ކ. މާލެ
|
16 ޖޫން 2023 | ހުކުރު 16:16
ޤުރުއާން މުބާރާތެއްގެ ބައިވެރިއަކު ޤުރުއާން ކިޔަވަނީ
ޤުރުއާން މުބާރާތެއްގެ ބައިވެރިއަކު ޤުރުއާން ކިޔަވަނީ
އިސްލާމިކް މިނިސްޓްރީ
އެމްކިޔުއޭ
ޤުރުއާނުގެ އިލްމުގެ ޕްރޮގްރާމުތަކުގެ ފެންވަރާމެދު އޮންނަ ކަންބޮޑުވުމާއި ހިތްހަމަނުޖެހުންތައް ކުޑަކުރަން ގަވާއިދެއް
މި ގައިވާދުގެ ދަށުން އެއްގޮތް ކުރި ސްޓެންޑަޑްތައް ވަނީ ގެޒެޓުކޮށްފައި
މި ގަވާއިދު އެކުލަވައިލަން ޖެހުނީ ވަރަށް މުހިންމު މަގުސަދުތަކެއް ހާސިލް ކުރުމަށް ކަމަށް އެމްކިޔުއޭއިން ބުނޭ
މިއީ އެމްކިޔުއޭއިން އެކުލަވައިލި ގަވާއިދެއް

ކީރިތި ޤުރުއާނުގެ އިލްމުގެ ތައުލީމީ ޕްރޮގްރާމުތަކުގެ ފެންވަރާމެދު އޮންނަ ކަންބޮޑުވުމާއި ހިތްހަމަނުޖެހުންތައް ކުޑަކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަވާއިދެއް އެކުލަވާލައިފިއެވެ.

އެމްކިޔުއޭއިން ބުދަ ދުވަހު އާއްމު ކުރި މި ގަވާއިދަކީ އެ އޮތޯރިޓީން އެކްރެޑިޓްކުރާ ޤުރުއާނާއި ޤުރުއާނުގެ އިލްމުގެ ދާއިރާގެ މަތީތައުލީމުގެ ޕްރޮގްރާމުތަކުގެ މުގައްރާރާއި އެހެނިހެން ކަންކަމާ ގުޅޭ ގޮތުން ހުންނަޖެހޭ ސްޓެންޑަޑްތައް ބަޔާންކޮށް އެކުލަވާލައިފައިވާ ގަވާއިދެކެވެ. މި ގަވާއިދު އެކުލަވައިލަން ޖެހުނީ ވަރަށް މުހިންމު މަގުސަދުތަކެއް ހާސިލް ކުރުމުގެ ބޭނުމުގައި ކަމަށް އެމްކިޔުއޭއިން ބުންޏެވެ.

މި ބަދަލާއެކު މަތީ ތައުލީމުގެ ޕްރޮގުރާމްތައް އެކްރެޑިޓް ކުރާނީ އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ސްޓޭންޑަޑްތަކާ އެއްގޮތަށެވެ. މި ގަވާއިދުގެ ދަށުން ޤުރުއާނު އިލްމުގެ ދާއިރާގެ ކޮލިފިކޭޝަންތަކެއް ކަމުގައި ބަލާނީ ޤާރީ، ޤިރާޢަތު ޕްރޮގްރާމުތަކާއި، ޤުރުއާން ޓީޗިން ޕްރޮގްރާމުތަކާއި އިމާމް ޕްރޮގްރާމުތަކެވެ.

އެމްކިޔުއޭއިން ބުނެފައިވާ ގޮތުގައި މި ގަވާއިދު އެކުލަވާލާފައިވަނީ އާއްމުންނާއި، ދާއިރާގެ މާހިރުންނާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ދަރިވަރުންގެ މެދުގައި ފެންވަރާ މެދު އޮންނަ ކަންބޮޑުވުމާއި ހިތްހަމަނުޖެހުންތައް ކުޑަކޮށް، މަތީ ތައުލީމުދޭ މަރުކަޒުތަކުގައި ކިޔަވައިދޭ މުގައްރަރުތައް އެއްގޮތް ކުރުމެވެ. އެގޮތުން ތައުލީމު ދޭ އެކި މަރުކަޒުތަކުގައި ކިޔަވައިދޭ މުގައްރަރުތައް ތަފާތުވުމުން ދަރިވަރުންނަށް އެކަމުގެ ނޭދެވޭ އަސަރުކުރާ ކަމަށާއި އެއް މަރުކަޒަކުން ލެވެލެއް ނިންމުމަށްފަހު އަނެއް ލެވެލް ކިޔަވަން އެހެން މަރުކަޒަކަށް އެ ދަރިވަރު ދާއިރު އެ ބަދަލުވި މަރުކަޒުގައި ކިޔަވައި ނިންމައިފައި ހުރި ތަޖުވީދު ފިލާވަޅަކީ، އެ ދަރިވަރު ކިޔަވައިފައިނުވާ ފިލާވަޅަކަށްވުމުން ޓީޗަރުންނަށް އިތުރު ބުރައެއް ކުރިމަތިވާ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

މަތީ ތައުލީމުދޭ ބައެއް މަރުކަޒުތަކުން ކުރު މުއްދަތެއްގައި ޤުރުއާނުގެ އިލްމުގެ ޕްރޮގްރާމޔްތައް ކުރިއަށްގެންދާކަން ފާހަގަކުރެވިފައިވާކަން ފާހަގަކޮށް އެމްކިޔުއޭއިން ބުނީ ކިޔވައިގެން ނުކުންނަ ދަރިވަރުންގެ ތެރެއިން ކިޔަވައިދެވެން އޮންނަ އެންމެ އެކަށީގެންވާ މުއްދަތުގައި ކިޔަވާ ދަރިވަރުންގެ ކިޔެވުން ރަނގަޅުކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން، މި ގައިވާއިދުގެ ދަށުން މަތީ ތައުލީމުދޭ ބައެއް މަރުކަޒުތަކުގައި ކިޔަވައިދޭ މުއްދަތު އެއްވަރު ކުރެވޭނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

މީގެ އިތުރުން މި ގަވާއިދާއެކު ފެންވަރު ރަނގަޅު ޓީޗަރުން އުފެއްދޭނެ ކަމަށް ވެސް އެމްކިޔުއޭއިން ބުނެފައިވެއެވެ. އެގޮތުން، މިހާރު ފަރުމާކޮށްފައިވާ ޕްރޮގްރާމުތަކުގެ ކޮންޓެންޓް މަދުވުމާއެކު ކިޔުމުގެ ބައި ވަރަށް ބޮޑުތަނުން މަދުވެފައިވާ ކަމަށާއި ނަމަވެސް ޓީޗަރަކަށްވެގެން ނުކުންނައިރު މުޅި ޤުރުއާން ކިޔަވައިފައި އޮތުމަކީ މުހިންމު ކަމެއް ކަމަށް އެ އޮތޯރިޓީން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އައު ގަވާއިދުގައި ހިމެނޭ ސްޓެންޑަޑްތަކާއެކު ޕްރޮގްރާމްތައް ފުރިހަމަކޮށްގެން ނުކުންނަ ޓީޗަރުން ތިބޭނީ ދެ ފަހަރަކު މުޅި ހަތިމު އެއްކޮށް ކިޔަވާފައި ކަމަށާއި މީގެ ސަބަބުން އެ ޓީޗަރުންގެ ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުވެފައި ރީތިވާނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

މި ގައިވާދުގެ ދަށުން ސްޓެންޑަޑްތައް ކަނޑައަޅާފައިވަނީ ކޯ-މޮޑިއުލްތަކާއި ކޯ-މޮޑިއުލްތަކުގެ މުޤައްރަރާއި ކޯހުގެ މުއްދަތާއި ކްރެޑިޓާއި ޓީޗަރުންގެ ޝަރުތުތަކާއި ޕްރޮގްރާމްތަކަށް ވަދެވޭ ޝަރުތުތަކަށެވެ.

މި ބައިތަކުގެ ސްޓެންޑަޑްތައް މިހާރު ވަނީ ގެޒެޓުކޮށްފައެވެ.

- ކޮމެންޓް