ރާއްޖޭގެ ޞިއްޙީ ދާއިރާ ޑިޖިޓަލައިޒްކޮށް އައިޓީ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލް، 15 އަތޮޅު ހޮސްޕިޓަލް އަދި 163 ޞިއްޚީ މަރުކަޒަށް އައިޓީ އިކުއިޕްމަންޓް ހަވާލުކޮށްފިއެވެ.
އާދިއްތަ ދުވަހު މީރުމާ މާލަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިތަކެތި ޙަވާލުކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމްއެވެ.
މިއަދު ޙަވާލުކުރެވުނު ތަކެތީގެ ތެރޭގައި ހިމެނެނީ؛
· 608 ކޮމްޕިއުޓަރ ސިސްޓަމް
· 44 ލެޕްޓޮޕް
· 500 ޓެބްލެޓް
· 14 ވީޑިއޯ ކޮންފަރެންސް ސިސްޓަމް
· 551 ޕްރިންޓަރ
ޞިއްޙީ ދާއިރާގެ އައިޓީ އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މި މަސައްކަތަކީ ރާއްޖޭގައި ހިންގާ އައިސީޓީ ހާޑްވެއަރގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. މި މަޝްރޫޢުއަށް 56 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
އާދިއްތަ ދުވަހު ޙަވާލުކުރެވުނު އިކުއިޕްމަންޓްގެ ސަބަބުން ހޮސްޕިޓަލް އަދި ސިއްޙީ މަރުކަޒުތަކަށް އައިޓީ ސާމާނު ލިބުން ދަތިވާ މައްސަލައަށް ހައްލެއް ލިބުމުގެ އިތުރުން ރާއްޖޭގެ ސިއްޙީ ދާއިރާ ޑިޖިޓަލައިޒްކޮށް އެއް ސިސްޓަމްއަކުން ގުޅާލުމަށް ކުރެވޭ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށް ސިއްހީ ވުޒާރާ އިން ބުނެއެވެ. މީގެ އިތުރުން ފ އަތޮޅުގައި މިހާރު ފަށާފައިވާ ޕްރައިމަރީ ހެލްތްކެއަރ ޕްރޮޖެކްޓް މުޅި ރާއްޖެއަށް ފުޅާކުރެވިގެންދާނެކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.