ބޭންކް އޮފް މޯލްޑިވްސް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން ބައިނަލްއަގްވާމީ ދުނިޔޭގައި ފަތުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ އިސްތިހާރުކުރުމަށް ކެމްޕޭނެއް ފަށައިފިއެވެ.
"އެކްސްޕީރިއަންސް މޯލްޑިވްސް"ގެ ނަމުގައި ކުރިއަށް ގެންދާ މިކެމްޕޭން ފައްޓަވައިދެއްވީ ޖެން ހޮޓެލްގައި ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޓޫރިޒަމް އޮނަރަބަލް މޫސާ ޒަމީރެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އެންޑޯޒްކޮށްފައިވާ "އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕޭނާ ގުޅޭ ގިނަ މައުލޫމާތުތަކެއް މި ރަސްމިއްޔާތުގައިވަނީ ހާމަކޮށްފައެވެ.
މިކެމްޕޭންގެ ދަށުން، އެމެރިކަން އެކްސްޕްރެސްގެ ބައިނަލްއަގްވާމީ ކްލަޔަންޓްސް ނެޓްވޯކްގައި ރާއްޖެ އިސްތިހާރުކުރާނެއެވެ.
މި ކެމްޕޭނުގައި ރާއްޖޭގެ ވިއްސަށްވުރެ ގިނަ ރިސޯޓުން މިހާރުވަނީ ބައިވެރިވެފައެވެ. އަދި ފަތުރުވެރިން ޗުއްޓީ ހޭދަކޮށްލުމަށް ދިވެހިރާއްޖެ އިހްތިޔާރުކުރަން ހިތްވަރުދިނުމުގެ ގޮތުން މިކެމްޕޭނަށް ޚާއްސަ އޮފަރ ތަކެއް މި ރިސޯޓްތަކުން ދެމުންދާނެއެވެ.
މި ކެމްޕޭނާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ އެމެރިކަން އެކްސްޕްރެސް އާ ގުޅިގެން ފަތުރުވެރިކަން އިސްތިހާރުކުރުމުގެ މިކެމްޕޭނު ހިންގުމުގެ ފުރުސަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މިއީ ދިވެހި ރާއްޖެއަށް ވަރަށް މުހިއްމު ހަރަކާތަކަށް ވާނެ ކަމައް ކަމަށާއި އަދި މި ކެމްޕޭންގެ ތެރެއިން ދުނިޔޭގެ ހުރިހާ ހިސާބެއްގެ ފަތުރުވެރިންނަށް ރާއްޖެ އިސްތިހާރުވެގެންދާނެ ކަމަށް ހީލީ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމެރިކަން އެކްސްޕްރެސް ބޭންކިންގ ކޯޕަރޭޝަންގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް އަދި ސީއީއޯ މަނޯޖް އަދްލަޚާ ވިދާޅުވީ މި ކެމްޕޭންގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުގައި ތިބި އެމެރިކަން އެކްސްޕްރެސްގެ އެންމެ ޚާއްސަ ކްލަޔަންޓުން މެދުގައި ދިވެހި ރާއްޖޭގެ ނަން އުފުލިގެންދާނެ ކަމަށެވެ.