ކ. މާލެ
|
14 ޖޫން 2023 | ބުދަ 07:37
ޕީއެސްޖީ އަށް ކުޅެމުން އަންނަ އެމްބާޕޭ މެސީ އާއެކު
ޕީއެސްޖީ އަށް ކުޅެމުން އަންނަ އެމްބާޕޭ މެސީ އާއެކު
ޓްވީޓަރ
ޕީއެސްޖީ
ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
 
އެމްބާޕޭ ބުނީ، މެސީ އަކީ ފުޓުބޯޅައިގެ ތާރީޚުގައި ވެސް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލަން ނިންމި ލިއޮނަލް މެސީ އަށް ފްރާންސްގައި ލިބެން ޖެހޭ ހައްގު އިހުތިރާމް ނުލިބުނު ކަމަށް، މެސީއާއެކު އެ ކުލަބަށް ކުޅުނު ކީލިއަން އެމްބާޕޭ ބުނެފި އެވެ.

ބާސެލޯނާ ދޫކޮށް ދެ އަހަރަށް ޕީއެސްޖީ އަށް ބަދަލުވި މެސީ ވަނީ، މި ސީޒަނަށް ފަހު އެ ކުލަަބު ދޫކޮށްލަން ނިންމައިފަ އެވެ. އެ ނިންމުން މެސީ ނިންމި ނަމަވެސް، ޕީއެސްޖީން ބޭނުންވީ އޭނާގެ އެއްބަސްވުން އައު ކުރުމަށެވެ. ޕީއެސްޖީ ދޫކޮށްލުމަށް ފަހު މިހާރު މެސީ ވަނީ އެމެރިކާ ލީގުގެ އިންޓަ މިއާމީ އަށް ބަދަލުވާން ނިންމައިފަ އެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެމްބާޕޭ ބުނީ، މެސީ އަކީ ފުޓުބޯޅައިގެ ތާރީޚުގައި ވެސް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށެވެ. އެހެންކަމުން މެސީ ކަހަލަ ކުޅުންތެރިޔަކު ޕީއެސްޖީ ދޫކޮށްލަން ނިންމި ޚަބަރަކީ އުފާވެރި ޚަބަރެއް ނޫން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެމްބާޕޭ ބުނީ ޕީއެސްޖީ ދޫކޮށްލަން މެސީ ނިންމުމާއެކު، އެހާ ގިނަ ބަޔަކަށް ހިތްހަމަ ޖެހުމާއި، އުފާވެރިކަން ލިބެނީ ކީއްވެ ކަމެއް އޭނާ އަށް ނޭންގޭ ކަމަށެވެ. ހަމައެއާއެކު ޕީއެސްޖީ ދޫކޮށް މެސީ ދިޔައިރު، ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު ކަމަށް ވެސް އެމްބާޕޭ ވަނީ ބުނެފަ އެވެ. އެމްބާޕޭ ފާހަގަ ކުރި ގޮތުގައި މެސީއާ އެކު އެއް ޓީމަކަށް ކުޅުމަކީ އޭނާ އަށް ލިބުނު ފަޚުރެކެވެ. އެހެންކަމުން މެސީ ޕީއެސްޖީގައި ހޭދަ ކުރި ދެ އަހަރަކީ އެމްބާޕޭ އަށް ވަރަށް އުފާވެރި ދެ އަހަރު ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެމްބާޕޭ ވެސް ޕީއެސްޖީ ދޫކޮށްލަން އުޅޭ ކަމުގެ އަޑުތައް މިހާރު ވަނީ ފެތުރިފަ އެވެ. ޕީއެސްޖީއާއެކު މިހާރު އެމްބާޕޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން އެ އެއްބަސްވުން އިތުރަށް އައު ކުރަން ބޭނުންނުވާ ކަމަށް އެމްބާޕޭ ވަނީ ޕީއެސްޖީއަށް އަންގާފަ އެވެ. އެހެންކަމުން އެ އެއްބަސްވުން އެމްބާޕޭ އައު ނުކޮށްފި ނަމަ، އެކުލަބުން އޭނާ ވިއްކާލަން ވިސްނަމުން ދާ ކަމަށް މީޑިއާތަކުން ބުނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
17%
17%
17%
17%
0%
33%
ކޮމެންޓް