ކ. މާލެ
|
14 ޖޫން 2023 | ބުދަ 09:55
މަޖިލީހުގެ ޖަލްސާ
މަޖިލީހުގެ ޖަލްސާ
މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާ
މިއަދުވެސް މަޖިލީހުގެ ޖަލްސާ ކުރިއަށްގެންދަން ފުރުސަތެއް ނުދިން، މަޝްވަރާއަށް މެދުކަނޑާލައިފި
ރިޔާސަތުގައި އިންނެވި އަފީފް ޖަލްސާ މެދުކަނޑާލައްވަމުން ވިދާޅުވީ ޕާޓީތަކާއި އެކު މަޝްވަރާކުރެވޭނެ މަގު ފަހިކޮށްދިނުމަށް ސެކްރެޓޭރިއެޓްގައި އެދިވަޑައިގަންނަވާނެކަމަށް
މަޖިލީހުގެ ޖަލްސާ މެދުކަނޑާލީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު މަޖިލީހުގައި ދިމާވާ ކަންކަން މަޝްވަރާގެ މަތިން ހައްލުކުރުމަށް ފުރުސަތު ދެއްވުމަށް އެދިލެއްވި ހިސާބުން
ބުދަ ދުވަހު ރިޔާސަތު ބެލެހެއްޓެވީ އަފީފް، މަޖިލީހުގައި އަޑުގަދަކުރައްވަމުން ގެންދެވި މެންބަރުންގެ ނަން އިއްވަވާފައެއް ނުވޭ

ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާ ފެށުމާއެކު އިދިކޮޅު ބައެއް މެންބަރުން އަޑުގަދަކުރައްވަން ފައްޓަވާ، މަޖިލީހުގެ ނިޒާމް ގެއްލުވާލުމުން މަޖިލީހުގެ ޖަލްސާ މެދުކަނޑާލައިފިއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.

މަޖިލީހުގެ ޖަލްސާ ފެށި އިރު 42 މެންބަރުން މަޖލީހަށް ހާޒިރުވެވަޑައިގެން ތިއްބެވިއެވެ.

ބުދަ ދުވަހުގެ ޖަލްސާ އަށް މަޖިލީހަށް ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާ ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލަ ވަނީ އެޖެންޑާކޮށްފައެވެ. އެހެންނަމަވެސް މަޖިލީހުގެ ޖަލްސާ ފެށުމާއެކު ފުރުސަތު ދެއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަ ހުށަހެޅުއްވުމަށެވެ.

އެ މައްސަލަ އަކީ ސަރުކާރުން ބަދަލުގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދޫކުރި ގޮތް ސާފުކުރުމަށް ހުށަހެޅި މައްސަލަ އެކެވެ.

މަޖިލީސް ފެށުމާއެކު އިދިކޮޅު ބައެއް މެންބަރުން ވަނީ ރިޔާސަތުގެ މޭޒު ކައިރިއަށް ވަޑައިގެން އަޑުގަދަކުރައްވާފައެވެ. އާއްމު ގޮތެއްގައި މެންބަރުން ނިޒާމާއި ޚިލާފުވުން ނަސޭހަތްތެރިވުމަށް ފަހު ނަން އިއްވައެވެ. އަދި މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަވަނީ ނިޒާމާއި ޚިލާފުވާ މެންބަރުންގެ ނަން އިއްވުމަށް ފަހުގައެވެ. އެހެންނަމަވެސް ބުދަ ދުވަހު ރިޔާސަތު ބެލެހެއްޓެވި އަފީފް، މަޖިލީހުގައި އަޑުގަދަކުރައްވަމުން ގެންދެވި މެންބަރުންގެ ނަން އިއްވަވާފައެއް ނުވެއެވެ.

މެންބަރުން ވަނީ ނިޒާމީ ނުކުތާތައް ނަންގަވައިގެން ކޯޓުތަކަށާއި ސަރުކާރަށް ފާޑު ވިދާޅުވެފައިވެއެވެ.

ޝަރީފްގެ ކުއްލި މައްސަލަ ހުށަހަޅުއްވަނިކޮށް މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ނިޒާމީ ނުކުތާ އެއް ނަންގަވާފައެވެ. އަދި އަމިއްލަ ޕާޓީގެ މެންބަރުންނާއި މަޝްވަރާނުކުރައްވާ ކޮމިޓީތަކުގެ މައްސަލަ އެޖެންޑާ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތުން ވިދާޅުވީ އެ ނިޒާމީ ނުކުތާ ނެގޭނީ ކޮމިޓީތަކުގެ މައްސަލަ އާއި ހަމައަށް އެޖެންޑާ ކުރިއަށް ގެންދެވުމުން ކަމަށެވެ. މަޖިލީހުގައި އާޒިމް ވަނީ މެންބަރު އާދަމް ޝަރީފްގެ މައިކުން ވާހަކަ ވެސް ދައްކަވާފައެވެ.

އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ނިޒާމީ ނުކުތާ އެއް ނަންގަވާ ވާހަކަދައްކަވަމުން ދަނިކޮށް ޝަރީފްގެ މޭޒު ކައިރި އަށް ވަޑައިގެން ބައެއް މެންބަރުން ވަނީ އަޑުގަދަކުރައްވާފައެވެ.

މަޖިލީހުގެ ޖަލްސާ މެދުކަނޑާލީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު މަޖިލީހުގައި ދިމާވާ ކަންކަން މަޝްވަރާގެ މަތިން ހައްލުކުރުމަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގެންނެވި ހިސާބުންނެވެ.

ރިޔާސަތުގައި އިންނެވި މެންބަރު އަފީފް ޖަލްސާ މެދުކަނޑާލައްވަމުން ވިދާޅުވީ ޕާޓީތަކާއެކު މަޝްވަރާކުރެވޭނެ މަގު ފަހިކޮށްދިނުމަށް ސެކްރެޓޭރިއެޓުގައި އެދިވަޑައިގަންނަވާނެކަމަށެވެ. ޖަލްސާ ނިންމަވާލައްވަމުން ދެން ޖަލްސާ ފަށާނެ ވަގުތެއް ހާމައެއް ނުކުރައްވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް