ކ. މާލެ
|
14 ޖޫން 2023 | ބުދަ 12:05
މާލޭ މަގުމަތީގައި ފެންބޮޑުވެފައި
މާލޭ މަގުމަތީގައި ފެންބޮޑުވެފައި
ރާއްޖެއެމްވީ
މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެން ހިންދާ ނިޒާމ
މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެން ހިންދުމުގެ ނިޒާމު ހެދުމަށް ހުޅުވާލި ސާވޭގެ މުއްދަތު އިތުރުކޮށްފި
ސާވޭއެއް ފަށާފައިވަނީ އާއްމުންގެ ޚިޔާލު ހޯދުމަށް
ސާވޭގެ މުއްދަތު ހަމަވާނީ މި މަހުގެ 23 އާ ހަމައަށް

މމާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމުގެ ގޮތުން މިހާރު އަޅާފައިވާ ފެންހިންދާ ނިޒާމަށް ބައެއް އިތުރު ކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ނިންމައި، އާއްމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލި ސާވޭގެ މުއްދަތު އިތުރުކޮށްފިއެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މި ސާވޭ މި މަހުގެ 23 އާ ހަމައަށް ކުރިއަށްގެންދިއުމަށް މިހާރު ވަނީ ނިންމާފައެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއަކީ ވިއްސާރަވުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، މިހާރުއެޅިފައިވާ ފެންހިންދުމުގެ ނިޒާމަށް ބައެއް އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެގޮތުން މިމަޝްރޫއު ކުރިއަށް ގެންދިއުމަށްހަމަޖެހިފައިވަނީ ފެންބޮޑުވާ ކަމަށް ބެލެވޭ ސަރަހައްދުތަކުގައި ހެދޭ ފެން މޫދަށް ބޭރުކުރުމަށް ހޮޅިތަކެއް އަޅައިގެން ކަމަށާއި މި މަޝްރޫއުގެ ދަށުން އަޅާ ހޮޅިއަކީ މިހާރު މާލޭ މަގުހެދުމުގެ ޕްރޮޖެކްޓްގައި ބޭނުންކުރެވޭ ހޮޅިއަށްވުރެ ފަލަ ހޮޅިތަކެއެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން އާއްމުކޮށްފައިވާ ކުރެހުންތަކުން ދައްކާ ގޮތުގައި މާލޭގެ ހަ ސަރަހައްދެއްގައި މި ހޮޅިތައް އަޅާނެއެވެ. އެއީ ކާނިވާ ސަރަހައްދާއި ރާޅުގަނޑު ސަރަހައްދާއި ދަރުމަވަންތަ ހޮސްޕިޓަލު ކުރިމަތިން ބޭރު މަގުގަ އާއި ރަސްފަންނު އަދި މަޖީދީމަގުގައި ސޯޝަލް ސެންޓަރު ކައިރިން ފެށިގެން ބޭރު މަގުން ވެސްޓް ޕާކާ ދެމެދުގައި އޮންނަ ސަރަހައްދެވެ.

މި ހޮޅިތައް އެޅުމަށް 3 ނުވަތަ 4 މަސްދުވަހުގެ މުއްދަތަކަށް މަގު ކޮނެގެން މަސައްކަތްކުރިއަށްދާނެ ކަން ފާހަގަކޮށް ޕްލޭނިން މިނިސްޓްރީން ބުނީ މި މުއްދަތުގެ ތެރޭގައި އެ ސަރަހައްދުތަކުން ދަތުރުކުރާ ފަރާތްތަކަށާއި، ހިނގާބިނގާ އުޅެ ފަރާތްތަކަށާއި ދިރިއުޅޭ ފަރާތްތަކަށް ދަތިތަކެއްކުރިމަތިވާނެކަމަށެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މަހުގެ 23 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ ސާވޭއަކީ މި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށާއި މުޖުތަމައަށް އަސަރު ފޯރާނޭ މިންވަރު ބެލުމުގެ ގޮތުން، ލޭންޑް އެންޑް މެރިން އެންވަޔަރަމަންޓަލް ރިސޯސް ގްރޫޕް (ލަމަޔަރ) އިން ތައްޔާރުކުރާ ރިޕޯޓުގެ ބައެއް ކަމަށެވެ.

މި މަޝްރޫއު ކުރިއަށްގެންދަން ނިންމާފައިވާކަން ހާމަކުރި ނަމަވެސް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް އަދި ޕްލޭނިންގ މިނިސްޓްރީން އިއުލާންކޮށްފައި ނުވެއެވެ.

- ކޮމެންޓް