ކ. މާލެ
|
13 ޖޫން 2023 | އަންގާރަ 14:05
އެމްއެމްޕީއާރްސީ ހިޔާނާތް- އަދީބު ވަނީ ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވާފައި
އެމްއެމްޕީއާރްސީ ހިޔާނާތް- އަދީބު ވަނީ ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވާފައި
ރާއްޖެއެމްވީ
ރ ފުއްގިރި ހިޔާނަތުގެ މައްސަލަ
އަދީބު ހެކިބަސް ދޭން ދިޔުމުން ޔާމީނުގެ ވަރުގަދަ އިންޒާރެއް: "ޕީޕީއެމް ސަރުކާރެއްގައި ތިހެން ހުރެވިދާނެތަ؟"
ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާކަން ހަނދުމަ ކޮށްދެއްވަމުން ޔާމީނު ވަނީ އިންޒާރު ދެއްވާފައި
ގާޒީ ވަނީ އެފަދައިން ސުވާލު ނުކުރެއްވުމަށް ޔާމީންއަށް އަންގަވާފައި
ކޮންމެ ބަޔަކު ވެރިކަމުގައި ތިބި ނަމަވެސް، ޕީޖީ އޮފީހަކީ މިނިވަން މުސްތަޤިއްލު މުއައްސަސާއެއް

ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހެކިބަސް ދެއްވަން ކޯޓަށް ވަޑައިގެންނެވުމުން، ކުރީގެ ނައިބްރައީސް އަހުމަދު އަދީބަށް އެ މައްސަލައިިގެ ޚަސްމެއްކަމަށްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނު އިންޒާރު ދެއްވައިފިއެވެ.

ހޯމަ ދުވަހުގެ އަޑުއެހުމުގައި އަދީބުހެކިބަސްދެއްވާފައިވާއިރު ޔާމީނުވެސް ވަނީ އަދީބާ ބައެއް ސުވާލުތައް އަމާޒު ކުރައްވާފައެވެ.

އަދީބު ދެއްވި ހެކިބަހަށް ބަލާއިރު، މި މައްސަލައިގެ ހުކުމް ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް އެއިން ލިބޭނެ ފައިދާއެއް އަދި ގެއްލުމެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މި އަޑުއެހުމުގައި ޔާމީނު ވަނީ އަދީބު ދެކިލައްވާ ގޮތް ބެއްލެވުމަށްކަމަށް ވިދާޅުވެ، ދައުލަތުން ބޭނުންވާ ގޮތަށް ނޫން ގޮތަކަށް ހެކިބަސް ދީފިނަމަ ގޭބަންދު ނިމުމަކަށް އަންނާނެތޯ ސުވާލު ކުރައްވާފައެވެ.

އެ ސުވާލުގެ ޖަވާބުގައި އަދީބު ވަނީ، އޭނާ ގޭބަންދުގައި ހުރީ ސިއްޙީ ސަބަބުތަކަކަށްޓަކައި ކަމަށް ވިދާޅުވެ، އެއީ ދައުލަތާއެކު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ ސަބަބުން ލިބުނު ލުޔެއް ނޫންކަމަށް ވިދާޅުވެފައެވެ.

އެހިސާބުން ޔާމީނު ވަނީ، ހިތްހަމަޖެހިވަޑައިނުގެން ހުންނަވައި އަދީބާ ސުވާލުތަކެއް އަމާޒު ކުރައްވާފައެވެ. އެގޮތުން ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާކަން ހަނދުމަ ކޮށްދެއްވަމުން ޔާމީނު ވަނީ ޕީޕީއެމްގެ ވެރިކަމެއް އައިސްފިނަމަ، ޕްރޮސެކިއުޓަރ ޖެނެރަލާއެކު އެއްބަސްވުންތައް ހައްދަވައިގެން ގޭގައި ހުންނެވިދާނެހެން ހީއްކުރެއްވޭތޯ ސުވާލު ކުރައްވާފައެވެ. އޭގެ ޖަވާބުގައި އަދީބު ވަނީ ޕީޖީ އޮފީހަކީ މިނިވަން މުއައްސަސާއެއްކަމަށް ވިދާޅުވެފައެވެ.

Advertisement

އެހެން ވިދާޅުވުމުން ޔާމީނު ވަނީ، ޕީޖީ އޮފީހަކީ މިނިވަން މުއައްސަސާއެއް ނަމަވެސް، ޔާމީނުގެ ވެރިކަމުގައި އަދީބަށް އެ ލުއިތައް ލިބިދީފައިނުވާކަން ހަނދުމަކޮށްދެއްވާފައެވެ.

އެބީދައިން ޔާމީނު ވާހަކަ ދެއްކެވުމުން މައްސަލަ ބައްލަވާ ގާޒީވެސް ދެފަހަރެއްގެ މަތިން އެ ވާހަކަ ހުއްޓުވާފައިވެއެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއުވެސް ވަނީ ކޮންމެ ބަޔަކު ވެރިކަމުގައި ތިބި ނަމަވެސް، ޕީޖީ އޮފީހަކީ މިނިވަން މުސްތަޤިއްލު މުއައްސަސާއެއްކަމަށް ވިދާޅުވެ، ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށް ސަރުކާރަކަށް ބަސް ނުބުނެވޭނެކަން ފާހަގަ ކުރައްވާފައެވެ.

ޕީޖީ އޮފީހަކީ ސަރުކާރުން އަންގާ ކޮންމެ ކަމެއް ކުރަން އޮންނަ މުއައްސަސާއެއް ނޫންކަންވެސް ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވިއެވެ.

ޔާމީން ސުވާލުތައް އަމާޒުކުރެއްވިގޮތުން ޝަރުޢީކޯޓުތަކަށް ރައީސުލްޖުމްހޫރިއްޔާގެ ބާރު އޮންނާނެފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވުމުން ދައުލަތުގެ ވަކީލު ޝަފީޢު އިޢުތިރާޟް ކުރައްވައި ވިދާޅުވީ، ތިން ބާރު ވަކި ވެފައިވާ ދައުލަތް ހިންގުމުގެ ނިޒާމަށް ގޮންޖައްސަވައި ސުވާލު އަމާޒު ނުކުރެއްވޭނެކަމަށެވެ.

ގާޒީ ވަނީ އެފަދައިން ސުވާލު ނުކުރެއްވުމަށް ޔާމީންއަށް އަންގަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް