ކ. މާލެ
|
12 ޖޫން 2023 | ހޯމަ 06:16
ޤައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ކޭވައިއާރުސީ ޓީމް
ޤައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ކޭވައިއާރުސީ ޓީމް
ޤައުމީ ނެޓްބޯޅަ މުބާރާތް
ޤައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް ހޯދައިފި
ފައިނަލް މެޗު ކާމިޔާބުކުރީ ގްރީން ސްޓްރީޓްސްއާ ވާދަކޮށް

ޤައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ) ހޯދައިފިއެވެ.

ކުޅުދުއްފުށި ޓީމުން ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ވާދަވެރި ކުޅުމަކަށްފަހު ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްގެންނެވެ. ފައިނަލް މެޗު ކުޅުދުއްފުށިން ކާމިޔާބުކުރީ 66-59 ނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ކުޅުދުއްފުށި ޓީމުގެ އާއިޝަތު ސަލީމާއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާއެވެ. އަދި އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ވެސް ސަލީމާ ހިމެނެއެވެ. މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ ކުޅުދުއްފުށި ޓީމްގެ މަރިޔަމް ޝިނާއަތު, އާމިނަތު ފިރުޝާ, މަލާކު އިސްމާއީލް މުޙައްމަދު, ގްރީން ސްޓްރީޓްސްގެ ލަޔާން އަލީ ރަޝީދު, އާމިނަތު ރީމް ޝާމް, އަދި އާމިނަތު ނަޒުރާ އެވެ.

މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ ސްޕޯރޓްސް ކްލަބް ޝައިނިންގ ސްޓާގެ އައިޝަތު ޝާޔާ ފަސާހުއެވެ. އެންމެ މޮޅު ކޯޗަކީ ޗެމްޕިއަންކަން ހޯދައިދިން ކޯޗު ނީޝާ ހަލީމްއެވެ. މުބާރާތުގައި ވާދަކުރީ ފަސް ޓީމެވެ. ލީގު ބުރުގެ އެއްވަނަ ޓީމްގެ ގޮތުގައި ފައިނަލަށް ދަތުރުކުރީ ގްރީން ސްޓްރީޓްސްއެވެ. ދެވަނަ ޓީމްގެ ގޮތުގައި ކޭވައިއާރުސީއެވެ. އެކަމަކު ގްރީންއަށް އެއްވަނަ ލިބުނީ ލީގު ބުރުގައި ކޭވައިއާރުސީން މެޗު ނުކުޅެ ދޫކޮށްލުމުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް