ކ. މާލެ
|
13 ޖޫން 2023 | އަންގާރަ 20:46
ޒިނެދީން ޒިދާން
ޒިނެދީން ޒިދާން
ޓްވިޓަރ
ޒައިނުއްދީން ޒިދާން
ފްރާންސްގެ ކޯޗަކަށް ވާން ބޭނުންވުމަކީ "ލޮޖިކަލް" ކަމެއް ކަމަށް ޒިދާން ބުނެފި
މުސްތަގުބަލުގައި ޓީމާ ހަވާލުވުމުގެ ފުރުސަތު އޮތް ކަމަށް ޒިދާން ބުނި

ފްރާންސްގެ ކޯޗަކަށް ވުމަކީ އޭނާގެ ކެރިއަރުގައި ކުރިއަށް އޮތް "ލޮޖިކަލް" ފިޔަވަޅެއް ކަމަށާއި ނަމަވެސް މިއީ އެ ބަދަލު ގެނައުމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ޒައިނުއްދީން ޒިދާން ބުނެފިއެވެ.

2022 ވަނަ އަހަރު ޤަތަރުގައި ބޭއްވި ވޯލްޑް ކަޕަށްފަހު ޒިދާން ފްރާންސްގެ ކޯޗުކަމާ ހަވާލުވާނެކަމަށް ގިނަވާހަކަތަކެއް ފެތުރުނީ މުބާރާތް ނިމުމުން ޑިޑިއޭ ޑެޝޯމްޕްސް މަގާމުން އިސްތިއުފާ ދޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާތީއެވެ. އާޖެންޓީނާ އާ ދެކޮޅަށް ވޯލްޑް ކަޕް ތަށި ދިފާއު ނުކުރެވުމުން ދުނިޔޭގެ ފުޓުބޯޅަ ސަޕޯޓަރުން ހީކުރީ ޑެޝޯމްޕްސް މަގާމުން އިސްތިއުފާ ދޭނެކަމަށެވެ. ނަމަވެސް އޭނާ ވަނީ 2026 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް އެއްބަސްވުން އައުކޮށްފައެވެ.

މިވަގުތު ފްރާންސް ޓީމާ ހަވާލުނުވި ނަމަވެސް، މުސްތަގުބަލުގައި ޓީމާ ހަވާލުވުމުގެ ފުރުސަތު އޮތް ކަމަށް ޒިދާން ބުންޏެވެ. 2021 ވަނަ އަހަރު ރެއާލް މެޑްރިޑް ދޫކޮށްލުމަށްފަހު އޭނާ އެއްވެސް ޓީމަކާ ހަވާލުވެފައެއް ނުވެއެވެ. ނަމަވެސް ގިނަ އަދަދެއްގެ ކުލަބުތަކުން އޭނާ ހޯދުމަށް މަސައްކަތް ކުރެއެވެ.

ޒިދާން ރެއާލް މެޑްރިޑްގެ ކޯޗު ކަމާ ހަވާލުވީ 2016 ވަނަ އަހަރުއެވެ. ރެއާލް އާއެކު ވިދިވިދިގެން ތިން ޗެމްޕިއަންސް ލީގު އަދި 2017 ވަނަ އަހަރުގެ ސްޕެނިޝް ލީގު ކާމިޔާބުކުރުމުން އޭނާ ފާހަގަ ކުރެވިފައިވަނީ ޔޫރަޕުގެ އެންމެ މޮޅު އެއް ކޯޗުގެ ގޮތުގައެވެ.

ރެއާލް މެޑްރިޑުގެ ކޯޗުކަން ޒިދާން ދޫކޮށްލާފައިވަނީ 2018 ވަނަ އަހަރުއެވެ. ނަމަވެސް އޭގެ އަހަރެއް ފަހުން އެނބުރި އައިސް އޭނާ ވަނީ ރެއާލްއަށް ސްޕެނިޝް ލީގާއި ކަޕު ކާމިޔާބުކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް