ކ. މާލެ
|
14 ޖޫން 2023 | ބުދަ 12:44
މަންމަ އާއި ބައްޕައާއެކު ރާއި
މަންމަ އާއި ބައްޕައާއެކު ރާއި
ރާއްޖެއެމްވީ
މުޙައްމަދު ރާއިފް ޝަރީފް (ރާއި)
ރާއި: އެތައް ގޮތަކުން ޚާއްސަ، ހުވަފެނަކީ ސިފައިންގެ މީހަކަށްވުން
ސިފައިންގެ މީހަކަށްވުމަކީ ރާއި ދެކެމުން އަންނަ ހުވަފެނެއް
ސްކޫލްގެ ހުރިހާ ޓީޗަރުންނާއި އެކުވެރި ކްލާސް ކުދިން ރާއި ދެކެ ނުހަނު ލޯބިވޭ
އުމުރުން 18 އަހަރުގެ ރާއި އަކީ ޑައުން ސިންޑްރޯމް ކުއްޖެއް

ޢާއިލާއެއްގެ ތެރެއަށް އުފަންވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ އެ ޢާއިލާއެއްގެ ޚާއްޞަ ކުދިން ކަމުގައި ވެއެވެ. އެކުދިން ހިމެނެނީ އެ މުޖަތަމައެއްގެ ވެސް ޚާއްޞަ ކުދިންގެ ތެރޭގައެވެ. އެކުދިންނަށް ޚާއްޞަ ލޯތްބަކާއި، ޚާއްޞަ އަޅާލުމަކާއި، ޚާއްޞަ އޯގާތެރިކަމެއް އަބަދުވެސް ބޭނުންވެއެވެ.

މިފަދަ ކުއްޖަކު ޢާއިލާ އަށް އުފަންވުމާއެކު އިތުރު އައު ގޮންޖެހުންތަކަކާއެކު ނަމަވެސް، މުޅިން އައު ހިތްވަރަކާއެކު އެ ޢާއިލާއެއްގެ ދިރުއުޅުން ބައްޓަން ކުރަންޖެހެއެވެ. އަމިއްލަ ވަރަށްގިނަ އުފާތަކެއް ޤުރުބާންކޮށް، ޚާއްޞަ ދަރިފުޅަށް ޚާއްޞަ ގޮތްތަކެއް ހޯދައި ދޭން މަސައްކަތް ފަށަން ޖެހެއެވެ.

މިފަދަ އެއް ކުއްޖަކީ 2023 ޖޫން 17ން 25ށް ބާލިންގައި ބޭއްވޭ ސްޕެޝަލް އޮލިމްޕިކް ގޭމްސްގައި ބައިވެރިވުމަށް ޖަރުމަނުގެ ބާލިން އަށް ގޮސްހުރި މުޙައްމަދު ރާއިފް ޝަރީފް (ރާއި) އެވެ.

މަންމަ އާއި ބައްޕައާއެކު ރާއި - ރާއްޖެއެމްވީ

ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތުކޮށް ހެޔޮލަފާ ޞާލިޙު ދަރިއެއްގެ ގޮތުގައި މުޖްތަމަޢުއަށް ނެރުމަކީ ކޮންމެ މަންމައަކާއި ބައްޕައެއްގެ ވެސް އެންމެ ބޮޑު އެއް އުއްމީދެވެ. އަދި ހަމަ އެހެންމެ ލޯބިވާ ދަރިފުޅު ޤައުމީ ޚިދުމަތަށް ނުކުމެ ޤައުމު ތަމްސީލު ކުރާ ދުވަހަކީ އެ މަންމަ އާއި ބައްޕަ އެ ދަރިފުޅާ މެދު ނުހަނު ފަޚުރުވެރިވާނެ ޚާއްޞަ ދުވަހެއްކަން ޔަޤީނެވެ.

ރާއި ޖާރޒީ ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ: ޔޫތު މިނިސްޓްރީ

ބާލިންގައި ބާއްވާ ސްޕެޝަލް އޮލިމްޕިކް ގޭމްސްގައި ރާއި ބައިވެރިވެއެވެ. ދުނިޔޭގެ އެކި ޞަރަޙައްދުތަކުގެ ޤައުމުތަކުން 7000 އަށްވުރެ ގިނަ ސްޕެޝަލް އެތުލީޓުން ބައިވެރިވާ މި ކުޅިވަރު މުބާރާތުގައި ދިވެހިރާއްޖޭގެ ސްޕެޝަލް އެތުލީޓުންގެ ތެރޭގައި ހިމެނި ރާއި ދިވެހިރާއްޖެ ތަމްސީލް ކުރަނީ ބެޑްމިންޓަން ކުޅުންތެރިއެއްގެ ގޮތުގައެވެ.

ސްޕެޝަލް އޮލިމްޕިކްސް ޓީމް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، މެޑަމް ފަޒްނާ އަދި ޔޫތު މިނިސްޓަރު އަޙްމަދު މަޙުލޫފް

އިމާދުއްދީން ސްކޫލްގެ ޖުވެނައިލް ސެންޓަރުގައި ކިޔަވަމުން އަންނަ އުމުރުން 18 އަހަރުގެ ރާއި އަކީ ޑައުން ސިންޑްރޯމް ކުއްޖެކެވެ.

ކުރުގޮތަކަށް ބުނާ ނަމަ ޑައުންސިންޑްރޯމް ކުދިންނަކީ އެ ކުދިން އުފެދުމުގެ ނާޒުކު ކަމުން ވަރަށް ރިސްކު ހައި ކުދިންނެވެ. އެ ކުދިންނަށް ވާހަކަ ދައްކަން އުނދަގުލެވެ. ހިތުގެ މައްސަލަތައް ދިމާވެއެވެ. ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ މި ކުދިންނަކީ ދުޅަހެޔޮ ޞިއްހަތަކަށްޓަކައި އަބަދުމެ ބޭސް ފަރުވާ ކުރަންޖެހިފައިވާ ޚާއްޞަ ކުދިންނެވެ.

ރާއި ކްލާސް ކުދިންނާއެކު ސްރީލަންކާގައި ކިޔަވަން އުޅުނު ދުވަސްވަރު

ރާއި އަކީ ދެމަފިރިއެއްގެ އަލަތު ދަރިފުޅެވެ. އާއިލާ އަށް އުފަންވާ އަލަތު ދަރިފުޅު އަބަދުވެސް ވެގެންދަނީ އާއިލާގެ ޚާއްޞަ ކުއްޖަކަށެވެ.

ރާއި އަކީ ޚާއްޞަ ކުއްޖެއްކަން އެނގުމުން އެ ޚާއްޞަ ކަން ވަކިން އިތުރުވެގެން ދިޔައެވެ. ދެ މަފިރިންގެ ދިރިއުޅުން އެ ދަރިފުޅަށްޓަކައި ޚާއްޞަ ކުރިއެވެ.

ރާއްޖެއިން އެކަށީގެންވާ ފަރުވާ ލިބެން ނެތުމުން ރާއިގެ އުމުރުން އެންމެ ތިން އަހަރުގައި އެ ޢާއިލާ އަވަށްޓެރި ސްރީލަންކާ އަށް ހިޖުރަކުރިއެވެ. މަތީ ތައުލީމް ފުރިހަމަކޮށްފައި ހުރެމެ ރާއިގެ ދިރިއުޅުން އުޖާލާ ކުރުމަށްޓަކައި އެ މަންމަ އަދާކުރަމުން އައި ސަރުކާރުގެ ވަޒީފާ ދޫކޮށްލިއެވެ. އެ ދަރިފުޅުގެ މުސްތަޤްބަލަށްޓަކައެވެ. މުޖްތަމަޢު ތެރޭގައި ބާކީ ނުވެ ދިރިއުޅެވޭނެ ދަރިއަކަށް ހެދުމަށްޓަކައެވެ. ދަރިފުޅަށް އުޖާލާ، ފަހި މުސްތަޤުބަލެއްގެ މަގު ކޮށައިދިނުމަށެވެ.

އެ މަސައްކަތުގެ ތެރެއިން ސްޕީޗް ތެރެޕީ ކްލާސްތަކުގައި ބައިވެރިކުރުވައި، އެ ދަރިފުޅަށް ފަރުވާ ދޭން ފެށިއެވެ. ސްކޫލަށް ވައްދައި، އާދައިގެ އެހެން ކުދިންނާއެކު އުޅެން ދަސްކުރުވިއެވެ.

ސްރީލަންކާގައި ކިޔެވި ދުވަސްވަރު ސްކޫލްގެ ހުރިހާ ޓީޗަރުންނާއި އެކުވެރި ކްލާސް ކުދިން ރާއި ދެކެ ނުހަނު ލޯބި ވިއެވެ. ސްޕީޗް ތެރެޕީގެ ސަބަބުން ވާހަކަ ދެއްކުމުގައި އުނދަގޫ ކަމެއް ހުރި ނަމަވެސް ދިވެހި ބަހުންނާއި، އިނގިރޭސި ބަހުން ވާހަކަ ދައްކަން ދަސްކުރިއެވެ.

އެތަކެއް ޤުރުބާނީތަކަކާ އެކު ސްރީލަންކާގައި 08 އަހަރު ހޭދަ ކުރުމަށްފަހު ރާއި ގޮވައިގެން ރާއިގެ ޢާއިލާ އެނބުރި މާލެ ބަދަލުވިއިރު ރާއި އަކީ އެ އުމުރުފުރާގެ އެހެން ކުދިންނެކޭ އެއްވަރަށް ތައުލީމް ޙާޞިލުކޮށްފައި ހުރި ކުއްޖެކެވެ. ކުޅިވަރު ކުޅުމަށް ޝައުޤުވެރިކަން ހުރި ކުއްޖެކެވެ. ދީނީ ކަންތައްތަކަށް ލޯބި ކުރާ ކުއްޖެކެވެ.

ސްކޫލްގެ އެކުވެރިންނާއެކު: ފޮޓޯ އިމާދުއްދީން

މާލެ އައިސް ރާއި ވަނީ އިމާދުއްދީން ސްކޫލުގެ ރާއި ފަދަ ޚާއްޞަ ކުދިންނަށް ހިންގާ ޖުވެނިއަލް ސެންޓަރުގެ ޚާއްޞަ ކްލާހަށެވެ. އިމާދުއްދީން ސްކޫލުގައިވެސް ރާއި މިއަދު ވަނީ އޭނާގެ ހިތްވަރާއި މަސައްކަތުން ފިޔަ ޖަހާލާފައެވެ.

ރާއި އަކީ މިހާރު ސްކޫލްގެ ސީނިއަރ ޕްރިފެކްޓެކެވެ. ސްކޫލްގެ އިތުރު ޙަރަކާތްތަކުގައި ރާއި ބައިވެރިވަނީ އެކަމަށްޓަކައި ހުންނަ ލޯތްބަކާއި، ޝައުޤުވެރިކަމެއްގެ ސަބަބުންނެވެ. އިމާދުއްދީންގައި ރާއިގެ ހީރޯ އިންނަކީ ރާއިގެ މުދައްރިސުންނެވެ.

ރާއި އަކީ އިމާދުއްދީން ސްކޫލްގައި މިހާރު ކުރިއަށްގެންދާ ވޮކޭޝަނަލް ޕްރޮގްރާމްގެ ނޭޝަނަލް ސެޓްފިކެޓް 3 އިން ޕޭސްޓްރީ ކޯހުގެ ދަރިވަރެއްވެސް މެއެވެ.

ރާއި އޭނާގެ ކްލާސް ކުދިންނާއި ޓީޗަރުންނާއެކު : ފޮޓޯ އިމާދުއްދީން

ސިފައިންގެ މީހަކަށް ވުމަކީ ރާއި ދެކެމުން އަންނަ ހުވަފެނެކެވެ. އެހެންކަމުން އިމާދުއްދީންގެ ކެޑޭޓާ ގުޅި ކެޑޭޓް ޙަރަކާތްތަކުގައި ބައިވެރިވިއެވެ. މިހާރު އެއީ ފަޚްރުވެރި ސީނިއަރ ކެޑޭޓެކެވެ.

ރާއި ބުނާ ގޮތުގައި ކެޑޭޓް ޔުނިފޯމްގައި ހަތިޔާރު ހިފަހައްޓައިގެން ހުރެވުނު ދުވަހަކީ ރާއިގެ ޙަޔާތަށް އައި އުފާވެރި ދުވަސްތަކުގެ ތެރެއިން އެންމެ އުފާވެރި އެއް ދުވަހެވެ.

ސިފައިންގެ މީހަކަށް ވުމަކީ ރާއި ދެކެމުން އަންނަ ހުވަފެނެއް

މީގެ އިތުރުން އެންމެ ޝައުޤުވެރިކަމާއެކު ކުރާ އެއްކަމަކީ ބޭރުގެ ފުޓްބޯޅަ މެޗްތައް ބެލުމެވެ. އިންގްލިޝް ޕްރިމިއަރ ލީގަކީ ރާއިގެ ޚާއްޞަ ލީގެވެ. ކުރިން މެންޗެސްޓަރ ޔުނައިޓެޑަށް ސަޕޯރޓް ކުރުމަށްފަހު، ލިވަރޕޫލް އަށް ސަޕޯރޓް ކުރަން ފެށިއެވެ. އަދި މިދިޔަ އަހަރު އަނެއްކާވެސް ސަޕޯޓް ކުރާ ޓީމް ބަދަލުކޮށް މެންޗެސްޓަރ ސިޓީ އަށް ސަޕޯރޓް ކުރަން ފެށިއެވެ.

ފީފާ ވޯލްޑް ކަޕާއި، ޔޫރޯ ފުޓްބޯޅަ މުބާރާތަކީ ރާއިގެ ޚާއްޞަ ދެމުބާރާތެވެ. ސަޕޯރޓް ކުރާ ޓީމް ބަލިވެއްޖެނަމަ އެކަމާ ހިތާމަކޮށް ރޮއި ހަދާއިރު ރާއި ސަޕޯޓްކުރާ ޓީމެއް މޮޅުވެއްޖެނަމަ އެވަރަށް އުފާކުރުންވެސް އޮވެއެވެ.

ދުނިޔޭގެ މަޝްހޫރު ހުރިހާ ފުޓްބޯޅަ ކުޅުންތެރިންނަކީ ރާއި ދެކެ ފަރިތަ ކުޅުންތެރިންނެވެ. އެކުޅުން ތެރިންގެ ނަމާއި، ޤައުމާއި، ކުޅޭ ކްލަބްތައް ވެސް ވަރަށް ފުރިހަމަ އަށް އެނގެއެވެ.

ޖާޒީ ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ ޔޫތު މިނިސްޓްރީ

ޚާއްޞަ އެތުލީޓެއްގެ ގޮތުގައި، ޚާއްޞަ އެތުލީޓުންގެ ތެރޭގައި ހިމެނި، ޚާއްޞަ އޮލިމްޕިކްސްގައި ދިވެހިރާއްޖެ ތަމްސީލު ކުރަން ޖަރުމަނުގައި މިވަގުތު ރާއި އެހުރީ ރާއި އަށްޓަކައި ރާއިގެ މައިންބަފައިން ވީ ޤުރުބާނީގެ އަގުވަޒަންކުރަމުންނެވެ. އެ މަންމަ އާއި ބައްޕަ ފަޚުރުވެރި ކުރުވަމުންވެ.

ސްޕެޝަލް އޮލިމްޕިކްސް ޓީމް

ސްޕެޝަލް އޮލިމްޕިކްސް ގޭމްސްގައި ދިވެހިރާއްޖެއިން މިއަހަރު ވާދަ ކުރަނީ ދެ ކުޅިވަރަކުންނެވެ. އެއީ ބެޑްމިންޓަން އާއި އެތުލެޓިކްސް އެވެ.

މި ދެކުޅިވަރުން ޖުމްލަ 06 ޚާއްޞަ އެތުލީޓުން ރާއްޖެ ތަމްސީލް ކުރާނެއެވެ. ރާއި އަށާއި ރާއިގެ ޚާއްޞަ ޓީމަށް ފުރިހަމަ ކާމިޔާބީ އެއް އެދެމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް