްޖޭގައި މިހާރު ކުރިއަށްދާ ފައިވް ނޭޝަންސް ބާސްކެޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ބޫޓާން ބަލިކޮށް ބަންގްލަދޭޝް ސެމީ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.
ބަންގްލަދޭޝް އިން ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ދިވެހިރާއްޖެ ބަލިކޮށްފައެވެ. އަދި މިއަދު ބޫޓާން ބަލިކުރުމަށްފަހު، ބަންގްލަދޭޝް ވެގެން ދިޔައީ މި މުބާރާތުގައި މިހާތަނަށް ބަލި ނުވާ ހަމައެކަނި ޓީމަށެވެ. ބޫޓާން އިންވެސް ވަނީ ނޭޕާލް އަދި ދިވެހިރާއްޖެ ބަލިކޮށް މުބާރާތުގައި ދެ މޮޅު ހޯދާފައެވެ.
ބޫޓާންގެ މައްޗަށް ބަންގްލަދޭޝް އިން ކުރިހޯދާފައިވަނީ 61-53 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ކުއާޓަރުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. އެ ކުއާޓަރު ނިމުނުއިރު 13-13 އިން ދެ ޓީމު ވަނީ އެއްވަރުވެފައެވެ.
ބަންގްލަދޭޝް އިން ވަނީ ދެވަނަ ކުއާޓަރުގައި ކުޅުން ރަނގަޅުކޮށް ލީޑު ނަގާފައެވެ. ދެވަނަ ކުއާޓަރު ނިމުނު އިރު 28-21 އިން ކުރީގައި އޮތީ ބަންގްލަދޭޝްއެވެ. ބޫޓާން އިންވެސް ތިން ވަނަ ކުއާޓަރަށް ނިކުތީ އިތުރު ބަދަލު ތަކަކާއެކު ޓީމު އިތުރަށް ވަރުގަދަ ކޮށްގެނެވެ. ދެވަނަ ކުއާޓަރު ނިމުނު އިރު ބަންގްލަދޭޝްއަށް ހަތް ޕޮއިންޓުގެ ލީޑެއް ލިބުނު ނަމަވެސް، ތިން ވަނަ ކުއާޓަރުގައި ބޫޓާން އިން ވަނީ ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފައެވެ. މި ކުއާޓަރު ނިމުނީ 45-44 އިން ބަންގްލަދޭޝް މޮޅުކޮށެވެ.
ތިން ވަނަ ކުއާޓަރުގައި ބޫޓާން އިން މޮޅަށް ކުޅުނު ނަމަވެސް ހަތަރު ވަނަ ކުއާޓަރުގައި އެ ޓީމަށް މާ ގިނަ ހަމަލާތަކެއް ފޮނުވާލަން ބަންގްލަދޭޝް ޓީމުން ފުރުސަތެއް ނުދިނެވެ. މި ކުއާޓަރުގައި ބަންގްލަދޭޝް އިން 16 ޕޮއިންޓު ހޯދާފައިވާއިރު ބޫޓާން އަށް ލިބުނީ 9 ޕޮއިންޓެވެ.
ފައިވް ނޭޝަންސް މުބާރާތުގައި ހޮނިހިރު ދުވަހު ހަވީރު ބޫޓާން ނިކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. އަދި ހޮނިހިރު ދުވަހުގެރޭ ބަންގްލަދޭޝް ނިކުންނާނީ ނޭޕާލް އާ ދެކޮޅަށެވެ. ދެ ޓީމުވެސް ސެމީ އިން ޖާގަ ހޯދުމަށް ބޭނުންވަނީ އެންމެ މޮޅެކެވެ.