އިތުރު ވިސާއެއް ނެގުމަކާ ނުލައި ދިވެހިންނަށް ޔޫރަޕިއަން ޔޫނިއަންއަށް ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގައި ކުރިއެރުންތަކެއް ލިބިއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ މިއަދު ބޭއްވުނު ޔޫރަޕިއަން ޔޫނިއަންއާއި ދިވެހިރާއްޖޭގެ ސީނިއަރ އޮފިޝަލުންގެ ބައްދަލުވުމުގެ ހަތަރުވަނަ ސެޝަނަށްފަހު ނެރެފައިވާ ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގައެވެ.
ރާއްޖެއާއި އީޔޫއިން ނެރެފައިވާ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި މިއަދުގެ ބައްދަލުވުމުގައި އީ.ޔޫގެ މެމްބަރު ޤައުމުތަކަށް އިތުރު ވިސާއެއް ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން ރާއްޖެއާއި އީޔޫއިން މަޝްވަރާކޮށްފައިވެއެވެ.
އަދި، އީޔޫއަށް ވިސާއާ ނުލައި ދަތުރުކުރެވޭ ޤައުމުތަކުގެ ލިސްޓު ދެން އެންމެ އަވަހަށް ރިވިއު ކުރާއިރު އިތުރު ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް އީޔޫއަށް ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުމާމެދު އީ.ޔޫއިން ގޮތެއް ނިންމާނެ ކަމަށް ޖޮއިންޓް ޕްރެސްގައި ފާހަގަކޮށްފައިވެއެވެ.
މިއަދު ކުރެވުނު މަޝްވަރާތަކުގައި އީޔޫ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށާއި މިހާރަށް ވުރެ ބޮޑަށް އީޔޫ އާއި ރާއްޖެއާ ދެމެދު ދަތުރުފަތުރު އިތުރު ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.